ސިންގަޕޫރަށް އެއް ކިލޯގެ ކެނަބިސް އެތެރެކުރުމުގައި ބައިިވެރިވިކަން ސާބިތުވެ މަރުގެ ހުކުމް އިއްވާފައިވާ މީހަކާ ދެކޮޅަށް ހުރި ހެކިތައް ބަލިކަށިކަމަށް ބުނެ، އޭނާއަށް މަރުގެ އަދަބު ނުދިނުމަށް ގޮވާލައި އިހުތިޖާޖު ކުރަމުން ދަނިކޮށް، އެ މީހާ މިއަދު ދަންޖައްސައި މަރާލައިފި އެވެ.

ސިންގަޕޫރުގެ ގާނޫނުތައް ބުނާ ގޮތުން 500 ގްރާމަށް ވުރެ ގިނަ މަސްތުވާތަކެތި ޓްރެފިކް ކުރުމުން މަރުގެ އަދަބު ދެވިދާނެ އެވެ. ކެނަބިސް ޓްރެފިކް ކުރަން ހިތްވަރު ދިން ކަމުގެ ކުށް ސާބިތުވެ، 46 އަހަރުގެ ޓަންގާރާޖޫ ސުއްޕިއާ އަށް މަރުގެ ހުކުމް އިއްވާފައިވަނީ 2018 ވަނަ އަހަރު އެވެ. ޓަންގަރާޖޫ ދަންޖައްސައި މަރާލާފައިވަނީ މިއަދު ހެނދުނު ކަމަށް ސިންގަޕޫރުގެ ނޫސްތަކުން ވަނީ ރިޕޯޓްކޮށްފައެވެ. މިހާރު އޭނާގެ އާއިލާއަށް މަރުގެ ސެޓްފިކެޓް ހަވާލުކޮށްފައިވާ ކަމަށްވެސް ރިޕޯޓްކޮށްފައިވެއެވެ.

ކެނަބިސް ޓްރެފިކް ކުރުން ސާބިތުވެ ޓަންގާރާޖޫ ދަންޖައްސައި މަރާލިނަމަވެސް، ކެނަބިސް އެތެރެކުރިކަން ފުލުހުންނަށް ސީދާ ހޯދިފައި ނުވެއެވެ. އަދި ޓަންގާރާޖޫއަށް މައާފު ދިނުމަށް ސިންގަޕޫރުގެ ރައީސް ހަލީމާހު ޔަކޫބަށް އެކްޓިވިސްޓުން ވަނީ ސިޓީ ފޮނުވައިފަ އެވެ.

ޓަންގާރާޖޫ ދަން ޖައްސައި މަރާލުމުން ގިނަ ބަޔަކު އަންނަނީ އެކަމާ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ. އދ.ގެ ހިއުމަން ރައިޓްސް ކޮމިޝަންގެ ބްރީފިންގައި ތަރުޖަމާނު ރަވީނާ ޝަމްދަސާނީ ވެސް ވަނީ މަސްތުވާތަކެއްޗާ ގުޅުން ހުރި ކުށްތަކުގައި މަރުގެ އަދަބު ދިނުން "ރަސްމީކޮށް މަޑުޖައްސާލުމަށް" ސިންގަޕޫރު ސަރުކާރަށް ގޮވާލައްވައިފަ އެވެ.