ކުޑަ އަންހެންކުއްޖަކު ގޮވައިގެން ސަލާން ޖަހަމުންދާ އަރަބި ފިރިހެނަކު މާލޭގެ އެކި މަގުތައް މަތިން ފެންނަމުން އެބަދެއެވެ. މިމީހާ ވާހަކަ ދައްކަނީ އަރަބި ބަހުންނެވެ. މީނާއާއެކުގައި ހުންނަ ކުޑަކުއްޖާގެ އުމުރުން ގާތްގަނޑަކަށް ހަ އަހަރު ނޫނީ ހަތްއަހަރުވެދާނެއެވެ.

ދަންވަރުގެ ގަޑިތަކުގައިވެސް އަދި އެހެން ވަގުތުތަކުގައިވެސް ކުއްޖާ ގޮވައިގެން ދަމުން މީހުން ގާތު "އައްސަލާމް އަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތުހް. ރަމަޟާން މުބާރަކް،" މިހެން ބުނުމަށްފަހު ބަނޑުހައިކަމުގެ އިޝާރާތްކޮށް، ދަރިފުޅަށްވެސް އަތުން އިޝާރާތްކޮށް ނުކައި ހުރިކަމުގެ ވާހަކަ އަރަބިން ބުނަމުން ފައިސާ ދިނުމަށް އަތްދިއްކުރެއެވެ. މިރޭ ޢިޝާ ނަމާދަށް ބަންގި ގޮވި ވަގުތު އަލިކިލެގެފާނު މަގު ހަތަރުއަގޮޅި މަގު ކަންމަތިން މި ފިރިހެންމީހާ ކުޑަކުއްޖަކު ގޮވައިގެން އައިސް ސަލާމް ގޮވާލާފައި އަރަބިން ބަނޑުހައިކަމުގެ އިޝާރާތް ކުރަމުން ލާރިއެއްދޭތޯ އަތްދިއްކުރިއެވެ. އަދި ދެން ކުރިއަށް ގޮސް އަނެއް ކަންމަތިން ދިމާވި ދެ އަންހެނަކާ ހަމަ މިމޭރުމުން ވާހަކަ ދެއްކުމުން އެ ދެއަންހެނުން އޭނާއަށް ފައިސާ ދިން މަންޒަރު ފެނުނެވެ. އޭގެ ތެރެއިން އެކަކު އެމީހާ ކުރިއަށް އައިސް އަޅުގަނޑާ އަރާ ހަމަކޮށްފައި، އަޅުގަނޑު އެމީހާ ދިޔަ ދިމާއަށް ބަަލަން ހުރުމުން ބުނެލިއެވެ.

"ވަރަށް ދެރަދޯ. އަހަރެމެންގެ ވެސް ޅަދަރިން އެބަތިބި. ކުދިން ބަނޑުހައިވުމުން ހިތަށް އަސަރު ކުރާނެ. އަމުދުން ބޭރު މީހެއް. ފިރިހެނެއް. މިހާރު މިއީ ދެވަނަ ފަހަރު، އިހަށްރޭވެސް ދުއިސައްތަ ރުފިޔާ ދިނިން. މިހާރުވެސް ދުއިސައްތަ ފަންސާހަކަށް ރުފިޔާ ދީފިން. ކީއްކުރާނީ. ވަރަށް ދެރަ."

