ސީޒަނުގެ ބާކީ އޮތް ދެމަހެއްހައި ދުވަހަށް ލެސްޓަރ ސިޓީގެ ކޯޗް ކަމުގެ މަގާމަށް ޑީން ސްމިތް މިއަދު ހަމަޖައްސައިފިއެވެ.

ޑީން ސްމިތް، ލެސްޓަރ ސިޓީގެ ކޯޗުގެ މަގާމަށް ހަމަޖައްސާފައި މިވަނީ، މިސީޒަނުގައި އެކްލަބަށް ލިބެމުންދިޔަ ދަށް ނަތީޖާތަކުގެ ސަބަބުން ބްރެންޑެން ރޮޖާސް މިދިޔަ ހަފްތާގައި ވަކި ކުރުމަށްފަހުއެވެ.

ކުރިން އެސްޓަންވިލާ އާއި ނޯވިޗަށް އިރުޝާދު ދިން ޑީން ސްމިތަށް ހަވާލުވެފައި އޮތް މަސްއޫލިއްޔަތަކީ ރެލިގޭޝަނުން ލެސްޓަރ ސަލާމަތް ކޮށްދިނުމެވެ. ލީގުގައި ބާކީ 8 މެޗް އޮތްއިރު ތާވަލުގެ ފުލުން ދެވަނައިގައި ލެސްޓަރ އޮތީ 25 ޕޮއިންޓާއެކުއެވެ. ލެސްޓާގެ އިތުރުން ރެލިގޭޝަނާ ހަނގުރާމަ ކުރަމުން އަންނަނީ 23 ޕޮއިންޓާއެކު ތާވަލުގެ ފުލުގައި އޮތް ސައުތެމްޓަނާއި 27 ޕޮއިންޓާއެކު 18 ވަނައިގައި އޮތް ނޮޓިންހަމް ފޮރެސްޓެވެ.

ލެސްޓަރގެ ކޯޗްކަމާ ހަވާލުވުމަށްފަހު ޑީން ސްމިތު ބުނީ ސީޒަނުގެ މުހިއްމު ހަފްތާތަކަށް އެކްލަބުގެ ކޯޗްކަމަށް ހަމަޖެއްސުމުން އުފަލުން ހުރިކަމަށެވެ. "އަހަރެމެން ކުރިމަތީގައި އޮތީ ގޮންޖެހުން ވަރަށް ސާފު. މީގެ ކުރިން އަހަންނާއި އަހަރެންގެ ކޯޗިންގ ޓީމުން މިފަދަ ހަލާތެއް ތަޖުރިބާކުރިން. ލީގުގައި ބާކީ އޮތް މެޗުތަކުގެ އަދަދަށާއި ޓީމުގެ ސްކޮޑުގައި ތިބި ކުޅުންތެރިންގެ ފެންވަރަށް ބަލާއިރު ރެލިގޭޝަނުން ސަލާމަތްވެވިދާނެ" ޑީން ސްމިތް ބުންޏެވެ.

ލެސްޓަރ ސިޓީގެ ނަން ގިނަބައެއްގެ ސިކުނޑީގައި ހަރުލައިގެންދިޔައީ ފުޓްބޯޅައިގެ ދުނިޔެ ސިއްސުވާލުމަށްފަހު ކްލައުޑިއޯ ރަނިއޭރީގެ އިރުޝާދުގެ ދަށުން 2015/16 ސީޒަނުގެ ޕްރިމިއަރ ލީގުގެ ޗެމްޕިއަންކަން ހޯދުމުންނެވެ.