އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އަށް މިއަހަރު ތެރޭގައި ދިރާސާތައް ކުރަން ބޭނުންވާ އުޅަނދެއް ހޯއްދަވައި ދެއްވާނޭ ކަމަށް ތިމާވެށްޓާބެހޭ ވަޒިރު އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ އެ އުޅަނދު ހޯއްދަވައި ދެއްވުމަށްފަހު އެއަށް ބޭނުންވާ ފަޅުވެރީން ވެސް ހަމަޖައްސަވައި ދެއްވާނޭ ކަމަށެވެ. މި އަހަރުގެ ތެރޭގައި އީޕީއޭއަށް ރިސާރޗް ވެސެލް އެއް ދެވޭނެ. ހަމައެއާއެކީގައި އެ ރިސާޗު ވެސެލް ހިންގުމަށް ބޭނުންވާ ކުރޫއާއި ޓެކްނިކަލް ސްޓާފްވެސް އީޕީއޭއަށް ފޯރުކޮށްދެވޭނެ،" މިނިސްޓަރ ވިދާޅުވިއެވެ. މި އުޅަނދަކީ ކޮމްކަހަލަ ދިރާސާތަކަށް ބޭނުންކުރާ އުޅަނދެއް ކަމަށް ވިދާޅެއް ނުވެއެވެ.

މިނިސްޓަރ ވިދާޅުވީ އީޕީއޭ އަކީ ބާރުވެރި އަދި މިނިވަންކަމާއެކު ހިނގާ މުއައްސަސާއަކަށް ހެދުމަށް ސަރުކާރުން ވަނީ ގިނަ މަސައްކަތްތަކެއް ކުރައްވާފައި ކަމަށެވެ. އޭގެ އިތުރުން މިހާރުވެސް އަންނަނީ އެ މަސައްކަތް ކުރައްވަމުން ކަމަށް ވެސް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މިސަރުކާރުގެ ފުރަތަމަ ސަތޭކަ ދުވަސްތެރޭގައި އީޕީއޭ ބާރުވެރިކޮށް މިނިވަން ކަމާއެކު ހިންގުމަށް އެމްޑީޕީގެ މެނިފެސްޓޯގައި ހިމަނާފައިވާނޭ ކަމަށެވެ. އަދި އެއީ ރައީސް އިބްރާހީމް މުޙައްމަދު ސާލިހުގެ ރިޔާސީ ވަޢުދެއް ވެސްމެއެވެ. އެކަމާ ގުޅިގެން މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ "އީޕީއޭ ބާރުވެރިކޮށް މިނިވަންކަމާއެކު ހިންގޭނެ ގޮތް އަޅުގަނޑުމެން ވާނީ ހަދައިދީފައި،" ކަމަށެވެ.

އައްޑޫ ވޭސްޓު އޭނަރޖީއާ ބެހޭގޮތުން މެމްބަރަކު ސުވާލު ކުރެއްވުމުން މިނިސްޓަރ ވިދާޅުވީ އެ ޕްލާންޓްގެ ނުވަދިހަ ޕަސެންޓް މަސައްކަތް ވަނީ ނިމިފައި ކަމަށެވެ. އެހެންކަމުން މި އަހަރުގެ ތެރޭގައި ކުނި މެނޭޖް ކުރުމަށް ބޭނުންވާ ސާމާނު އެތަނަށް ފޯރުކޮށްދެވޭނޭ ކަމަށް އެކަމަނާ ވިދާޅުވިއެވެ.