އިއްޔެއިން ފެށިިގެެން، ވިޔަފާރި ހަރަކާތަކުން ޕޮއިންޓް އޮފް ސޭލްގައި ކަސްޓަމަރަށް ވިއްކާ ނުވަތަ ފޯރުކޮށްދޭ ކޮންމެ ޕްލާސްޓިކް ކޮތަޅަކަށް، އެ ވިޔަފާރި ހަރަކާތުން ޕްލާސްޓިކް ކޮތަޅުގެ ފީގެ ގޮތުގައި އެ ކަސްޓަމަރުގެ އަތުން ނަގަން "ކުނި މެނޭޖްކުރުމުގެ ޤާނޫނު" ގައި ލާޒިމުކޮށްފައިވާ 2 ރުފިޔާގެ ފީ ނަގަން ފެށުމުން ރައްޔިތުން ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.

އެހެންނަމަވެސް މިއީ "ކުނި މެނޭޖްކުރުމުގެ ޤާނޫނު" ގެ ދަށުން ކުރިން އެންގުމަށްފަހު ނަގަން ފެށި ފައިސާއެވެ. ކުރިން ހަތްދިހަ ފަސް ރުފިޔާއަށް ވިއްކި ކޮތަޅުބޮނޑި މިހާރު އޭގެ ހަތަރު ގުނަ ބޮޑުވެފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައިި ދަނީ ޝުޢޫރު ފާޅު ކުރަމުންނެވެ.

މީރާއިން ވިދާޅުވެފައިވަނީ ޕްލާސްޓިކް ކޮތަޅުގެ ފީ އަކީ ހުރިހާ ވިޔަފާރި ހަރަކާތަކުންވެސް ކަސްޓަމަރަށް ވިއްކާ ނުވަތަ ފޯރުކޮށްދޭ ކޮންމެ ޕްލާސްޓިކް ކޮތަޅަކަށް ނަގަން ޖެހޭ ފީއެއް ކަމަށެވެ. ވަކިވަކިން ދޭ ނުވަތަ ވިއްކާ ޕްލާސްޓިކް ކޮތަޅާއި، ގިނަ އަދަދެއްގެ ކޮތަޅު އެއްކޮށް (ކޮތަޅު ބޮނޑި) ވިއްކި ކަމުގައިވިޔަސް، ދޭ ނުވަތަ ވިއްކާ ކޮންމެ ކޮތަޅަކަށް 2 ރުފިޔާގެ މަގުން މި ފީ ނަގަން ޖެހޭނެ ކަމަށް މީރާއިން ވިދާޅުވެފައިވެއެވެ.

ނަމަވެސް، ޕްލާސްޓިކް ކޮތަޅުގެ ފީ، ބައެއް ކަހަލަ ޕްލާސްޓިކް ކޮތަޅުން ނެގުން އިސްތިސްނާވެގެންވާކަމަށް މީރާއިން ވިދާޅުވެފައިވެއެވެ.

އެ ފަދަ ޕްލާސްޓިކް ކޮތަޅުގެ ބާވަތްތަކަކީ:

  • ޑިއުޓީ ފްރީ ފިހާރަތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ ޕްލާސްޓިކް ކޮތަޅު؛
  • ބަންދުނުކޮށް ހުންނަ، ހުރިހާ ބާވަތެއްގެ ތާޒާ މަސް އެޅުމަށް ބޭނުންކުރާ ޕްލާސްޓިކް ކޮތަޅު؛
  • ކުނި މެނޭޖުކުރުމުގެ ޚިދުމަތްދޭ ފަރާތްތަކުން ނުވަތަ ކަމާބެހޭ އެހެން އިދާރާއަކުން ކުނި އެޅުމަށް ޚާއްޞަކޮށް ވިއްކާ ނުވަތަ ދޫކުރާ "ބިންލައިނަރ"އެވެ.

ކުނި މެނޭޖްކުރުމުގެ ޤާނޫނުގައި ކަނޑައަޅާފައިވާ ގޮތުން، މީރާގައި ޖީ.އެސް.ޓީއަށް ރަޖިސްޓަރީކޮށްފައިވާ ވިޔަފާރި ހަރަކާތްތަކުން ޕްލާސްޓިކް ކޮތަޅުގެ ފީގެ ގޮތުގައި ނަގާ އަދަދުގެ މައުލޫމާތު ހުށަހަޅައި ފައިސާ ދައްކަން ޖެހެނީ މީރާއަށެވެ. މިގޮތުން ޕްލާސްޓިކް ކޮތަޅުގެ ފީގެ އަދަދާގުޅޭ މައުލޫމާތު އެ ފަރާތުގެ ޖީ.އެސް.ޓީ ބަޔާނުގައި ހިމަނައި އެ ފައިސާ ދައްކަން ޖެހޭ ކަމަށް މީރާއިން ވަނީ ވިދާޅުވެފައެވެ. ޕްލާސްޓިކް ކޮތަޅުގެ ފީގެ ގޮތުގައި ނަގާފައިވާ އަދަދުގެ މައުލޫމާތު މީރާއަށް ހުށަހަޅައި ފައިސާ ދައްކަންޖެހޭ ސުންގަޑިއަކީ އެ ފަރާތެއްގެ ޖީ.އެސް.ޓީ ބަޔާން ހުށަހަޅައި ޖީ.އެސް.ޓީ ދައްކަންޖެހޭ ސުންގަޑި ކަމުގައި މީރާއިން މައުލޫމާތުދެއްވިއެވެ. ޕްލާސްޓިކް ކޮތަޅުގެ ފީގެ ގޮތުގައި ނަގާފައިވާ އަދަދު މީރާއަށް ދައްކަންޖެހޭނީ ދިވެހި ރުފިޔާއިންނެވެ.

މީރާގައި ޖީ.އެސް.ޓީ އަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުން ޕްލާސްޓިކް ކޮތަޅުގެ ފީ ނެގުމުގައި ޢަމަލުކުރާނެ އުސޫލުތައް ކަނޑައެޅުމުގެ ގޮތުން ކުނި މެނޭޖްކުރުގެ ޤާނޫނުގެ ދަށުން އެކުލަވާލަންޖެހޭ ގަވާއިދު، މީރާއިން ވަނީ 22 ފެބްރުވަރީ 2023 ގައި ގެޒެޓްކޮށްފައެވެ. އަދި، 'ޕްލާސްޓިކް ކޮތަޅުގެ ފީގެ އަދަދު ކަށަވަރުކުރުމަށް ރިކޯޑު ބެލެހެއްޓުމުގެ ގަވާއިދު' 17 އޭޕްރީލް 2023 ގައި ވަނީ ގެޒެޓްކޮށްފައެވެ. މީރާއިން މައުލޫމާތު ދެއްވި ގޮތުގައި، މި ގަވާއިދުތަކުގައި، ޕްލާސްޓިކް ކޮތަޅުގެ ފީ ހިސާބުކުރާނެ ގޮތާއި، ޓެކްސް ބަޔާނުގައި ފީގެ މައުލޫމާތު ހިމަނާނެ ގޮތް، އަދި، ފައިސާ ދައްކާނެ ގޮތް އަދި ޕްލާސްޓިކް ކޮތަޅާބެހޭ ގޮތުން ބަލަހައްޓަންޖެހޭ މައުލޫމާތުގެ ތަފްސީލު ހިމަނައިފައިވެއެވެ.