ލ. ގަމު ރިވޮލިއުޝަން ކަޕް ފަށައިފި

0
ރިވޮލިޔުޝަން ކަޕުގެ މެޗެއްގެ ތެރެއިން

ލ. ގަމު ތުނޑީ އަވަށުގައި އިއްޔެ ފެށި ރިވޮލިއުޝަން ކަޕްގައި ފުޓްސަލްގައި ފާހަގަކޮށްލެވޭ ހުރިހާ ތަރިން ކަހަލަ ގޮތަކަށް ފެނިގެންދާނެއެވެ. އޭގެ އިތުރުން، ރާއްޖޭގެ ފުޓުބޯޅަ ސީޒަން ނިމިފައި އޮތުމާއެކު ފުރަތަމަ ޑިވިޝަންގައި ކުޅެމުންދާ ގިނަ ކުޅުންތެރިންތަކެއްވެސް މިއަހަރުގެ މުބާރާތުގައި ފެނިގެންދާނެއެވެ..

ރިވޮލިއުޝަން ކަޕަކީ ލ. ގަމު ތުނޑީ އަވަށުގެ ޒުވާނުން އިސްނަގައިގެން ބާއްވާ މުބާރާތެކެވެ. މިއަހަރުގެ މުބާރާތުގައިވެސް ގަމާއި ފޮނަދޫ ސަރަހައްދުގެ އިތުރުން އަތޮޅު ރައްތަކުން، ޖުމްލަ 16 ޓީމު ވަނީ ބައިވެރިވެފައެވެ.

މުބާރާތް ރޭވިފައިވަނީ ހަތަރު ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާގޮތަށެވެ. މުބާރާތުގެ މެޗުތައް އިއްޔެހަވީރު ފަށާފައިވާއެރު،  އިއްޔެ ހަވީރު އަދި ރޭގަނޑުވެސް ވަނީ މެޗުތައް ކުޅެފައެވެ. މިގޮތުން އިއްޔެ ކުރިއަށް ގެންގޮސްފައިވަނީ ގްރޫޕް އޭ އާއި ގްރޫޕް ބީގެ މެޗުތަކެވެ.

Advertisements

މި މުބާރާތް 2015 ވަނަ އަހަރު ބޭއްވުމަށްފަހު 3 އަހަރުގެ މެދު ކެނޑުމަކަށްފަހު، ރިވޮލިއުޝަން ކަޕް މިއަހަރު ފަށާފައިވާއިރު، މި މުބާރާތް އިންތިޒާމް ކުރާ ފަރާތުން ބުނެފައިވަނީ، މުބާރާތުގައި ބައިވަރެވުމަށް ޓީމުތަކުން ވަރަށް ބޮޑު ތަރުހީބަކާ، އެހީތެރިކަމެއް ލިބޭކަމަށާއި، މުބާރާތް އިންތިޒާމްކުރުމުގައި އެންމެ ބޮޑަށް އުނދަގޫވާކަމަކީ ރަގަނޅު ފެންވަރަކަށް ހެދިފައިވާ ދަނޑެއް ނެތުން ކަމަށެވެ. ކުރިއަށް އޮތް ތަނުގައި ރަނގަޅު ފެންވަރެއްގެ ދަނޑެއްގައި މުބާރާތް ބާއްވޭނެ ކަމުގެ އުންމީދު ކުރާ ކަމަށާއި، އެކިފަރާތްތަކާ އެކު އަކަމަށް މަސައްކަތްކުރަމުންދާ ކަމަށްވެސް އެ ފަރާތުން ބުނެފައިވެއެވެ.

ރިވޮލިއުޝަން ކަޕް އިއްޔެ ފަށާފައިވާ އިރު، އިއްޔެ ހަވީރު ފުރަތަމަ މެޗުގައި ވާދަކުރީ އެފްސީ ބަލަމާ އަދި ކަންމަތި އެފްސީއެވެ. އ މެޗު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އެފްސީ ބަލަމާއެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް އަހުމަދު ޝުއާއު ހޮވުނު އިރު، އޭނާގެ އިތުރުން ގޯލްތައް ޖަހައިދިނީ މުހައްމަދު ވަހީދު އަދި ހަސަން ފަރީދެވެ.

