ޔުއެފާ ޗެމްޕިއަންސް ލީގް ސެމީފައިނަލުން ޔޫރަޕުގެ އެންމެ ކާމިޔާބު ދެކްލަބު ކަމުގައިވާ ސްޕެއިނުގެ ރެއާލް މެޑްރިޑާއި އިޓަލީގެ އޭސީ މިލާން ރޭ ޖާގަ ހޯދައިފިއެވެ.

ރެއާލް މެޑްރިޑް ސެމީފައިނަލުން ޖާގަ ހޯދީ ކިހިނެއް؟

14 ފަހަރު ޗެމްޕިއަންސް ލީގް ކާމިޔާބުކޮށް ޗެމްޕިއަންސް ލީގް ރަސްގެފާނުގެ ގޮތުގައި އޮތް ރެއާލް މެޑްރިޑުން ސެމީފައިނަލުން ޖާގަ ހޯދީ ހާލުގައި އޮތް ޗެލްސީ 2-0 އިން ރޭ ބަލިކޮށް ދެލެގުގެ އެގްރިގޭޓުން 4-0 އިން ކުރި ހޯދައިގެންނެވެ. ޗެލްސީން ފުރަތަމަ ހާފުގައި މޮޅަށް ކުޅުނު މިމެޗުގައި ރެއާލްއިން ދެލަނޑު ކާމިޔާބު ކުރީ ދެވަނަ ހާފުގައެވެ. ދެލަނޑުވެސް ކާމިޔާބު ކޮށްދިނީ ބްރެޒިލްގެ ފޯވާޑް ރޮޑްރީގޯއެވެ.

މެޗަށްފަހު ރެއާލްގެ ކޯޗް ކާލޯ އަންޗެލޮއްޓީ ބުނީ ފުރަތަމަ ހާފުގައި ޗެލްސީން ވަރަށް މޮޅަށް ކުޅުނު ކަމަށަވެ. "ފުރަތަމަ ހާފް އަހަރެމެންނަށް ވަރަށް އުނދަގޫވި. ހާއްސަކޮށް ކަންޓޭ ކުޅެމުންދިޔަ ޕޮސިޒަނުގެ ސަބަބުން މެޗުގެ ކޮންޓްރޯލް ހޯދަން އަހަރެމެންނަށް އުނދަގޫވި. ހާފް ގަޑީގައި ޓެކްޓިކަލް ބަދަލެއް ގެނައީ އެހެންވީމަ" މިދިޔަ ސީޒަނުގައި ރެއާލްއަށް ޗެމްޕިއަންސް ލީގް ކާމިޔާބު ކޮށްދިން ކޯޗް އަންޗެއްލޮއްޓީ ބުންޏެވެ.

ޗެލްސީގެ ކޯޗް ފްރޭންކް ލަމްޕާޑް ބުނީ މެޗުގައި އޭނާ ބޭނުންވި ގޮތަށް ކުޅެވުނު ކަމަށާއި މަދުވީ ލަނޑެއް ކަމަށެވެ.

މިމެޗާއެކު ލަމްޕާޑަށް ވަނީ ބޭނުން ނުވާކަހަލަ ރެކޯޑެއްވެސް ލިބިފައެވެ. އެއީ ޗެލްސީގެ ތާރިހުގައި ޖެހިޖެހިގެން 4 މެޗުން ފުރަތަމަ ބަލިވި ކޯޗުގެ ރެކޯޑެވެ.

އަނެއްކޮޅުން ފާއިތުވެދިޔަ ދެ ޓްރާންސްފާ މާކެޓުގައި 600 މިލިޔަން ޕައުންޑް ހޭދަކުރި ޗެލްސީއަށް މިސީޒަން ނިންމާލަން ޖެހޭނީ ހުސްއަތާކަން މިހާރު މިވަނީ ޔަގީންވެފައެވެ. އަދި ކުރިއަށް އޮތް ސީޒަނުގެ ޗެމްޕިއަންސް ލީގުން ޗެލްސީއަށް ޖާގަ ލިބުމަކީވެސް ދުރު ކަމެކެވެ. މިވަގުތު ޕްރިމިއަރ ލީގުގައި ޗެލްސީ އޮތީ 11 ވަނައިގައެވެ.

ރެއާލް ބައްދަލު ކުރަން ޖެހޭނީ މިރޭ މެންޗެސްޓަރ ސިޓީ އާއި ބަޔާން މިޔުނިކް ބައްދަލުކޮށް މޮޅުވާ ޓީމަކާއެވެ. ފުރަތަމަ ލެގް ސިޓީއިން ވަނީ އަމިއްލަ ދަނޑުގައި 3-0 އިން ކާމިޔާބު ކޮށްފައެވެ.

މިލާން ސެމީފައިނަލުން ޖާގަ ހޯދީ ކިހިނެއް؟

2007 ވަނަ އަހަރު ޗެމްޕިއަންސް ލީގް ކާމިޔާބު ކުރި ފަހުން މާލީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެ ދަތި ދުވަސްތަކެއް ހޭދަކުރުމަށްފަހު މުބާރާތުގެ ސެމީފައިނަލުން މިލާން ޖާގަ ހޯދި މިއީ ފުރަތަމަ ފަހަރެވެ.

މިލާނުގެ ސެންސީރޯގައި ރޭ ނަޕޯލީއާ ދެކޮޅަށް ކުޅުނު ދެވަނަ ލެގް 1-1 އިން އެއްވަރުވިއިރު، ނަޕޯލީގެ ޑިއޭގޯ އާމަންޑޯ މަރަޑޯނާގެ ދަނޑުގައި މިލާން 1-0 އިން މޮޅުވެފައި އޮތުމުން، ދެލެގުގެ އެގްރިގޭޓުން މިލާނަށް ކުރި ލިބުނީ 2-1 އިންނެވެ.

މިލާނުން ރޭ ލީޑް ނެގީ ފްރާންސްގެ ތަޖުރިބާކާރު ފޯވާޑް އޮލިވަރ ޖިރޫގެ ލަނޑުން 43 ވަނަ މިނެޓުގައެވެ. ނަޕޯލީއިން އެއްވަރު ކުރީ މެޗުގެ އިތުރު ވަގުތުގައި ނައިޖީރިއާގެ ނުރައްކާތެރި ފޯވާޑް އޮސިމްހެންގެ ލަނޑުންނެވެ.

ސެމީފައިނަލުގައި މިލާން ބައްދަލު ކުރަން ޖެހޭ ޓީމެއް ކަށަވަރު ވާނީ މިރޭ އިންޓަމިލާނާއި ބެންފީކާ މެޗަށްފަހުއެވެ. ފުރަތަމަ ލެގް ބެންފީކާގެ ދަނޑުގައި އިންޓައިން ވަނީ 2-0 އިން ކާމިޔާބު ކޮށްފައެވެ.

އޭސީ މިލާނާއި އިންޓަމިލާން، މިލާނަށް ނިސްބަތްވުމުގެ އިތުރުން މިދެކްލަބް ބޭނުން ކުރާ އަމިއްލަ ދަނޑަކީވެސް ސެންސީރޯއެވެ. އިންޓަ ސެމީއިން ޖާގަ ހޯދައިފިނަމަ، މިލާނާއި އިންޓަ ބައްދަލު ކުރާ ސެމީގެ ދެމެޗްވެސް ކުޅޭނީ ސެންސީރޯގައެވެ.