ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގައި އައްޑޫސިޓީގައި ހިންގަން ފަށައިފައިވާ އިޤްތިސާދީ މަޝްރޫއުތައް ނިމުމުން 7000 ވަޒީފާ އުފެދޭނޭ ކަމަށް މަރަދޫ ދާއިރާގެ މަޖިލިސް މެމްބަރު އިބްރާހީމް ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ރައީސް ސާލިޙުގެ ވެރިކަމުގައި ވަނީ އިޤްތިސާދީ މަޝްރޫޢުތަކެއް އައްޑޫގައި ފަށްޓަވައިފައި ކަމަށެވެ. އޭގެތެރޭގައި ގަންއެއާޕޯޓު ތަރައްޤީކުރުމާއި، ހަންކެޑެ ތަރައްޤީ ކުރުމާއި ސީ ޕޯޓު އިތުރަށް ތަރައްޤީކުރުން ހިމެނޭ ކަމަށެވެ. އޭގެ އިތުރުން އައްޑޫ ފިޝަރީޒް ކޮމްޕެލެކްސް އިތުރަށް ތަރައްޤީ ކުރުމާއި، ފަސް ފަޅުރަށް ހިއްކުން ހިމެނޭ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

"އައްޑޫގައި އިބްރާހީމް މުޙައްމަދު ސާލިހުގެ ވެރިކަމުގައި ހިންގަން ފަށައިފައިވާ އިޤްތިޞާދީ ތަރައްގީއާ ގުޅުންހުރި މަޝްރޫއުތައް ގަން އެއާޕޯޓު، ހަންކެނޑެ، ޕޯޓު އިތުރަށް ތަރައްގީކުރުން، އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް ތަރައްޤީ ކުރުން، ފަސް ފަޅުރަށް ހިއްކުން، ނިމި އޭގެ މަންފާ ލިބެން ފެށުމުން 7000 އަށް ވުރެން މަދުނޫން ވަޒީފާ އުފެދޭނެ،" ޝަރީފް ވިދާޅުވެފައިވެއެވެ.

މި މަޝްރޫޢު ތަކަކީ އައްޑޫ ސިޓީގެ އިޤްތިސާދަށް އިންގިލާބީ ބަދަލެއް ގެންނުވައިދޭނޭ ކަންކަން ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.

އާންމު ރައްޔިތުންނާއި ޚާއްސަކޮށް ޒުވާނުން ގެދޮރުއެޅުމަށް، ބިން ވެރިއަކަށް ވުމަށްކުރި ދިގު އިންތިޒާރު އައްޑޫގެ ބިން ހިއްކުމުގެ މަޝްރޫއާއެކު ނިމުމަކަށް އަންނާނޭ ކަމަށް ވެސް ޝަރީފް ވިދާޅުވެފައިވެއެވެ.

އައްޑޫ ރައްޔިތުން އިބްރާހީމް މުޙައްމަދު ސާލިހު ބަލައިގަތީ މި ސަބަބުތަކާ ހެދި ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ. ކުރިން ޕީޕީއެމްގެ ބާރުގަދަކޮށް އޮތް ދާއިރާތަކުގެ ގޮނޑިވެސް އެމްޑީޕީއަށް ކާމިޔާބު ކުރެވެން ފެށުމުން އެއިން ދޭހަކޮށްދެނީ ވެސް ރައީސް އިބްރާހީމް މުޙައްމަދު ސާލިހުގެ ހެޔޮވެރިކަން ރައްޔިތުން ބަލައިގެންފިކަން ކަމަށް ވެސް ވިދާޅުވިއެވެ.