ވެރިޔާ ހައްދުފަހަނައަޅައި ދަނީއޭ ކިޔާފައި ދެކޮޅަކަށް ނުނުކުމެވޭނެ.

0

ނަސްރުﷲ މުސްޠަފާ

ކޮންމެ އިންސާނެއްވެސް މިދުނިޔެއަށް އައުމަށްފަހު އޭނާގެ މައްޗަށްވާ މަސްއޫލިއްޔަތު ތަކެއް ވެއެވެ. އޭގެތެރޭގައި އެކިއެކިފަރާތްތަކުގެ ޙައްޤުތައްވެސްވެއެވެ. އެހެންނަމަވެސް އެންމެ އިސްކަންދޭންޖެހޭ ޙައްޤަކީ ހެއްދެވި ފަރާތުގެ ޙައްޤެވެ. އެހެންވެ އެފަރާތުގެ އަމުރުތަކަށް ކިޔަމަންވެ ނަހީތަކުން ދުރުވުމަކީ  ކޮންމެ މުސްލިމަކުވެސް އެންމެ ފުރަތަމަ ކުރަންޖެހޭނެ ކަމެވެ. އެއީ އެއިލާހުގެ ޙައްޤު އެހެނިހެން މަޚްލޫޤުންގެ ޙައްޤަށްވުރެ މަތިވެރިކޮށް ކުރިއަށް ނެރުމަށެވެ. ދެން އެއަށްފަހު މައިންބަފައިންގެ ޙައްޤެވެ. އަދި ވެރީންގެ ޙައްޤެވެ. އަވަށްޓެރީންގެ ޙައްގާއި ތިމާގެ މީހުންގެ ޙައްޤެވެ. އަދިވެސް އެހެނިހެން ޙައްޤުތަކެވެ. މިމޭރުމުން ވެރީން ނުބައި އަމުރު ނުކުރާހާ ހިނދެއްގައި އެބައިމީހުންނަށް ކިޔަމަންވުމަކީ އެބައިމީހުންނަށް ދިނުމަށް އެންމެ މަތީފަރާތުން އަމުރު ކުރައްވާފައިވާ ޙައްޤެކެވެ. އަދި އެފަރާތުގެ މިއަމުރަށް ކިޔަމަންވުމަކީ އެފަރާތުގެ ޙައްޤު ފުރިހަމައަށް އަދާކުރުމެކެވެ. އެހެން ނޫނީ ހެއްދެވި ފަރާތުގެ ޙައްޤެއްވެސް ނުދެވުނީއެވެ އަދި ވެރިޔާގެ ޙައްޤެއްވެސް ނުދެވުނީއެވެ. އެހެންވެ އިމާމް އައްޠަޙާވީ “އަލްޢަޤީދާ އައްޠަޙާވިއްޔާ”ގައި ލިއުއްވާފައިވެއެވެ:”ނުބައިކަމަކަށް އަމުރު ނުކުރާހާ ހިނދަކު އެބައިމީހުންނަށް ކިޔަމަންވުން ވާނީﷲއަށްޓަކައި އަދާކުރާ ވާޖިބު ކިޔަމަންވުމެއް ކަމުގައިއެވެ”. ނަމާދުކުރުން ފަދަ ޢައިނިއްޔަ ފަރުޟެކެވެ.

Advertisement

މާތްﷲ ރުއްސުންލެއްވި ޢުބާދަތު ބުނިއްޞާމިތު ރިވާކުރައްވާފައިވެއެވެ.

“بايعنا رسول الله صلى الله عليه وسلم على السمع والطاعة في المكره والمنشط والعسر واليسر” السنة، (1035)

“އަހަރުމެން ހިންހަމަޖެހޭ ކަންކަމުގައްޔާއި، ހިންހަމަނުޖެހޭ ކަންކަމުގައްޔާއި، ފަސޭހަ ކަންކަމުގައްޔާއި، އުދަގޫ ކަންކަމުގައި އަޑުއަހައި ކިޔަމަންގަތުމަށް ﷲ ގެ ރަސޫލާއަށް ބައިޢަތުހިފީމެވެ”. އަދިވެސްކީރިތިރަސޫލާޙަދީޘްކުރައްވާފައިވެއެވެ.عن عبد الله ، عن رسول الله صلى الله عليه وسلم أنه قال: “” السمع والطاعة على المرء المسلم فيما أحب وكره ما لم يؤمر بمعصية ، فإذا أمر بمعصية فلا سمع ولا طاعة”- صحيح سنن أبي داود (2626).

