ހުކުރުދުވަސްތަކު އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާ މަގުތަކާއި ގަޑިތައް އާންމުކޮށްފި

0
މާލެސިޓީ ގެ މަގެއްގައި ކާރުތަކެއް ޕާކްކޮށްފައި

މާލޭގެ ބައެއް މަގުތައް ހުކުރުދުވަހު ހެނދުނު ބަންދުކުރުމުގެ ސިޔާސަތުގެ ދަށުން މަގުތައް ބަންދުކުރަން ފަށާނީ އަންނަ ހަފްތާގެ ހުކުރު ދުވަހުން ފެށިގެން ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ ޝާމިން ވިދާޅުވީ އަންނަ ހުކުރު ދުވަހުން ފެށިގެން މާލޭގެ ބައެއް މަގުތައް ބަންދުކުރަން ނިންމާފައިވާ ކަމަށެވެ.

ޝާމިން ވިދާޅުވީ މަގުތައް ބަންދުކުރުމުގެ ކުރިން ހައުސިން މިނސްޓްރީ އާއި މޯލްޑިވްސް ޕޮލިސް ސާވިސް އާއި ޓްރާސްޕޯޓް މިނިސްޓްރީ އާއި މާލެ ސިޓީ ކައުންސިލް ގުޅިގެން މާލޭގެ ވަކި ސަރަހައްދުތަކެއް ބަންދުކުރުމަށް ނިންމާ ކަނޑައަޅާފައިވާ އުސޫލުތައް ގެޒެޓު ކުރާނެ ކަމަށެވެ.

Advertisement

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުުވުމުގައި ފުލުހުންގެ ޓްރެފިކް ޑިޕާޓްމަންޓާ ހަވާލުވެ ހުންނެވި ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް ފާތިމަތު ނަޝްވާ ވިދާޅުވީ މާލޭގައި ދިރުއުޅޭ ފަރާތްތަކަށް ހިތް ފަސޭހަ މާހައުލެއް ގާއިމުކޮށްދިމުނަށް ކޮންމެ ހުކުރު ދުވަހަކުވެސް ބައެއް މަގުތައް ބަންދުކުރާއިރު ފުލުހުންގެ އެހީތެރިކަމާ އެއްބާރުލުން އެކަމުގައި ލިބޭނެ ކަމަށެވެ. އަދި ވަރަށް ގާތުން މިކަން މޮނީޓަރކޮށް ބަލާނެ ކަމަށާއި އާންމުން ވެސް މިމަސައްކަތަށް އެއްބާރުލުން ދެއްވުމަށް ނަޝްވާ ވަނީ އިލްތިމާސް ކުރައްވާފައެވެ.

މަގުތައް ބަންދުކުރަން ހަމަޖެހިފައިވަނީ ކޮންމެ ހުކުރު ދުވަހެއްގެ ހެނދުނު 6:30 އިން ފެށިގެން 10:30 އަށެވެ. މިވަގުތުތަކުގައި މާލޭގެ ޖުމްލަ 13 މަގެއް ބަންދުކުރަން ނިންމާފަ ވާއިރު، ބަންދުކުރަން ހަމަޖެހިފައިވަނީ ހެންވޭރުން ދޭލިޔާ ހިނގުމާއި، މޫނިމާ ހިނގުމެވެ. ގަލޮޅުން ސިޓީ ޕާކުގެ ދެކުނު ގޯޅިއާއި ޑެއިޒީމަގެވެ.އަދި މައްޗަންގޮޅިން ދެވިނަ މަގާއި ވައިދެރި ހިނގުން ވެސް ބަންދުކުރުމަށް ވަނީ ނިންމާފައެވެ. މާފަންނުން އަސުރުމާ ގޯޅިއާއި، ބެންތެޔޮ ގޯޅިއާއި ފަނޑިޔާރު މަގާއި ކާނޭޝަން މަގާއި ކުޅިދޮށު މަގާއި ހިލާލީ މަގު ވެސް ވަނީ ބަންދުކުރަން ނިންމާފަ އެވެ. މީގެ އިތުރުން މަޖީދީ މަގުގެ ރަސްފަންނާ ދިމާވެސް ބަންދުކުރަން ހަމަޖެހިފައިވާކަމަށް އެމިނިސްޓްރީން މައުލޫމާތުދެއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ޝާމިން ވިދާޅުވީ މާލޭގެ މަގުތަކެއް ބަންދުކުރާއިރު މީހުންނަށް ވީހާވެސް އުނދަގޫ ނުވާނެ ގޮތްތައް ބަލައިގެން އެކަން ކުރާނެ ކަމަށެވެ. އެގޮތުން ހެދުނު ގަޑީގައި ދުއްވާ މީހުންނާއި ހުކުރަށް ދިޔުމަށް ދާ މީހުންނަށްވެސް އުނދަގޫ ނުވާނެ ގޮތްގޮތަށް ބަލައި ވިސްނާފައިވާނެ ކަމަށްވެސް ވިދާޅުވި އެވެ.

މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ޖަޒީރާ މާހައުލެއް ހޯދައިދިނުމަކީ މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކޮށްދިނުމަށް ވައުދުވެފައިވާ ކަމެކެވެ.

Advertisements

LEAVE A REPLY

Please enter your comment!
Please enter your name here