ބުރިޖް މަތީގައި ހެލްމެޓު ނާޅާ ސައިކަލް ނުދުއްވޭގޮތް ހަދަނީ

0
ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް

ބުރިޖު މަތިން ސައިކަލުގައި ކުރާ ދަތުރުތަކުގައި ހެލްމެޓް އެޅުން މަޖުބޫރު ކުރަން ނިންމާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ މިއަދު ވިދާޅުވެއްޖެ އެވެ.

.ޓްރާންސްޕޯޓް މިނިސްޓްރީގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި މީޑިއާއަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ވިދާޅުވީ މާޗް މަހުގެ 10 ވަނަ ދުވަހުން ފެށިގެން ބުރިޖު ހުރަސްކޮށް ސައިކަލުގައި ދަތުރު ކުރާނަމަ ހެލްމެޓް އެޅަން ޖެހޭނެ ކަމަށެވެ.

“އެއީ ގަވާއިދުގެ ތެރެއިން، ރައްޔިތުންގެ ސަލާމަތާ ރައްކާތެރި ކަމަށް ކޮންމެހެން ކުރަންޖެހޭ ކަމެއް،” މިނިސްޓަރ ނަހުލާ ވިދާޅުވި އެވެ.

Advertisement

މިނިސްޓަރު ވިދާޅުވީ އެ ތާރީހުގެ ފަހުން ހެލްމެޓް ނާޅާ ބުރިޖު މަތިން ސައިކަލުގައި ދަތުރު ކުރާ ފަރާތްތައް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހުއްޓުވާ އެފަރާޓްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށެވެ. ނަމަވެސް އެކަމާގުޅޭ ތަފްސީލެއް މިނިސްޓަރ ނުދެއްވައެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގެ ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލް މުހައްމަދު ރަފީއު ވިދާޅުވީ އަންނަ ފެބަރުވަރީ މަހުގެ ދެ ވަނަ ހަފްތާގައި ހެލްމެޓް އެޅުމާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރު ކުރުމަށް ކެމްޕޭނެއް ފަށަން މަސައްކަތް ކުރަމުން ދާކަމަށެވެ. އަދި އެ ކެމްޕޭނުގެ ތެރެއިން ކޮންމެވެސް ވަރަކަށް ހިލޭ ހެލްމެޓް ދޫކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ވެސް މަސައްކަތް ކުރަމުން ދާކަމަށްް ރަފީއު ވިދާޅުވި އެވެ.

ހެލްމެޓް އެޅުން މަޖުބޫރު ކުރުވަން ނިންމި އިރު، ބުރިޖު މަތީގައި އަދި ބުރިޖުން ހުޅުމާލެ އަށް ދާން އޮންނަ ހައިވޭގައި ނުރައްކާތެރި ބޮޑެތި އެކްސިޑެންޓްތަކެއް ހިނގައި އެތައްބަޔަކަށް ބޮޑެތި އަނިޔާތަކެއްވަނީ ލިބިފައެވެ. ރަފީއު ވިދާޅުވީ، ހެލްމެޓު އަޅައިގެން ދުއްވުމުގެ އިތުރުންް ކާރުގައި ދަތުުރުކުރާ ފަރާތްތައް ސީޓް ބެލްޓު އެޅުވުން އާދަ ކުރަން ޖެހޭ ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ 100 ދުވަހުގެ ތެރޭގައި، 5،000 ހެލްމެޓް ހިލޭ ބެހެމަށް ވަނީ ވައުދުވެފައެވެ. ބެލެވޭގޮތުގައި އެ ކެމްޕޭނުގެ ތެރެއިން ދޫކުރާނީ، ރައީސްގެ އެ ވައުދާ ގުޅިގެން ދޫކުރާ ހެލްމެޓްތަކެވެ.

ބުރިޖު ހުޅުވާލުމަށް ފަހު، ބުރިޖު ހުރަސްކޮށް ސައިކަލުގައި ދަތުރުކުރާއިރު ސައިކަލުގައި ލޯގަނޑު ހަރުކުރުން ވެސް ވަނީ މަޖުބޫރު ކޮށްފަ އެވެ. އެގޮތުން ލޯގަނޑު ހަރު ނުކުރާ ސައިޖަލުތައް، ބުރިޖު ހުރަސްކޮށް ދަތުރުތައް ކުރުމުގެ ފުރުސަތު ޓްރެފިކް ފުލުހުން ނުދެ އެވެ.

ބުރިޖާއި، ހައިވޭގައި ދުއްވަން ކަނޑައަޅާފައިވާ ސްޕީޑަކީ 25-50 ކިލޯމީޓަރާ ދެމެދުގެ ބާރުމިނުގައި ކަމަށް ވާއިރު، އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ހަތް ވަނަ މާއްދާގައި ބުނެފައިވަނީ ވަކި މިންގަނޑަކަށް ވުރެ ބާރަށް އެއްގަމު އުޅަނދު ދުއްވުމަށް ހުއްދަކޮށްފައިވާ ސަރަހައްދުތަކުގައި ނުވަތަ މަގުތަކުގައި ދެ ފުރޮޅުލީ އުޅަނދު ދުއްވަން ވާނީ ހެލްމެޓް އަޅައިގެން ކަމަށެވެ. އަދި ހަމަ އެ މާއްދާގައި ބުނެފައިވަނީ، އެފަދަ ސަރަހައްދުތަކާއި މަގުތަކުގައި ދެ ފުރޮޅަށް ވުރެ ގިނަ ފުރޮޅުލީ އުޅަނދު ދުއްވާންވާނީ ސީޓް ބެލްޓް އަޅައިގެން ކަމަށެވެ.

އޭގެ އިތުރުން އިންޖީނުލީ އެއްގަމު އުޅަނދު ދުއްވަންވީ ދުވެއްޔާ ބެހޭ ގަވާއިދުގެ 11 ވަނަ މާއްދާގައި، 30 ކިލޯމީޓަރަށް ވުރެ ބާރަށް އެއްގަމު އުޅަނދު ދުއްވަން ހުއްދަކޮށްފައިވާ ސަރަހައްދުތަކުގައި ނުވަތަ މަގުތަކުގައި ސައިކަލު ދުއްވާއިރު ހެލްމެޓް އަޅަން ޖެހޭނެ ކަމަށްވެސް ބުނެފައި ވެއެވެ. އަދި އެފަދަ ސަރަހައްދުތަކާއި، މަގުތަކުގައި ހަތަރު ފުރޮޅުލީ އުޅަނދު ދުއްވަން ޖެހޭނީ ސީޓް ބެލްޓް އަޅައިގެން ކަމަށް އެ ގަވާއިދުގައި ބުނެ އެވެ.

Advertisements