އިއްޔެގެ ދެވަނަ މެޗުގައި އައުޓް ރީފް ސްޕޯޓްސް ކްލަބުން އެފްސީ ސުބު އިލެކްޓްރިކްސް ބަލިކުރީ 10-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

އައުޓްރީފް ޓީމުން ޖެހި ހަތަރު ގޯލް، އަހުމަދު ޝައްފާން (ޝާކާ) ކާމިޔާބުކޮށްދިން އިރު، މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދު އަޔާޒު އަހުމަދު (އަޔާ) ވަނީ ހެޓްރިކް ހަދާފައެވެ. އެޓީމަށް އިތުރު ގޯލްތައް ޖަހައިދިނީ ހުސައިން ޝަރީފް (އޮންލީ)، އިބްރާހީމް މުބީން (މުއްކި) އަދި އަލީ އިރުފާދެވެ. ސުބު އިލެކްޓްރިކްސްގެ ހަމައެކަނި ގޯލް ކާމިޔާބު ކޮށްދީފައިވަނީ އަހުމަދު ޝަރީފެވެ.

ރޭ ކުޅުނު ފުރަތަމަ މެޗުގައި ފެކްޝަން ޔޫތުން 2-1 ގެ ނަތީޖާއަކުން ޔަންގު ހަންޓާސް ބަލިކުރި އިރު، ފެކްޝަން ޔޫތު ޓީމަށް ގޯލްތައް ޖަހައިދިނީ އަހުމަދު އަޔާޒާއި އަހުމަދު އިރުފާނެވެ. ޔަންގް ހަންޓާސްގެ ގޯލް ޖަހައިދިނީ އަބްދުﷲ ނާސިހެވެ. ރޭގެ ދެވަނަ މެޗުގައި ޑެޓްރޮއިޓްސް ޗިކަން ޑިނާއާއި ޝަބްނަމީ ކަނެކްޓް ކުޅުނު މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެން ނިމުނު އިރު، ޗިކަން ޑިނާއަށް ގޯލް ޖަހައިދިނީ އަހުމަދު ޖިނާހެވެ. ޝަބްނަމީ ކަނެކްޓްގެ ގޯލް ޖަހައިދިނީ ހަސަން ނަޒީހެވެ.

ރޭގެ ތިންވަނަ މެޗުގައި ކުލަމަޖާއިން ސުބަރު ސްޕޯޓްސް ބަލިކުރީ 6-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މެޗުގެ މޭން އޮފްދަ މެޗްކަން ހޯދާފައިވަނީ 2 ގޯލް ޖެހި އަލީ ފަރުހާން ވަނީ ދެ ގޯލް ޖަހާފައެވެ. ފަރުހާންގެ އިތުރުން އެޓީމުގެ ގޯލްތައް ކާމިޔާބުކޮށްދިނީ އަލީ ލިރާރު، އަހުމަދު ޝިޒާން އަދި މުހައްމަދު ޝަފްރާޒެވެ.

ރޭ ގެ ފަހު މެޗުގައި ފޮއިމަތި އަދި ކަންމަތި އެފްސީ ވާދަކުރި އިރު، އެ މެޗު 7-4 އިން ކާމިޔާބުކުރީ ފޮއެމައްޗެވެ. މެޗުގައި ފޮއިމަތީގެ މުހައްމަދު މުސްލިހު (މުއްޓި) ވަނީ ހަ ގޯލް ޖަހައިފައެވެ. އެޓީމުގެ އަނެއް ގޯލް ޖަހައިދިނީ އަލީ އަކުރަމެވެ. ކަންމަތި އެފްސީގެ ޒައިދާން އަބްދުﷲ ހެޓްރިކް ހެދި އިރު، އަނެއް ގޯލް ޖަހާފައިވަނީ އަލީ ޝިމާހެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް މިއަދު ހަވީރާއި، މިރޭވެސް ކުރިއަށް ދާނެއެވެ.

Advertisements