ދިވެހި ސިފައިންނަކީ އެންމެ ފަހު ނޭވާއާ ޖެހެންދެން ވެސް ގައުމުގެ ޙައްގުގައި ގުރުބާންވާން ތައްޔާރަށް ތިބި ބައެއް ކަމަށް ޖުމްހޫރީޕާޓީ (ޖޭޕީ) ގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ދިވެހި ސިފައިންގެ ސަތޭކަ އެއްތިރީސް ވަނަ އަހަރީ ދުވަހާ ގުޅިގެން ކުރެއްވި ޓުވީޓެއްގައި ޤާސިމް ވިދާޅުވީ މިކަން ދިވެހި ތާރީޚުވެސް ކަށަވަރުކޮށްދޭ ކަމަށެވެ. ޤާސިމް ވިދާޅުވެފައިވަނީ ދިވެހި ސިފައިންނަކީ ކެރޭ ބައެއް ކަމަށެވެލ ނުގުޑާ ޢަޒުމެއްގެ ހިތްވަރުގަދަ ބައެއް ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

"ތާރީޚް ކަށަވަރުކޮށްދެނީ، ދިވެހިސިފައިންނަކީ ކެރޭ، ހިތްވަރުގަދަ، ޢަޒުމުނުގުޑާ އަދި އެންމެ ފަހު ނޭވާއާ ޖެހެންދެންވެސް، ޤައުމުގެ ޙައްޤުގައި ޤުރްބާންވާން ތައްޔާރަށް ތިއްބެވި ބައެއްކަމެވެ. ތިޔައީ ދިވެހީންގެ ފަޚުރުވެރި ދިފާޢީ ބާރެވެ." ޤާސިމް ވިދާޅުވެފައިވެއެވެ.

ޤާސިމް ވަނީ ދިވެހިސިފައިންގެ ސަތޭކަ އެއްތިރީސް ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ ސިފައިންގެ އެންމެހާ ވެރިންނަށާއި، ސިފައިންގެ އެންމެހާ ބޭކަލުންނާއި، ސިފައިންގެ ލޮބުވެތި ޢާއިލާތަކަށް އަރިސް ކުރައްވައިފައެވެ. "ޝައްކެތްނެތް ގޮތުގައި ދިވެހި ޢަސްކަރިއްޔާއަކީ ދިވެހި ރައްޔިތުންނާ ދިވެހި ދައުލަތުގެ ދިފާޢީ އައްޑަނައެވެ." ޤާސިމް ވިދާޅުވެފައިވެއެވެ.

ޤާސިމަކީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޖޭޕީގެ ފަރާތުން އިންތިޚާބުގައި ވާދަކުރައްވާ ރިޔާސީ ކެންޑިޑޭޓެވެ. ރިޔާސީ ޕްރައިމަރީީގައި ޤާސިމް ނޫން އެހެން ބޭފުޅަކު އެޕާޓީން ކުރިމަތިނުލުމުން ޤާސިމަށް ވަނީ ޓިކެޓު ކަށަވަރުވެފައެވެ. ޖޭޕީން ގެންދަނީ ރިޔާސީ އިންތިޚާބުގައި ކޯލިޝަން ހެދުމާބެހޭ ގޮތުން ސިޔާސީ ޕާޓީތަކާ މަޝްވަރާ ކުރަމުންނެވެ.