ނުހައްޤުން ވަޒީފާއިން ވަކިކުރުމާއި، ވަޒީފާ ބަދަލުކޮށްފައިވާ ކަމަށްބުނެ 451 މައްސަލަ ވަނީ ހުށަހަޅާފައި – ރައީސް އޮފީސް

0
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ސިޔާސީ  އެކި ސަބަބުތަކަށްޓަކައި ސަރުކާރުގެ އޮފީސްތަކާއި، ކުންފުނިތަކުގެ ވަޒީފާއިން ވަކިކޮށްފައިވާ ފަރާތްތަކާއި، އެކިކަހަލަ ފިޔަވަޅުތައް އަޅާފައިވާ މުވައްޒަފުންގެ މައްސަލަތައް ރައީސް އޮފީހަށް ހުށެހެޅުމަށް ހުޅުވާލި ފުރުސަތުގައި 451 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ ސަރުކާރުން ނުހައްގުން ވަޒީފާއިން ވަކިކޮށްފައިވާ މީހުންނާއި، ވަޒީފާ ބަދަލުކޮށްފައިވާ ފަރާތްތަކުގެ  މައްސަލަތައް ރައީސް އޮފީހަށް ހުށަހެޅުމަށް ހުޅުވާލާފައިވަނީ މިދިޔަ މަހުގެ 3ވަނަ ދުވަހުއެވެ. އެމައްސަލަތަށް ހުށަހެޅުމަށް 30 ދުވަހުގެ މުއްދަތެއް ދީފައިވާއިރު، މިއަދުވަނީ އެ މުއްދަތު އިތުރުކޮށްދެއްވާފައެވެ.

ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުތައް ފުއްދަވާދެވިފައިވާ މިންވަރާގުޅޭ މަޢުލޫމާތު ދިނުމަށް މިއަދު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ އަޙްމަދު ހަމްދާން ވިދާޅުވީ، ފާއިތުވެދިޔަ އަހަރުތަކުގެ ތެރޭގައި ވަރަށް ގިނަ ރައްޔިތުންތަކެއް ނުޙައްގުން ވަޒީފާއިން ވަކިކޮށް، އެފަރާތްތަކުގެ ވަޒީފާ ގެއްލުވާލާފައިވާކަަމަށެވެ. އޭނާ ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ވީއެންމެ އަވަހަށް އެ ފަރާތްތަކަށް އިންސާފު ހޯދައިދިނުންކަމަށާއި، ކުރިން އަދާކުރަމުންދިޔަ ވަޒީފާ ނުވަތަ އޭގެ ބަދަލު އެފަރާތްތަކަށް ހޯއްދަވައިދެއްވާނެކަމަށެވެ.

Advertisement

ޙަމްދާން އިތުރައް ވިދާޅުވެފައިވަނީ ނުޙައްގުން ވަޒީފާއިން ވަކިކޮށްފައިވާ ފަރާތްތަކާއި މަސައްކަތްކުރާތަން ނޫން އެހެން ތަނަކަށް ވަޒީފާ ބަދަލުކޮށްފައިވާ ފަރާތްތަކުގެ މައްސަލަތައް ރައީސް އޮފީހުން އެކުލަވާލި ޕްރެޒިޑެންޝަލް އެކްޝަން ކޮމިޓީން ބަލަން ފަށާނެ ކަމަށެވެ. ސިޔާސީ ސަބަބަކަށްޓަކައި، ސަރުކާރުގެ އޮފީސްތަކާއި، ސަރުކާރު ޙިއްސާވާ ކުންފުނިތަކުގެ ވަޒީފާއިން ވަކިކޮށްފައިވާ، ނުވަތަ އެކިކަހަލަ ފިޔަވަޅުތައް އަޅައިފައިވާ މުވައްޒަފުންނަށް އަނބުރާ ވަޒީފާ ހޯދައިދީ، އިންސާފު ހޯދައިދިނުމަކީ މިސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުރިހަމަ ކުރަން ވައުދުވެވަޑައިގެންފައިވާ ކަމެކެވެ.

Advertisements