އެވަގުތުވެސް މިއީ ގޯހެކޭ ހިތަށް އެރިއެވެ. "ހަލި"ނޫހުގެ ފަރާތުން މިމީހާ އަލިކިލެގެފާނު މަގު އެންޑީއޭ ކުރިމަތީގައި ހުރި މިސްކިތު ދޮރުމަތީ ހުއްޓާ ފޮޓޯއެއް ނެގޭތޯ މަސައްކަތް ކުރުމުން ފޯނު އަތުލާ މިސްކިތު ދޮރުމަތީ ޒުވާބުކުރަން ފެށިއެވެ. ކުޑަކުއްޖާވެސް ފޯނު ހޯދައިގެން ފޮޓޯ ހުރި ތަނެއް ހޯދާ ޑިލީޓް ކުރުމަށް އުޅެގަތެވެ. ތިމަންނާ މިއީ ސީރިޔާ މީހެކޭ އިމިގްރޭޝަނަށް ގުޅާށޭ އެކަމަކު ނޯ ފޮޓޯ އޭ އަރަބި ބަހުން ކިޔާ އަޑު ގަދަ ކުރަމުން ދިޔައެވެ. އޭގެ ކުޑައިރުކޮޅެއް ކުރިން އެމީހާ ގާތު ރީތިކޮށް "އަޅުގަނޑަކީ ޖާނަލިސްޓެކޭ. ވެގެން އުޅޭ ގޮތެއް ބުނެދެވިދާނެހޭ. ފޮޓޯއެއް ނަގަން ބޭނުމޭ." ބުނުމުން އެވަގުތުވެސް ދެކޮޅު ހަދާފައި އަވަހަށް ކުއްޖާ ގޮވައިގެން ގޮސް ވަނީ އެންސީ ޕާކަށެވެ. ދެން އަޅުގަނޑުމެން ފުލުހުންނަށް ގުޅީމެވެ. އެމީހާއަށް އަޅުގަނޑުމެން ފުލުހަށް ގުޅިކަން އެނގުމާއެކު ކުއްޖާ ގޮވައިގެން ބާރުބާރަށް ގޮސް އަނެއް ގޯޅިއަށް ވަނެވެ. ފަހަތުން ދިޔައިރު ފެންނާކަށް ނެތެވެ.

ކުޑަކުއްޖާ ގޮވައިގެން ސަލާންޖަހަމުންދާ މީހާ، ކުޑަކުއްޖާ މިސްކިތުފާހާނާއަށް ވަން ވަގުތު: ޝައްފަ/ހަލިނޫސް
ކުޑަކުއްޖާ ގޮވައިގެން ސަލާންޖަހަމުންދާ މީހާ، ކުޑަކުއްޖާ މިސްކިތުފާހާނާއަށް ވަން ވަގުތު: ޝައްފަ/ހަލިނޫސް

"ހަލި" ނޫހުން މިމީހާއާ މެދު ސުވާލު އުފެދޭތީ ފުލުހުންނަށް ގުޅާ މިއީ އެނގިފައިވާ ކަމެއްތޯ ސުވާލު ކޮށްލީމެވެ.

"ތިއީ ފުލުހުން ނުފެނިގެން ހޯދަމުން އަންނަ މީހެއް. ކޮންމެ ފަހަރަކު މީހަކު ނޫނީ ބަޔަކު ރިޕޯޓުކޮށްގެން ދާއިރަށް ކުއްޖާ ގޮވައިގެން ފިލަނީ،" ފުލުހުން ބުންޏެވެ.

ފުލުހުން ބުނި ގޮތުގައި މިފިރިހެންމީހާއަކީ ފުލުހުން ހޯދަމުން އަންނަ މީހެކެވެ. މިމީހާ ފެނިއްޖެނަމަ މިމީހާއަށް އަދި ކުއްޖާއަށްވެސް ނާންގާ ފުލުހުންނަށް އެންގުމަށް ފުލުހުންވެސް ވަނީ އެދިފައެވެ. މިމީހާ އާމެދު ސަމާލުވާން ޖެހެއެވެ. މިއީ ކިހިނެއް ވެގެން އުޅޭ ކޮންގައުމެއްގެ ކާކުކަމެއް އަދި އޭނާ ގެންގުޅޭ ކުޑަކުއްޖާ އކީ ކިހިނެއްވާ ކޮން ކުއްޖެއްކަމެއްވެސް ނޭނގެއެެވެ. އެހެންކަމުން މާލޭގެ މަގުތައް މަތީ ކުޑައަންހެންކުއްޖަކު ގޮވައިގެން ސަލާން ޖަހަމުން އަންނަ މިފިރިހެންމީހާ އާމެދު ސަމާލުވުމަށް އެދެމެވެ.