“މީހާގެ މައްޗައްވަނީ އޭނާ ރުހޭ ކަން ކަމުގައްޔާއި، ނުރުހޭ ކަންކަމުގައި ކިޔަމަންތެރިކަން އަދާކުރުމެވެ. ނުބައިކަމަކަށް އަމުރުކުރެވުމުން މެނުވީއެވެ. ފަހެ ނުބައިކަމަކަށް އަމުރު ކުރެވިއްޖެނަމަ އަޑުއެހުމެއް، އަދި ކިޔަމަން ގަތުމެއްނުވެއެވެ.” އަދިވެސް ޙަދީޘް ކުރައްވާފައިވެއެވެ. “يكون عليكم أمراء من بعدي يؤخرون الصلاة” صحيح سنن أبي داود (434)

“ތިމަން ކަލޭގެފާނަށް ފަހު ނަމާދު އޭގެވަގުތުން ފަސްކުރާނެ ވެރިންތަކެއް އަންނާނެއެވެ”. އަޞްޙާބުބޭކަލުން ދެންނެވިއެވެ. ދެން އަޅުގަނޑުމެން އެބައިމީހުންނާދޭތެރޭ ހަދަންވީ ކިހިނަކުންތޯއެވެ؟ އެހިނދު ސަލާމާއި ޞަލަވާތް ލެއްވި ކީރިތި ރަސޫލާ ޙަދީޘް ކުރެއްވިއެވެ: “صل الصلاة لوقتها فإن أدركتها معهم ، فصل ، فإنها لك نافلة”  رواه مسلم.

“ވަގުތުން ނަމާދުކުރާށެވެ، އެމީހުން ނަމާދު ކުރާވަގުތަކާއި ދިމާވެއްޖެނަމަ އެމީހުންނާއި އެކީ ނަމާދުކުރާށެވެ، އެނަމާދުވާނީ ތިޔަބައިމީހުންނަށް ސުންނަތްނަމާދަކަށެވެ”.

މިއިން އެއްވެސް ޙަދީޘެއްގައި  މިހާނުބައި ކަންތައް ކުރާއިރު އެމީހުންގެ ފަތިފުއްތައް މީހުންގެ ކުރިމައްޗަށް ނެރެ ފިތުނަ އުފައްދާ ބައިބައިވުން އުފައްދާކަށް ނައަންގަވައެވެ. އެއްބައިވަންތަކަން ދެމެހެއްޓުމަށްޓަކައި އޭގައިވާ އެންމެ ފުރިހަމަގޮތް އެވަނީ ބަޔާންކޮށް ދެއްވާފައިއެވެ. އަދިވެސް ޙަދީޘްފުޅުކުރައްވާފައިވެއެވެ:-

“ألا من ولي عليه وال فرآه يأتي شيئا من معصية الله؛ فليكره ما يأتي من معصية الله ، ولا ينزعن يدا من طاعة ” . رواه مسلم.

ދަންނާށެވެ، ތިމާގެ މައްޗަށްވާ ވެރިޔާގެ ފަރާތުންކުށެއް ފެނިއްޖެކަމުގައިވާނަމަ އެކުށަށް ހިތްހަމަނުޖެހޭށެވެ އެހެންނަމަވެސް ކިޔަމަންތެރި ކަމުން ބޭރުނުވާށެވެ”. އަދި އެކަލޭގެފާނު ވިދާޅުވިއެވެ.”إلا أن تروا كفرا بواحا عندكم من الله فيه برهان”  “ނަމަވެސް ﷲގެ ޙަޟުރަތުން ތިޔަބައި މީހުންނަށް އެކަމަކަށް ދަލީލް ލިބި ކަނޑައެޅިގެންހުރި ކާފިރުކަމެއް ފެނުމުން މެނުވީއެވެ”.

ޣީބަބުނެ ފަސާދަކުރަން މިއިންއެއްވެސް ޙަދީޘެއްގައިއަންގަވާފައިނުވެއެވެ. މިހެން ނުވާންވީ ކީއްވެގެންތޯއެވެ! އެބައިމީހުން ކިތެއްމެ ނުބައިވިއަސް އެބައިމީހުންނަށް އުރެދި ދެކޮޅުވެރިކަން ފާޅުކޮށްފިނަމަ އޭގެ އަސަރު މާބޮޑުވާނެއެވެ. އޭގެ ސަބަބުން ތަޅާފޮޅުމާއި ލޭއޮހޮރުވުން ގިނަވާނެއެވެ. މުޅި ޤައުމުގެ އަމަން އަމާންކަން ގެއްލި ފިތުނަފަސާދަ ޢާންމުވެގެން ހިނގައިދާނެއެވެ.

