ރާއްޖޭގައި ކޮވިޑްޖެހޭ މީހުންގެ އަދަދު އިތުރުވެ އަށާވީސް މީހަކަށް ހޮސްޕިޓަލް ތަކުގައި ފަރުވާދެމުން ގެންދާ ކަމަށް އެޗުޕީއޭއީން ބުނެފިއެވެ. އެހެންނަމަވެސް އެ މީހުންނަށް ފަރުވާ ދެމުން ގެންދަނީ ކޮން ހޮސްޕިޓަލްތަކެއްގައި ކަމެއް އެޗުޕީއޭއަކުން ހާމައެއް ނުކުރެއެވެ. އަދި އެޑުމިޓް ކޮށްގެން ފަރުވާ ދެމުންގެންދަނީ ކޮންއުމުރެއްގެ ކޮން ޖިންސެއްެ ބަޔަކަށް ކަމެއް ވެސް ހާމައެއް ނުކުރެއެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު މިހާރު އޮތްގޮތުން ޕޮޒިޓިވްވާ މީހުނާއި އެޑުމިޓް ކޮށްގެން ފަރުވާދޭންޖެހޭ މީހުންގެ އަދަދު އިތުރުވަމުން އަންނަކަން ވަނީ ފާހަގަކުރެވިފައެވެ.

އެޕްރީލް 9 އާއި 15 އާ ދެމެދު ވަނީ މުޅިން އަލަށް 148 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އެއީ މާލޭސަރަހައްދުން 100 މީހަކާއި ރިސޯޓުތަކާއި އިންޑަސްޓްރިއަލް މަސައްކަތް ކުރާ ތަންތަނުން 37 މީހަކާއި ރަށްރަށުން 11 މީހެކެވެ.

މިދުވަސްވަރަކީ ކޮވިޑްގެ އިތުރުން އަރިދަފުސް ރޯގާއި ޑެންގޫވެސް ހަލުއިކަމާއެކު ރާއްޖޭގައި ފެތުރެމުންދާ ދުވަސް ވަރެއް ކަމަށް އެޗުޕީއޭއިން ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައި ކޮވިޑު ފެތުރުން ކޮންޓްރޯލް ކުރުމަށް ވެކްސިން ޖެހުން ވަރަށް މުހިންމެވެ. ރާއްޖޭގައި ކޮވިޑް ވެކްސިން ޖަހަން ފެށި ހިސާބުން މިހާތަނަށް 399،332 މީހަކުވަނީ ފުރަތަމަ ޑޯޒް ފުރިހަމަ ކޮށްފައެވެ. 385،153 މީހަކުވަނީ ދެވަނަ ޑޯޒް ފުރިހަމަ ކޮށްފައެވެ. އޭގެ އިތުރުން ފުރަތަމަ ބޫސްޓަރ ޑޯޒް ފުރިހަމަކޮށްފައިވާ މީހުންގެ އަދަދަކީ 167،686 އެވެ. ދެވަނަ ބޫސްޓަރ ޑޯޒް ފުރިހަމަކޮށްފައިވަނީ ދެވަނަ ޑޯޒް ފުރިހަމަކޮށްފައިވަނީ 1،549 މީހެކެވެ.

އަރިދަފުސް ރޯގާ އާއި ކޯވިޑު ކޮންޓްރޯލް ކުރުމަށް އެޅިދާނޭ ބައެއް ފިޔަވަޅު

  • ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން މުހިއްމު.
  • ކެއްސާ ކިނބިހި އަޅާއިރު ނިވާކުރުން،
  • ގިނަގިނައިން އަތްދޮވުން
  • ގައިދުރުކަން ބެހެއްޓުން
  • ބަލީގެ އަލާމާތެއްހުރިނަމަ ނޭފަތާއި އަނގަ ރަނގަޅަށް ނިވާވާހެން މާސްކު އެޅުން
  • ކޮވިޑް 19 ވެކްސިން ފުރިހަމަކުރުމާއި އަދި ބޫސްޓަރ ޑޯޒް ޖެހުމަށް ޝަރުތު ހަމަވާ ފަރަތްތަކުން ބޫސްޓަރ ޑޯޒް ފުރިހަމަ ކުރުން