މަދަނީ ކަންކަމުގައި ވެސް ސިފައިވަމުން ގެންދާ ގުރުބާނީ އަކީ ފާހަގަކޮށްލަންކެހޭ ޝުކުރު ހައްގު ގުރުބާނީއެއް ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރ މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ނާޒިމް މިހެން ވިދާޅުވީ ދިވެހި ސިފައިންގެ 131 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ ސިފައިންނަށް ފޮނުވަމަށް ކުރެއްވި ޓުވީޓެއްގައެވެ. ނާޒިމް ވިދާޅުވެފައިވަނީ ސިފައިންނަކީ ގައުމަށް އަންނަ ކޮންމެ ނުރައްކަލަކަށް "މޭ އައްޑަނަކަށް ހަދާ ގައުމު ދިފާއުކޮށްދޭ،" ބައެއް ކަމަށެވެ. "ހަމައެހެންމެ މަދަނީ ކަންތައްތަކުގައި ވެސް ސިފައިން އަދާ ކުރަމުންދަނީ ޝުކުރު ހައްގު ގުރުބާނީއެއް،" ކަމަށެވެ.

ސިފައިންގެ ކާނަލެއްގެ މަގާމުގައި ހުންނެވުމަށްފަހު ރިޓަޔަރ ކުރައްވައި ފަހުން ޑިފެންސް މިނިސްޓަރުކަން ކުރެއްވި ނާޒިމް މިހާރު ވަނީ އެމްއެންޕީގެ ނަމުގައި ސިޔާސީ ޕާޓީއެއް ހައްދަވައިފައެވެ. އެ ޕާޓީން ވަނީ މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރަން ނިންމައި ޕާޓީގެ ރިޔާސީ ޓިކެޓު ނާޒިމަށް ދީފައެވެ. އެޕާޓީން މިހާރު ވެސް ގެންދަނީ ރިޔާސީ އިންތިޚާބަށް ތައްޔާރުވުމުގެ މަސައްކަތް ކުރަމުންނެވެ.

ރިޔާސީ އިންތިޚާބުގައި ވާދާކުރައްވާނޭ ކަމަށް މިހާތަނަށް އިއުލާން ކުރައްވާފައިވަނީ ރައީސް އިބްރާހީމް މުހައްމަދު ސާލިހާއި، ނާޒިމާއި، އުމަރު ނަސީރާއި، ގާސިމް އިބްރާހީމެވެ.