ވެރިމީހާއާއި ދެކޮޅަށް ނުކުމެވޭނީ އެމީހާގެ ފަރާތުން ސީދާ ފާޅުގައި އެއްވެސް އޮޅުމެއް ވަސްވާހެއް ނެތްގޮތުގައި ކުފުރު ފެނިއްޖެޙާލަތެއްގައިއެވެ. އެކަން ބަޔާން ކޮށްދެއްވައި ސަލާމާއި ޞަލަވާތްލެއްވި މާތް ރަސޫލާ ހަދީޘް ކުރެއްވިއެވެ.إلا أن تروا كفرا بواحا عندكم من الله فيه برهان “ނަމަވެސްﷲގެ ޙަޟުރަތުން ތިޔަބައިމީހުންނަށް އެކަމަކަށް ދަލީލްލިބި ކަނޑައެޅިގެންހުރި ބަވާޙް ކާފިރުކަމެއް ފެނުމުންމެނުވީއެވެ”ބަވާޙް ކާފިރުކަމަކީ އިމާމް ނަވަވީ ވިދާޅުވެފައިވާ ފަދައިން އެއީ ސާފުސީދާ އެއްވެސް އޮޅުމެއް އިޙްތިމާލެއް ނެތް މުރުތައްދުވުމެވެ. ޢިލްމުވެރީންގެ މެދުގައި އެއްވެސް ދެބަސްވުމެއްނެތް ކުފުރެވެ. އެފަދައިން މުރުތައްދުވާ ކަމެއް ފެނުނަސް ވެރިޔާއާއި ދެކޮޅަށް ނުކުމެވޭނީ ދެޝަރުޠަކާއި އެކުގައިކަމުގައި އުއްމަތުގެ ދަންނަބެއިކަލުން ވިދާޅުވެފައިވެއެވެ.އެއީ:

  • ވެރިޔާ ދުރަށް ލުމުގެ ފުރިހަމަ ކުޅަދާނަކަން ލިބިފައިވުން.
  • ވެރިޔާ ހުރެގެން ހިންގާ ފަސާދައަށްވުރެ އޭނާ ނައްތާލަން ކުރާ މަސައްކަތުން ނުކުންނަ ފަސާދަ ކުޑަވުން.

މިދެޝަރުޠު ހަމަކޮށް މިހާރު ނުކުތުމަކީ މުޞްތަޙީލް ކަމެކޭވެސް ދެންނެވިދާނެއެވެ. ދުނިޔޭގެ ސުޕަޕަވަރ ކަމުގައިވާ އެމެރިކާއިން ޢިރާޤުގެ ޞައްދާމް ދުއްވާލަންވެގެން ކުރި މަސައަކަތުން ދިމާވި ފިތުނަ އިންތިހާއަށް ގޮސްފައިވާކަން އެންމެންނަށްވެސް އެނގޭނެއެވެ. ދުނިޔޭގެ އެންމެ ގަދަފަދަ ބާރުތައް އެއްވިއެވެ. އެހެނަސް ޞައްދާމް ނައްތާލުމަށް ކުރި މަސައްކަތުން އުފެދިގެން ދިޔަ ފިތުނަ އިންތިހާއަށް ގޮސްފައިވާކަން އެންމެންވެސް ޤަބޫލް ކުރާނެއެވެ.އެންމެންވެސް ޤަބޫލް ކުރާ ތެދު ޙަޤީޤަތެކެވެ.

ސަމާޙަތުއްޝޭޚް ޢަބްދުލް ޢަޒީޒް އިބްނި ބާޒް ވިދާޅުވަނީ: މީގެއިން ދޭހަވަނީ ވެރީންނާއި އިދިކޮޅުވެ އެމީހުންނާއިދެކޮޅަށް ނިކުތުން ހުއްދަވާނީ އޭގައި ﷲގެ ޙަޟްރަތުން ދަލީލުލިބިވާ ސާފުސީދާ އެއްވެސް ޝައްކެއްނެތް ކާފިރުކަން އޭމީހުންގެ ފަރާތުންފެނި އެމީހުންތިބެގެންވާފަސާދައަށްވުރެ، ފަސާދަބޮޑުނުކޮށް އެމަޤާމުތަކުން އެމީހުން ދުރުކުރުމުގެ ކުޅަދާނަކަން ލިބިގެންވާނަމައެވެ.

