ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ ޗެލެންޖު ކުރައްވާނޭ ބޭފުޅަކު ޕީޕީއެމްގެ ތެރޭގައި ހުންނަވާނޭ ކަމަށް މަޑުއްވާރީ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނާއިބު ރައީސް އާދަމް ޝަރީފު ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް ވާދަ ނުކުރެވޭ ހާލަތުގައި ކަންކުރާނޭ ގޮތާމެދު ޓީވީ ޕްރޮގްރާމެއްގައި ރޭ ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ރައީސް ޔާމީން އިންތިޚާބުގައި ވާދަކުރުމަށް ސަރުކާރަކުން ބޭނުން ނުވުން ކަމަށެވެ.

ޕީޕީއެމްއިން ރައީސް ޔާމީނަށް އިންތިޚާބުގައި ވާދަނުކުރެވޭ ޙާލަތުގައި ވެރިކަމަށް ވަޑައިގަތުމަށް އަމިއްލައަށް ޕްރޮމޮޝަން ކުރިއަށް ގެންދާ ބޭފުޅުން އެޕާތީގައި ތިބިކަމަށް މީޑިއާގައި ވާހަކަ ދައްކާތީ ޝަރީފް ވިދާޅުވީ ސަރުކާރުގެ ސްޕޮންސަރޑް ބައެއް އާޓިކަލްތައް ހުންނަކަށް އެނގިވަޑައި ގަންނަވާ ކަމަށެވެ.

ޕީޕީއެމްއަކީ ރައީސުލްޖުމްހޫރިއްޔާއާއި ނާއިބުރައީސުން ފެށިގެން ކުންފުނިތައް ހިންގަން ވެސް އެންމެ ގާބިލް މީހުންތިބި ޕާޓީއެއް ކަމަށާއި އެހެން ކަމުން އެފަދަ ބައެއްގެ ތެރެއިން ވެރިކަމަށް ވަޑައިގަތުމުގެ ޝައުގެއް އޮތުމަކީ ވެސް ވެދާނޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް ރައީސް ޔާމީން ނޫން އެހެން ބޭފުޅަކު ނެރުމަށް ޕާޓިއަކުން ވެސް އަދި ލީޑަރޝިޕަކުން ވެސް މަސައްކަތް ނުކުރާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ މިޑިއާތަކުގައި މިހާރު ދައުރުވާ ޚަބަރުތަކުގައި ހިމެނޭ ބޭފުޅުންވެސް ރައީސް ޔާމީނަށް ސެލިއުޓު ކުރައްވާނޭ ކަމަށެވެ. އަދި ރައީސް ޔާމީނަށް ރިޔާސީ އިންތިޚާބުގައި ކުރިމަތިލެވޭނޭ ގޮތް ވެއްޖެ ކަމަށްވާނަމަ އެބޭފުޅުން ވެސް ރައީސް ޔާމީނަށް ކެންޕޭން ކޮށްދެއްވާނޭ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް ވިދާޅުވިއެވެ.