6.4 މިލިއަން ޑޯޒްގެ ކޮވިޑް ވެކްސިން ގަތުމަށްޓަކައި މެލޭޝިޔާ ސަރުކާރުން ޔޫކޭގެ ކުންފުންޏެއް ކަމަށްވާ އެސްޓްރަޒެނެކާއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އަންގާރަ ދުވަހު ވީޑިއޯ މެސެޖެއް މެދުވެރިކޮށް ގައުމާ މުޚާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން މެލޭޝިޔާގެ ބޮޑުވަޒީރު މުހްޔިއްދީން ޔާސީން ވިދާޅުވީ، ޔޫކޭގެ ކުންފުނިން ވެކްސިން ގަތުމަށް ހެދި އެއްބަސްވުމުގެ އިތުރުން، އިތުރު ވެކްސިން ގަތުމަށްޓަކައި ޗައިނާ އަދި ރަޝިޔާއާވެސް މެލޭޝިޔާއިން މަޝްވަރާ ކުރަމުންދާ ކަމަށެވެ.

ވެކްސިން ގަތުމުގެ މަސައްކަތް މެލޭޝިޔާ ސަރުކާރުން ފަށާފައިވާއިރު، މެލޭޝިޔާ މިހާރު ތަޖުރިބާ ކުރަމުންދަނީ ކޮވިޑް-19 ބަލީގެ ތިންވަނަ ރާޅެވެ.

އެމެރިކާގެ ފައިޒަރ ކުންފުންޏާއި، ޖަރުމަނުގެ ބަޔޯއެންޓެކް ގުޅިގެން އުފެއްދި ވެކްސިންގެ 12.8 މިލިއަން ޑޯޒްގެ ވެކްސިން ގަތުމަށް މެލޭޝިޔާއިންވަނީ މިދިޔަ ނޮވެމްބަރުމަހު އެއްބަސްވުން ހަދާފައެވެ.

ހަމަ އެއާއެކު، ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ކުރިއަށްގެންދާ ކޮވެކްސް ޕްރޮގްރާމްގެ ތެރެއިންވެސް ވެކްސިން ހޯދުމަށް މެލޭޝިޔާއިން ގެންދަނީ މަސައްކަތް ކުރަމުންނެވެ.

ބޮޑުވަޒީރު މުހްޔިއްދީން ޔާސީން ވިދާޅުވީ، މެލޭޝިޔާގެ މުޅި އާބާދީގެ %40 އަށް ބޭނުންވާ ވެކްސިން މިހާރު އަތްމަތި ކުރެވިފައިވާ ކަމަށެވެ.

ޗައިނާއިން ވެކްސިން ގަތުމަށް މެލޭޝިޔާއިން މަޝްވަރާ ކުރަމުންގެންދަނީ ޗައިނާގެ ސިނޮވެކް އަދި ކެންސީނޯ ބަޔޮލޮޖިކްސްއާއެވެ. ރަޝިޔާއިން ވާހަކަ ދައްކަމުން ގެންދަނީ ގަމާލިއާ އިންސްޓިޓިއުޓާއެވެ.