ކުރީގެ ނައިބުރައީސް އަދީބު އަނބުރާ ޖަލައް ގެންގޮއްސި

0
އަދީބު ޕޮލިސް ލޯންޗައް އަރުވަނީ

ގޭބަންދުގައި ހުންނެވި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަނބުރާ ޖަލަށް ބަދަލުކޮށްފި އެވެ.

އަދީބް އަނބުރާ ޖަލަށް ގެންދިޔައީ މީގެކުޑައިރުކޮޅެއް ކުރިން އޭނާ ދިރިއުޅުއްވާ ގ. ހުމަށިގެއަށް ކަރެކްޝަންސް އޮފިސަރުން ގޮސްގެންނެވެ.

އެގެއަށް ކަރެކްޝަންސްގެ އޮފިސަރުން ދިޔަ ވަގުތު ފުލުހުން ވަނީ އެ އިމާރާތާއި އެ ސަރަހައްދުގައި ސަލާމަތީ ކަންކަން ބަލަހައްޓާފަ އެވެ.

Advertisement

އަދީބް އަނބުރާ ޖަލަށް ގެންގޮސްފައި މިވަނީ އަދީބްގެ މައްޗަށް އިއްވާފައިވާ ހުކުމްތައް ތަންފީޒު ކުރައްވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެފައިވަނިކޮށެވެ.

“ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އެގޮތަށް އެއަމަލު ކުރެވެމުންދާނެ. އެހެންނަމަވެސް އެހުކުމް ދެމިއެބައޮތް. އެހުކުމް ތަންފީޒުކުރުމުގެ ކަންކަން ކަނޑައެޅިފައިވާ ގޮތަށް ކުރިއަށް ދާނެ ވާހަކަ ދަންނަވަން،” ހޯމް މިނިސްޓަރު ވިދާޅުވި އެވެ.

ކުރީގެ ނައިބް ރައީސް އަހްމަދު އަދީބު ގޭބަންދަށް ބަދަލުކުރަން ހުއްދަ ދީފައިވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން މިދިޔަ ނޮވެމްބަރު މަހު އެވެ.

ކިޑްނީގައި ހިލަ އުފެދުމުގެ އިތުރުން އަދީބުގެ ހަށިގަނޑުގައި ސިސްޓުތަކެއް އުފެދިފައިވާ ކަމަށް އޭރު ޑޮކްޓަރުން ބުނެފައިވެ އެވެ. އަދި ލޮލުގެ ފެނުމަށް އަސަރު ކުރާ ބައްޔެއް ކަމަށްވާ ގްލަކޯމާ އަށް ވެސް ފަރުވާދީފައިވެ އެވެ.

އަދީބު ގޭބަންދުގައި ހުންނަވައިގެން ސިޔާސީ ކަންކަމުގައި ހަރަކާތްތެރިވެ ވަޑައިގެންނަވަމުން ދާއިރު އަދީބާ ގުޅުން ހުރި ސިޔާސީ ޕާޓީއެއް ވެސް ވަނީ އުފައްދަވާފަ އެވެ. މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓިކް ޕާޓީ (އެމްޓީޑީ)ގެ ނަމުގައި އުފައްދާފައިވާ ޕާޓީގެ އިންތިގާލީ ރައީސަކަށް އަދީބު ހުންނެވުމަށް ދާދިފަހުން އެޕާޓީގެ ކައުންސިލުން ވަނީ ފާސްވެސް ކޮށްފަ އެވެ. އަދީބު ސިޔާސީ ގޮތުން މިނިވަންކަމަކާ އެކު އުޅުއްވާތީ އާންމުން ދަނީ އެކަމާ ސުވާލު އުފައްދަމުންނެވެ.

އެމްއެމްޕީއާރްސީގެ ކޮރަޕްޝަނުގެ މައްސަލަތަކާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން އުޅުއްވި ކަމަށް ބުނާ މައްސަލައިގައި 33 އަހަރުގެ ޖަލުގެ ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އަދީބު ތިން އަހަރު ވަނީ ޖަލުގައި ހޭދަކުރައްވާފަ އެވެ. މިހާރު ތަންފީޒު ކުރަމުންދާ ހުކުމުގެ އިތުރުން އަދީބަށް ތުހުމަތުކުރެވޭ ބޮޑެތި އެހެން މައްސަލަތަކެއް އެބަ ހުއްޓެވެ.

Advertisements

LEAVE A REPLY

Please enter your comment!
Please enter your name here