މީގެ ތެދުކަން ބެލުމަށް އަބޫ ޢަބްދުﷲ އެކުލަވާލައްވާފައިވާ ފޮތް “المعلوم من واجب العلاقة بين الحاكم والمحكوم” ގެ9-10 ވަނަ ޞަފްޙާޔާއި، ޑރ. ޢަބްދުﷲ މުޙައްމަދުއްރިފާޢީ ލިއުއްވާފައިވާ “مراجعات في فقه الواقع السياسي والفكري على ضوء الكتاب والسنة” ގެ 25 ވަނ ޞަފްޙާބައްލަވާށެވެ.

އެހެންވެ ވެރީންނަށް އިސްލާޙުކުރުމުގެ  ނަމުގައި ފާޅުގައި އެބައިމީހުންގެ ފަތްފުއްތައް ހާމަކުރުމަށް ސަލަފުއްސާލިޙުންގެ އެއްވެސް ޢިލްމުވެރިއަކުވިދާޅުވެފައި ނޯންނާނެއެވެ.

އަދި އިމާމްނަވަވީއާއި އިމާމުލްބުޚާރާއިއާއި، އިމާމުއިބުނުޙަޖަރާއި، އިމާމު އަޙުމަދު ބިންޙަންބަލާއި، ޝައިޚުލްއިސްލާމް އިބުނުތައިމިއްޔާއާއި، އިމާމު އިބުނުޙަޒުމު ވެރީންއިސްލާޙުކުރުމަށް އެއްޗިހިކިޔުމަށް ހުއްދަދީފައިވާކަމަށް ބުނެފައިވަނީ ކޮންފޮތަކުގައިބާވައެވެ؟ .އަޅެފަހެ އެބަސްތައް ގެނެސް މީސްތަކުންނަށްދައްކަބަލާށެވެ. ނުދެއްކޭނެ ކަން ކަށަވަރެވެ. ތެދެކެވެ، އެބޭފުޅުންނާއި ސަލަފުއްސާލިޙުންގެ އެންމެހާ ޢިލްމުވެރީން ބިދުޢަވެރީންނާއި އަދި އެނޫންވެސް ހައްދުފަހަނައަޅައިފައިވާމީސްތަކުންގެ ވާހަކަދެއްކުން ހުއްދަކުރެއެވެ. ﷲ ދީނަށް ފުރައްސާރަކުރާމީހުންގެވާހަކަ ދެއްކުންވެސް ހުއްދަކުރެއެވެ. އަދިފާޅުގައި ފާހިޝްކަންތައްތަކަށް އަރައިގަންނަ މީހުންގެ ނުރައްކަލުގައި މީސްތަކުންޖެހިދާނެތީ އެމީހުންގެ ވާހަކަ ދައްކައި ތަޙްޒީރުދެވިދާނެކަމަށް ވިދާޅުވެފައިވެއެވެ. އަދިއަނިޔާވެރިވާ މީހުންގެވާހަކަޙައްޤު ހޯދައިގަތުމަށްޓަކައި އެފަދަ ބާރުވެރިއެއްގެ ކައިރީގައިދެއްކުމަކީ ޣީބަބުނުންކަމުގައިނުބެލެވޭނޭ ކަމަށް އިސްލާމްދީނުގެ މުޖުތަހިދު ދަންނަބޭކަލުން ފަތުވާދެއްވާފައިވެއެވެ. އޭގެތެރޭގައި އިމާމްނަވަވީ ހިމެނިވަޑައިގަންނަވައެވެ. އިމާމް ނަވަވީ ދެކެލައްވަނީ މީހަކަށް އަނިޔާއެއް ލިބިފައިބާނަމަ، އޭނާއަށް އަނިޔާވެރިވީމީހާއާއި މެދު ޢަދުލުއިންޞާފު ޤާއިމުކުރުމަށްޓަކައި ކަމާބެހޭފަރާތަށް އެމައްސަލަ ހުށަހަޅަންވީއެވެ. ނެޓަށް ލާންވީއެއްނޫނެވެ. ނުވަތަޤާޟީއަށް އެކަމުގެ ޝަކުވާކޮށް މިވެނިމީހާ އަނިޔާވެރިވެއްޖޭބުނެ އެއަނިޔާވެރިޔާގެ ވާހަކަދެއްކުމަކީ ހުއްދަކަމެއްކަމުގައެވެ. މިކަމުގައިއެއްވެސް ޢިލްމުވެރިއަކު ދެކޮޅުނަހަދައެވެ. އެކަމަކު ވެރިއަކަށް އެއްޗިހިކިޔުމަށް އެއީ ކިތެއްމެނުބައި އިސްލާމީވެރިއެއް ކަމުގައިވިޔަސް އިމާމްނަވަވީ ވިދާޅެއްނުވާނެއެވެ.

