އަވަށްޓެރި އިންޑިއާއި ދިވެހިރާއްޖެއާ ދެމެދު އޮންނަ ޒަމާންވީ ގުޅުމަކީ ރާއްޖެއަށް އެކި ރޮނގުތަކުން ލިބޭ އެހީތަކުގެ އިތުރުން އިންޑިއާކަނޑުގެ ސަލާމަތާއި ރައްކާތެރި ކަމަށާއި އިގްތިސާދަށް ވަރަށް މުހިންމު ކަމެއް ކަމަށް މަރަދޫ ދާއިރާގެ މަޖިލިސް މެމްބަރު އިބްރާހީމް ޝަރީފް ވިދާޅުވެއްޖެއެވެ.

"އަވަށްޓެރި އިންޑިއާއާއި ރާއްޖެއާ ދެމެދުއޮތް ގާތްގުޅުމަކީ ރާއްޖެއަށް އެކިރޮނގުން ލިބޭ އެހީތަކުގެ އިތުރުން އިންޑިއާކަނޑުގެ ސަލާމަތާއި ރައްކާތެރިކަމަށް ވަރަށް މުހިންމުކަމެއް އަދި މިސަރަހައްދުގެ ހަމަޖެހުމާއި އިގްތިސާދީ ކުރިއެރުމަށް ބޭނުންވާ ކަމެއް،" ޝަރީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވެއެވެ.

ސަރުކާރުން އައްޑޫގައި ހިންގަމުންދާ ބޮޑެތި މަޝްރޫއުތަކަކީ ވެސް އިންޑިއާގެ އެހީގައި ކުރިއަށްދާ މަޝްރޫއުތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ. ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ވާދަވެރީން ރާއްޖެއާއި އިންޑިއާ ދެމެދުއޮންނަ ގުޅުން ހީނަރު ކުރުމަށް މަސައްކަތްކުރަނީ އިންޑީއާގެ އެހީގައި ރާއްޖޭގައި ކުރިއަށް ގެންދާ ތަަރައްގީގެ މަޝްރޫއުތަކަށް ހުރަސް އެޅުމަށް ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.

"އައްޑޫގައި ހިންގަމުންދާ ބޮޑެތި މަޝްރޫއުތަކަކީ އިންޑިއާގެ އެހީގައި ކުރިއަށްދާ މަޝްރޫއުތައް. އިބްރާހީމް މުހައްމަދު ސާލިހާ ވާދަވެރި ފަރާތްތަކުން އިންޑިިއާއާ ރާއްޖެއާ އޮންނަ ގުޅުން ހީނަރުކުރުމަށް މަސައްކަތްކުރަނީ އިންޑިއާގެ އެހީގައި މިސަރުކާރުން ހިންގާ މަޝްރޫއުތަކަށް ހުރަސް އެޅުމުގެ ބޭނުމުގައި،" ޝަރީފް ވިދާޅުވެފައިވެއެވެ.

ރަައީސް އިބްރާހީމް މުހައްމަދު ސާލިހަކީ އައްޑޫސިޓީގެ މުސްތަގުބަލް އުޖާލާކުރެއްވުމަށް މަސައްކަތް ކުރައްވާ ލީޑަރެެއް ކަމަށާއި އެހެން ކަމުން އައްޑޫ ރައްޔިތުން ތިބީ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ފަހަތްޕުޅުގައި ކަމަށް ޝަރީފް ވިދާޅުވެފައިވެއެވެ.