އުޘްމާން ބުން ޢައްފާނުގެ ޚަލީފާކަމުގެ ދުވަސްވަރުގައި އުޅުނު އަންހެނަކު، އޭނާ ކައިވެކުރިތާ 6 މަސް ފަހުން ދަރިއަކު ވިހެއެވެ. ދެން މީސްތަކުން ބުނަން ފަށައިފިއެވެ. އެއީ އެފިރިހެން މީހާގެ ދަރިއެއް ނޫނެވެ. އެހެނެއްކަމަކު އެއީ އޭނާ ކައިވެނީގެ ކުރިން އެހެން މީހަކާ ގުޅުމެއް ހިންގައިގެން މާބަނޑުވި ދަރިއެކެވެ.
ދެން މީސްތަކުން މިއަންހެން މީހާއަށް ހުކުމް ކުރުމަށްޓަކައި ޚަލީފާގެ ދަރުބާރަށް ގެންދިޔައެވެ. އޭރު ފަނޑިޔާރަކަށް އިންނެވީ ޢަލީގެފާނެވެ.
އެހިނދު ވެގެން އުޅޭ ގޮތް އެނގިވަޑައިގަތުމުން ޢަލީގެފާނު ވިދާޅުވިއެވެ. "މިސަބަބާ ހުރެ އޭނާ އަށް އަދަބު ދިނުމުގެ އެއްވެސް ޙައްޤެއް ނެތެވެ." ދެން މީސްތަކުން މިކަމާ ވަރަށް ހައިރާންވެފައި ތިބެއްޖެވެ. އެހެނީ އާންމުގޮތެއްގައި އަންހެނަކު ވިހަނީ 9 މަހުންނެވެ. ބައެއް ޙާލަތްތަކުގައި 7 މަހެވެ. ފަހެ މީސްތަކުން ހައިރާންވެ، ސުވާލު ގިނަ ކުރަންފެށުމުން ޢަލީގެފާނު ޤުރުއާނުގެ 2 އާޔަތް ކިޔަވައި ވިދާޅުވިއެވެ.
އެގޮތުން ފުރަތަމަ އަލް އަޙްޤާފް ސޫރަތުގެ 15 ވަނަ އާޔަތް ވިދާޅުވިއެވެ. "އަދި އުނދަގުލާއި، ތުރާލާއެކު އޭނާ ވިހެއެވެ. އަދި އޭނާއާއިގެން މާބަނޑުވުމާއި، ކިރުތުނބުން ވީއްލުމުގެ މުއްދަތަކީ ތިރީސްމަސްދުވަހެވެ.” ]46:15] މިއާޔަތް ކިޔަވައި ވިދާޅުވުމަށްފަހު ދެންނެވިއެވެ." މީގެ މާނައަކީ މާބަނޑުވުމާއި، ގާތުން ކިރުދިނުމުގެ ޖުމްލަ މުއްދަތަކީ 30 މަސްދުވަހެވެ. (2 އަހަރާއި 6 މަސްދުވަހެވެ.) އެއަށްފަހު ބަޤަރާ ސޫރަތުގެ 233 ވަނަ އާޔަތް ކިޔަވައި ވިދާޅުވިއެވެ. "މައިން، އެކަނބަލުންގެ ދަރިންނަށް ކިރުދޭހުށީ، ފުރިހަމަ ދެއަހަރުގެ مدة އަށެވެ. އެއީ، ކިރުދިނުން ފުރިހަމަކުރުމަށް قصد ކޮށްފި މީހަކަށެވެ.” [2:233] ފަހެ މިއާޔަތް ކިޔަވައި ވިދާޅުވުމަށްފަހު ދެންނެވިއެވެ. “ގާތުން ކިރުދިނުމުގެ މުއްދަތަކީ 2 އަހަރު ކަމުގައި ވެފައި، މާބަނޑުވުމާއި އެކު ކިރުދިނުމުގެ މުއްދަތަކީ 2 އަހަރާއި ހަމަސް ކަމުގައި ވާނަމަ، ކިރު ދިނުމުގެ މުއްދަތް ކަމަށްވާ 2 އަހަރު އުނިކުރުމުން ބާކީ ވާނީ 6 މަހެވެ. އެހެންކަމުން 6 މަސް ދުވަސް ތެރޭގައި މާބަނޑުވެ ވިހެއުމަކީ އެކަށީގެންވާ ކަމެކެވެ.” އެއަށްފަހު އެއަންހެންމީހާ ރަޖަމު ކުރުމުން ސަލާމަތްވިއެވެ.
ޖެމްސް އެންޑް ޖެވެލް / އަބްދުލް މާލިކް މުޖާހިދު