އިސްރާއީލުގެ ސަރުކާރު ވެއްޓިއްޖެއެވެ.

އިސްރާއީލުގެ ސަރުކާރު ވެއްޓުނީ، 2021 ވަނަ އަހަރުގެ ބަޖެޓް ފާސްކުރަން އޮތް މުލުހަތު ހަމަވިއިރުވެސް އެކަން ނުކުރެވި، ސަރުކާރު ހިންގާ ކޯލިޝަންގައި އޮތް ބްލޫ އެންޑް ވައިޓް ޕާޓީން ސަރުކާރަށް ދެމުން އައި ތާއީދު އަނބުރާ ނަގައި، ކޯލިޝަނުންވެސް ވަކިވުމާ ގުޅިގެންނެވެ.

ކޯލިޝަން މި ރޫޅުނީ 7 މަސްދުވަހު ވެރިކަންކުރި ފަހުންނެވެ.

މިކަމާ ގުޅިގެން އިސްރާއީލު މިހާރު މިސްރާބު ޖަހާފައިވަނީ އައު އިންތިޚާބަކާ ދިމާއަށެވެ. މިއީ، 2 އަހަރު ތެރޭގައި އިސްރާއީލުގައި ބާއްވާ ހަތަރުވަނަ އާންމު އިންތިޚާބެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން އައު އިންތިޚާބު ބާއްވާނީ މިފެށޭ 2021 ވަނަ އަހަރުގެ މާޗްމަހުގެ 23 ވަނަ ދުވަހުއެވެ.

ބަޖެޓް ފާސްނުވުމާއި، ސަރުކާރު ވެއްޓުމުގެ ޒިންމާ ބޮޑުވަޒީރު ބެންޖަމިން ނަތަންޔަހޫއާއި، އޭނާގެ ކޯލިޝަން ޕާޓްނަރ ބްލޫ އެންޑް ވައިޓް ޕާޓީގެ ލީޑަރ ބެނީ ގަންޒްވަނީ، އެއް ބޭފުޅަކު އަނެއް ބޭފުޅެއްގެ ބޮލުގައި އަޅުވާފައެވެ.

ނަތަންޔާހޫވަނީ ވަރަށް ރުޅިއައިސްގެން ބެނީ ގަންޒްއަށް އެއްޗެތި ގޮވާފާއެވެ. ނަތަންޔާހޫ ވިދާޅުވީ، ކޮވިޑްބަލީގެ މި ހާލަތުގައި ބެނީ ގަންޒްވަނީ އިސްރާއީލު ބޭކާރު އިންތިޚާބެއްގެ ތެރެއަށް ވައްޓާލާފައި ކަމަށެވެ.

ރައްދުގައި ބެނީ ގަންޒް ވިދާޅުވީ، ގައުމީ މަސްލަތަށް އިސްކަން ނުދެއްވައި ނަތަންޔާހޫ އޭނާގެ ހުރިހާ ވަގުތެއްވެސް ދެއްވަނީ، މިހާރު ކޯޓަށް ހުށަހެޅިފައިވާ ކޮރަޕްޝަންގެ މައްސަލަތަކުން ދިފާއުވާނެ ގޮތެއް ހޯއްދެވުމުގައި ކަމަށެވެ.

ގައުމަށް އިގްތިސާދީ ހަމަޖެހުން ގެނެސް، އިގްތިސާދު ރަނގަޅު ކުރުމުގެ ބަދަލުގައި ނަތަންޔާހޫ އިސްރާއީލު ގެންދަނީ ގޮތްނޭނގޭ ދުވަސްތަކެއް ތެރެއަށް ކަމަށްވެސް ބެނީ ގަންޒް ވިދާޅުވިއެވެ.