ފަލަސްތީނުގެ ނާބުލުސްއަށް މިއަދު ފަތިހު ޒަޔަނިސްޓް ސިފައިން ދިނަ ހަމަލާއާ ގުޅިގެން ފަލަސްތީނު މީހުންނާ ދެމެދު ބަޑީގެ ހަމަލާތައް ބަދަލު ކުރުމަށް ފަހު ޒަޔަނިސްޓް ސިފައިން ވަނީ ފަލަސްތީނުގެ ދެމީހަކު ޝަހީދު ކޮށްފައެވެ.

އޭގެ އިތުރުން އިބްރާހީމްގެފާނުގެ ޒިޔާރަތް ސަރަހައްދުގައި ޒަޔަނިސްޓް ސިފައިންނާ ލެފިގަތް އުމުރުން 23އަހަރުގެ ފަލަސްތީނު މީހުވެސް ބިންމައްޗަށް ވައްޓާލައިގެން ޒަޔަނިސްޓުން ވަނީ އަނިޔާ ކޮށްފައެވެ. އެމީހާ ވަނީ ހަތިޔާރާ ނުލައި ގޮސް ހަތިޔާރު އެޅި ޒަޔަނިސްޓް ސިފައިންގެ ދެމީޙުންނާ ލެފިގެންފައެވެ.

މިއަދުވެސް ޒަޔަނިސްޓް ފާދިރީންނާއެކު ޔަހޫދީންގެ ގިނަ އަދަދެއްގެ ބަޔަކު ވަނީ މަސްޖިދުލްއަގްސާގެ ހަރިންމައަށް ވަދެފައެވެ. ފަތިސްނަމާދަށް މިސްކިތުގެ ސަރަހައްދު ބަންދު ކުރުމަށްފަހު ޒަޔަނިސްޓް ސިފައިން ވަނީ ފޯރިމަރަން ފަށާފައެވެ.

މަދު އަދަދެއްގެ ފަލަސްތީނު މީހުންދަނީ އަދިވެސް މަސްޖިދުލްއަގްސާގައި އިއުތިކާފު ކުރަމުންނެވެ. އިޒްރޭލު ސިފައިން ވަނީ އުމުރުން 50ން ދަށުގެ ފަލަސްތީނު މީހުން މަސްޖިދުލްއަގްސާއަށް ވަނުން މަނާ ކޮށްފައެވެ.