މުންކަރާތެއް ނަހީކުރުމަށްވިޔަސް، އަދި އުރެދޭމީހާ ހެޔޮމަގަށް އެޅުވުމަށްކަމުގައި ވިޔަސްއިމާމް ނަވަވީ ދެކެލައްވަނީ މިފަދަ ޙާލަތުގައި އެމުންކަރާތެއް ނަހީކުރުމަށް ބޭނުންވާ މީހާ، އެކަމަށްކުޅަދާނަކަންލިބި ފައިވާމީހާ ކައިރިއަށްގޮސްހެޔޮނިޔަތުގައި ބުނާނީ މިވެނި މީހާ މިވެނިމުންކަރާތެއް ކުރާކަމުގައެވެ. މިކަމުގައި އިޚްލާސްތެރިކަން ނެތްނަމަ، ހުއްދައެއްނުވާނެ ކަމުގައިވެސް ވިދާޅުވެއެވެ.

ދީނީ ފަތުވާއެއް އެހުމުގައިމުފްތީގެ ގާތުގައިނަންނުކިޔައި އެހުންއަފްޟަލްކަމުގައި އިމާމްނަވަވީ ވިދާޅުވެފައިވެއެވެ.

ޣީބަބުނުން ހުއްދަވާ4ވަނަ ކަމުގައި އިމާމް ނަވަވީ ހިމަނާފައިވަނީ ނުބައިކަންތައްތަކުންނާއި ނުބައިމީސްތަކުންގެ ފަރާތުން މުސްލިމުން ރައްކާވެތިބުމަށްގޮވާ ނަސޭޙަތްދިނުމެވެ. މީގެ ދަށުން ވަރަށް ގިނަ މިސާލުތައްގެނެސްފައިވެއެވެ. އަދި އެއްމިސާލުގައި ވިދާޅުވެފައިވަނީ” ބާރުވެރިމަޤާމެއް ދެވިފައިވާމީހާއެވެ (އެންމެއިސް ވެރިޔާނޫނެވެ،ވެރިޔަކު މަޤާމަކަށް އިސްކޮށްފައިވާމީހެކެވެ) އެމީހާއީ އޭނާގެ ވާޖިބު ރަނގަޅަށް އަދާނުކުރާ މީހާއެވެ، އެއީ އެކަމަށް ކުފޫހަމަނުވެގެންނެވެ، ނުވަތަ ނުބައިފާސިގު މީހަކަށްވާތީއެވެ. ނުވަތަ ޣާފިލު ވެގެން ނޫންނަމަ އެނޫން އެފަދަކަމެއް ވެގެންނަމަވެސްމެއެވެ. އެމީހާ އެކަމުން ދުރުކޮށް ރަނގަޅު މީހަކު ލުމަށްޓަކައި އޭނާ އިސްކުރި އެންމެމަތީ ވެރިއާގެކައިރީގައި އެވާހަކަދެއްކުމަކީ ވާޖިބެކެވެ. އެއީ އެކަމަށްއެކަށޭނަ މީހަކުއިސްކުރުމަށެވެ ނޫންނަމަ އޭނާގެ ޙާލަތު އަންގައި އޭނާޔާއި މެދުވެރިޔާ އެކަށީގެންވާގޮތެއްނިންމުމަށެވެ. އޭނާގެ ޙަޤީޤަތް އޮޅި ޣުރޫރުނުވުމަށެވެ އަދި އޭނާ ސީދާމަގުގައިބެހެއްޓޭތޯ ހިއްވަރުދީ ނޫންނަމަ އެކަށީގެންވާ އެހެންމީހަކުގެނައުމަށެވެ”.

މިއީ އިމާމް ނަވަވީ ވިދާޅުވެފައިވާ ބަސްފުޅެވެ. މުއައްސަސަތުލް ޙަރަމައިނުން ޗާޕްކޮށްފައިވާ އިމާމްނަވަވީގެ “ރިޔާޟުއްޞާލިޙީން”ގެ562 ވަނަ ޞަފްޙާބައްލަވާ.

Advertisements

LEAVE A REPLY

Please enter your comment!
Please enter your name here