އިއްޔެ ބޭއްވި ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަނުން އެނގިގެންދިޔައީ ގުރައިދޫދާއިރާގެ ރައްޔިތުން ސަރުކާރާއެކު ތިކަން ކަމަށް އެމްޑީޕީގެ އިސްލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ބައި-އިލެކްޝަން ކާމިޔާބުކުރި އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހީމް ޝާޒަށް މަރުހަބާ ވިދާޅުވެއް ކުރެެއްވި ޓުވީޓެއްގައެވެ. "މި އިންތިޚާބުން ހާމަވެގެން މިދިޔައީ ސަރުކާރާއެކު ދާއިރާގެ ރައްޔިތުން ތިއްބެވިކަން،" ރައީސް ވިދޅުވިއެވެ. މިއީ ގުރައިދޫ ދާއިރާގެ ގޮނޑި އެމްޑީޕީއަށް ލިބުނު ފުރަތަމަ ފަހަރެވެ. މީގެ ކުރިން އެދާއިރާގެ ގޮނޑި މުޅީންވެސް ކާމިޔާބުކޮށްފައިވަނީ އެމްޑީޕީއާ އިދިކޮޅު ފިކުރުގެ ޕާޓީތަކުންނެވެ. "ފުރަތަމަ ފަހަރަށް މިދާއިރާގެ ގޮނޑި އެމްޑީޕީއަށް ކާމިޔާބުވަމަކީ ޕާޓީއަށް ލިބުނު ބޮޑުކުރިއެރުމެއް،" ކަމަށް ވެެސް ރައީސް ވިދާޅުވެފައިވެއެވެ.

އެދާއިރާގެ ގޮނޑި އެމްޑީޕީ ކާމިޔާބުކުރީ 1340 ވޯޓު ހޯދައިގެންނެވެ. ޕީޕީއެމްގެ ކެންޑިޑޭޓަށް ލިބިފައިވަނީ 1226 ވޯޓެވެ. މި އިންތިޚާބުގައި 80 ޕަސެންޓު މީހުންވަނީ ވޯޓުލައިފައެވެ.