ސައުދީ ކިންގް ކަޕް އޮފް ޗެމްޕިއަންސް ސެމީފައިނަލުގައި ރޭ އަލްވަހްދާ އަތުން 1-0 އިން ބަލިވެ، މަޝްހޫރު ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅެމުން އަންނަ އަލް ނަސްރު ކަޓައިފިއެވެ.

މެޗުގެ ބޮޑު ބައި އެއްކުޅުންތެރިޔަކު މަދުކޮށް ކުޅުނު އަލްވަހްދާއިން ލީޑް ނެގީ ފުރަތަމަ ހާފުގައި ފްރާންސްގެ ފޯވާޑް ޖީން ޑޭވިޑް ބިއުގުއެލްއެވެ. ބިއުގުއެލް މިލަނޑު ޖެހީ ކުޑަ އޭރިޔާ ތެރޭގައި ހުރެ އޯވަހެޑް ކިކަކުންނެވެ. މިލަނޑުގެ ކުރިން ރޮނާލްޑޯއަށް ލަނޑު ޖަހަން ރަނުގެ ފުރުސަތެއް ލިބުނެވެ. އަރިމަތިން ހުރަސް ކުރި ބޯޅައެއް ހޯދައި ހުހަށް ހުރެ ރޮނާލްޑޯ ފޮނުވާލުމުން އަލްވަހްދާގެ ކީޕަރު މުނީރް މުހައްމަދީ ދިފާއު ކުރީއެވެ. މީގެ އިތުރުން ދެވަނަ ހާފުގައި ރޮނާލްޑޯ ބޮލުން ފޮނުވާލި ނުރައްކާތެރި ހަމަލާއެއްގެ ހުރަހަކަށްވީވެސް އަލްވަހްދާގެ ކީޕަރެވެ. ދެވަނަ ހާފުގައި ރޮނާލްޑޯ ފޮނުވާލި އެހެން ހަމަލާއެއް އަމާޒުވީ ގޯލުގެ މަތީ ދަނޑިއަށެވެ.

ދެވަނަ ހާފުގެ ކުރީ ކޮޅު އަލްވަހްދާގެ އަބްދުﷲ އަލް ހާފިތަށް ދެވަނަ ރީނދޫކާޑާއެކު ރަތްކާޑް ދެއްކީ ރޮނާލްޑޯ ހުއްޓުވަން ކުރި ފައުލަކާ ގުޅިގެންނެވެ. އެކަމަކު ދެވަނަ ހާފުގެ ބޮޑުބައި އެއްކުޅުންތެރިޔަކު މަދުކޮށް ކުޅުނު އަލްވަހްދާގެ ޑިފެންސް ފޫއަޅުވާލުމުގައި ރޮނާލްޑޯ އާއި ޓީމް ފެނުނީ ނަސީބު ދެރަކޮށެވެ.

ހާފް ގަޑީގައި ދަނޑުން ފައިބައިގެން ދަމުން އަމިއްލަ ޓީމުގެ ބެންޗަށް އިޝާރާތްކޮށް ރޮނާލްޑޯ ހިތްހަމަ ނުޖެހުން ފާޅު ކުރި ގޮތުގެ ސަބަބުން އަލް ނަސްރުގެ ސަޕޯޓަރުން ވަނީ ސޯޝިއަލް މީޑިޔާގައި ރޮނާލްޑޯއަށް ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ.

އަލް ނަސްރާއި އަލްވަހްދާ ބައްދަލު ކުރި މެޗުގެ އުސްއަލިތައް:

https://webstories.sonyliv.com/stories/6446c15933fb132f279dddfc/Story_oOL3AWFmK.html