ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި ކޯލިޝަންހެދުމާ ބެހޭގޮތުން ޖުމްހުރީޕާޓީއާ މަޝްވަރާ ކުރާނެ ޓީމު މޯލްޑިވްސް ތާޑުވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އިން އެކުލަވާލައިފިއެވެ.

އެޓީމިގައި ހިމެނެނީ ތިން ބޭފުޅެކެވެ. އެއީ ޕާޓީގެ ސީނިއަރ ކައުންސިލް މެންބަރު އަބްދުލް ރަޝީދު ނާފިޒާއި، ސެކްރެޓަރީ ޖެނެރަލް އަހުމަދު އަޝްރަފާއި، ލީގަލް އެޑްވައިޒަރު އަލްއުސްތާޛު މުޙައްމަދު ހަލީމެވެ. މީގެ ތެރެއިން ޓީމުގެ ލިޑަރެއްގެ ގޮތުގައި ހުންނަވާނީ އަބްދުލް ރަޝީދު ނާފިޒެވެ.

ޖޭޕީން ގެންދަނީ އެ ޕާޓީން އިސްވެއޮވެ އެކުލަވާލާ ކޯލިޝަނުގައި ބައިވެރިވުމުގެ ދައުވަތު ސިޔާސީ ޕާޓީތަކާއި ސިޔާސީ ބޭފުޅުންނަށް ދެމުންނެވެ. އެގޮތުން އެންމެފަހު ދައުވަތު ދެއްވީ އެމްޓީޑީއަށެވެ.

ޖޭޕީން ވަނީ ޕީޕީއެމަށާއި އެމްއާރުއެމަށާއި، އެމްއެންޕީއަށް ވެސް ދައުވަތު ދީފައެވެ. އެމްއާރުއެމުން ވަނީ ޖޭޕީއާއެކު މަޝްވަރާ ކުރަން ނިންމައިފައެވެ. ޕީޕީއެމުން ބުނީ ޖޭޕީއާއެކު މަޝްވަރާ ފެށުމުގެ ކުރިން އެޕާޓީ ސަރުކާރު ކޯލީޝަނުން ވަކިވާންޖެހޭ ކަމަށެވެ. އެމްއެންޕީން ބުނެފައިވަނީ ރިޔާސީ އިންތިޚާބުގެ ފުރަތަމަބުރުގައި އެއްވެސް ބަޔަކާއެކު ކޯލިޝަން ނުހަދާނޭ ކަމަށެވެ.