ކުޅުދުއްފުށީ އެއަރޕޯޓުގެ މަސައްކަތްތައް ނިންމައި އެއާޕޯޓްގެ އޮޕަރޭޝަންތައް ފަށަނީ

0

ރައީސް ޔާމީންގެ ސަރުކާރުން އަޅަންފަށާފައިވާ ކުޅުދުއްފުށީ އެއަރޕޯރޓްެގެ ޓާމިނަލްގެ މަސައްކަތް އަލުން ފަށާނެކަމަށް ރީޖަނަލް އެއަރޕޯޓްސް އިން ބުނެފިއެވެ.

ކުޅުދުއްފުށީ ގައި އަޅާފައިވާ އެއަރޕޯރޓް ޓާމިނަލްގެ މަސައްކަތް ނިންމުމަށް ހަވާލުކޮށްފައިވަނީ ކުރިންވެސް މިމަސައްކަތް ހަވާލުކޮށްފައިވާ ކުންފުނި ” ކޮރެލިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް”ން ކަމަށް ރީޖަނަލް އެއަރޕޯރޓުން ބުނެއެވެ. ދިމާވި ބައެއް ކުދިކުދި މައްސަލަތަކާހެދި އެއާޕޯޓުގެ ޓާމިނަލްގެ މަސައްކަތް މެދުކެނޑިފަ އޮންނަތާ ދުވަސްތަކެއް ވުމަށްފަހު އަލުން ފަށަނީ، އެ ކުންފުންޏާއެކު މަޝްވަރާތަކެއް ކުރުމަށްފަހުގައި ކަމަށްވެސް ރީޖަނަލް އެއަރޕޯރޓްސް އިން ބުނެއެވެ.

Advertisement

ރައީސް ޔާމީންގެ ސަރުކާރުން ފެށި ކުޅުދުއްފުށީ އެއަރޕޯރޓްގައި މިހާރު ކުރިއަށް ދަނީ އެއާޕޯޓުގެ އިން ވަކި ކުރުމަށް ފެންސްޖެހުމުގެ މަސައްކަތެވެ. މިމަސައްކަތް ކުރާ އެމް.ޓީ.ސީ.ސީން ބުނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މިމަސައްކަތްވެސް ނިންމާލެވޭނެކަމަށެވެ.

އެއާޕޯޓު އެޅުމަށް ކުރިންވެސް އެތައްގެއެއް ސަރުކާރަށް ނަގައި އެފަރާތްތަކަށް ބަދަލުދީފައިވާއިރު، އެއަރޕޯޓްގެ އިން ވަކި ކުރުމަށް ފެންސް ޖަހާއިރު ކުރިން އެއަރޕޯރޓް ސަރަހަށްދަށް ނާރާ 3 ގެއެއް އަރާފައިވާތީ،  އެ ތިންގޭގެ ބަދަލު ދިނުމުގެ ކަންކަން ރީޖަނަލް އެއަރޕޯރޓުން ނިންމުމުން އެފަރާތްތަކަށް ބިން ދޫކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ކައުންސިލުން ވަނީ ނިންމާފައެވެ.

ކުޅުދުއްފުށީ އެއަރޕޯޓްގެ ރަންވޭ އަޅާފައިވަނީ އެރަށުގެ އުތުރު ކޮޅުގައި އޮންނަ ގުދުރަތީ ކުޅިން 9 ހެކްޓަރުގެ ބިމާއި، މޫދުން 6 ހެކްޓަރުގެ ބިން ހިއްކައިގެންނެވެ.

ކުޅުދުއްފުށީ އެއަރޕޯޓުގެ މަސައްކަތްތައް ނިންމާ އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާކަމަށް ރީޖަނަލް އެއަރޕޯޓްސް އިން ބުނެއެވެ. ކުޅުދުއްފުށީ އެއަރޕޯޓް މަޝްރޫޢުގެ ދަށުން 1200 މީޓަރު ދިގު އަދި 30 މީޓަރު ފުޅާ ރަންވޭއަކާއި، ޓެކްސީވޭއާއި، އެއަރ ކްރާފްޓްތައް ޕާކު ކުރުމަށް ހާއްސަ އޭޕްރަނެއްވެސް ވަނީ އަޅާފައެވެ.

ބާރަ  ހާހަށްވުރެ ގިނަ ރައްޔިތުން ދިރިއުޅެމުންދާ ކުޅުދުއްފުއްޓަކީ ރާއްޖޭގެ އެންމެ އުތުރުގެ އިޤްތިޞާދީ މައިހަބުކަމަށްވެފައި، އަތޮޅުގެ ރައްތަކާއި، ކައިރި އެހެން އަތޮޅުތަކުގެ ރައްޔިތުންވެސް ގިނަ ޙިދުމަތްތަކެއް ހޯދަމުންދާ، ކުޅުދުއްފުށިގައި އެއާޕޯޓެއް އެޅުމަކީ ނިމިދިޔަ ސަރުކާރުން އެރަށު ރައްޔިތުންނަށް ވެފައިވާ ވައުދެކެވެ. އަދި ކުޅުދުއްފުށީ އެއަރޕޯޓުން ޚިދުމަތް ދޭން ފެށުމުން އެ ސަރަޙައްދުގެ ފަތުރުވެރިކަމަށާއި ދަތުރުފަތުރަށްވެސް ބޮޑެތި ކުރިއެރުންތަކަކާއި، ރައްޔިތުންނަށް ގިނަގުނަ ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.

Advertisements