މަޖިލީހުގެ ނައިބު ރައީސް ރީކޯއާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައިފި

0
ރައީސް ސޯލިހާއި ރީކޯ މޫސާ މަނިކު ބައްދަލުކުރައްވަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް، ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކާއި ބައްދަލު ކުރައްވައިފިއެވެ.

ރައީސް ސޯލިހާއި ބައްދަލު ކުރެއްވުމަށްފަހު ނަގާފައިވާ ފޮޓޯއެއް ރީކޯ މޫސާމަނިކު ވަނީ ޓްވީޓް ކުރައްވާފައެވެ. ނަމަވެސް ބައްދަލުވުމާއި ބެހޭ ގޮތުން އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ. ބައްދަލުވުން އޮތީ ރިޔާސީ ގަނޑުވަރު މުލީއާގޭގައެވެ.

ރައީސް އާއި މޫސަގެ ފޮޓޯ ރީޓްވީޓް ކުރަމުން ސޫޒަން އިބްރާހިމް ލިޔުއްވާފައިވަނީ “ހެވީލޯޑްގެ ކޮރަޕްޝަންގެ މައްސަލަތއް ތަޙްޤީޤުކޮށް، ދައުލަތައް އޭގެ ބަދަލު ނަގާނެކަމަށް” ބުނުމުން ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް މޫސަ ވަނީ އެއަށް ރައްދު ދެއްވާފައެވެ.

Advertisement

މޫސަ އެ ޓްވީޓަށް ރައްދުދެއްވައި ވިދާޅުވީ ކުރިން ޑީއާރްޕީގައި ތިބި މީހުން ވެސް ތިވާހަކަތައް ތިހެންގޮވިކަމަށެވެ.އަދި ބާޢީންނޭވެސް ބަޔަކާދިމާއަށް ގޮވާފައިވާ ކަމަށެވެ. އަދި މޫސައަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލަތައް ބެލުމުގެ ކުރިން ސޫޒަން އެމްޑީޕީ ސަރުކާރުގައި ކުޅުދުއްފުއްޓާއި ހަވާލުވެ ހުރި އިރު ކުރި ކަންކަން ތަޙްޤީޤު ކުރަންޖެހޭކަމަށްވެސް މޫސަގެ ޓްވީޓްގައިވެއެވެ.

ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީންގެ ކެމްޕޭންގައި އިސްކޮށް އުޅުއްވި ނަމަވެސް އިންތިޚާބަށް ފަހު މޫސަ ފެންނަނީ ރައީސް ސޯލިހަށް ތާއިދުކޮށް އެކި ފޯރަމްތަކުގައި ވާހަކަދައްކަވާ ބޭފުޅެއްގެ ގޮތުގައެވެ. އޭނާ މިހާރު ވަނީ ޕީޕީއެމް އިން ވަކިވެ އަމިއްލަ ގޮތުން ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ލ.ގަމު ދާއިރާއަށް ވާދަކުރައްވަންވެސް ނިންމަވާފައެވެ.

ރީކޯ މޫސަ ވަނީ ރައީސް ސޯލިހަށް ވެރިކަން ލިބިވަޑައިގެންނެވި ފަހުން މީގެ ކުރިން ވެސް އެމަނިކުފާނާއި ބައްދަލު ކުރައްވާފައެވެ. އެބައްދަލުކުރެއްވުން އޮތީ ރައީސް އޮފީހުގައެވެ.

Advertisements