އަމިއްލަ ޖަމްއިއްޔާއަކުން އިސްނަގާގެން ރާއްޖޭގެ ރަށެއްގައި ފުރަތަމަ ފަހަރަށް ތްރީއޮން ތްރީ ފުޓްބޯލަ ދަނޑެއް، ހުވަދު އަތޮޅު އުތުރުބުރީ ގެމަނަފުށީގައި އަޅައިފިއެވެ.

ގެމަނަފުށީގައި މި ދަނޑު އަޅާފައިވަނީ ގެމަނަފުށީ ސްޕޯޓްސް ކުލަބުންނެވެ. ގެމަނަފުށީ ސްޕޯޓްސް ކުލަބަކީ އެރަށުގެ ކުޅިވަރަށް އެކިއެކި ގޮތްގޮތުން ގިނަ ހިދުމަތްތަކެއް ކުރަމުން އަންނަ ކުލަބެކެވެ.

އެކުލަބުން މައުލޫމާތު ދިން ގޮތުގައި ރަށުގައި ތްރީއޮންތްރީ ފުޓްބޯޅަ ދަނޑެއް އެޅުމުގެ ވިސްނުމަކީ 2016 ވަނަ އަހަރު އެކުލަބުން އިންތިޒަމްކޮސްގެން ގެމަނަފުށީގައި ބޭއްވި އެކުލަބުގެ ތިންވަނަ ފުޓްސަލް މުބާރަތުގެ ތެރެއިން އުފެދުނު ހިޔާލެއްކަމަށެވެ. އެގޮތުން މި މަސައްކަތް ކުރުމަށްޓަކައި ބޭނުންވާ ސާމާނު 2019 ވަނަ އަހަރު ގެމަނަފުއްޓަށް ފޮނުވުނެވެ.

ދިމާވި ގިނަ ގޮންޖެހުންތަކާއި އެކި ސަބަބުތަކަހުރެ މި މަސައްކަތް ނުކުރެވި ދިގު މުއްދަތެއް ވޭތުވުމަށްފަހު މަސައްކަތް ކުރުމަށްޓަކައި ބިމެއް ހަމަޖެހުނީ 2023 ވަނަ އަހަރުގެ ރަމަޟާންމަހުގެ ފަހު ދިހައެއްގެ ތެރޭގައެވެ. ކުލަބުގެ މެންބަރުން މި މަސައްކަތް ކުރަން ބޭނުންވެފައިވާ މިންވަރު ބޮޑުކަމުން ބިން ލިބުނު ދުވަހުންފެށިގެން މަސައްކަތް ފެށިއެވެ. އެއީ މި އޭޕްރީލް މަހުގެ 13 ވަނަ ދުވަހެވެ. އެއާއެކު މި ދަނޑު އީދު ދުވަހަށް ނިންމައި ރަށުގައި ތްރީއޮންތްރީ މުބާރާތެއް ބޭއްވުމަށް އިއުލާން ކުރިއެވެ. ރެއާއި ދުވާލު ރޯދައަށް ތިބެގެން ކުރި މި ބުރަ މަސައްކަތް ނިންމައި ދަނޑު ހުޅުވާފައިވަނީ މި އޭޕްރީލް މަހުގެ 22 ވަނަ ދުވަހުއެވެ.

ދަނޑު ހުޅުވުމާއެކު ފެށިގެން ދިޔައީ ގެމަނަފުށީ ތާރީހުގަވެސް މިފަދަ ގޮތަކަށް ބޭއްވުނު ފުރަތަމަ ތްރީއޮންތްރީ ފުޓްބޯޅަ މުބަރާތެވެ. ޖުމްލަ 7 ޓީމަކުން ބައިވެރިވި މި މުބާރާތަކީ ވަރަށް ފޯރިގަދަ މުބާރާތެކެވެ.

ގެމަނަފުށީ ސްޕޯޓްސް ކުލަބަކީ ކުޅިވަރުގެ ގިނަ ހަރަކާތްތަކެއް އިންތިޒާމްކޮށްގެން ހިންގަމުން އަންނަ ކުލަބެކެވެ. އެގޮތުން ގެމަނުށީގެ ތާރީހުގައިވެސް ބޭއްވުނު ފުރަތަމަ ފުޓްސަލް މުބަރާތް ބާއްވާފައިވަނީ 2012 ވަނަ އަހަރު ގެމަނަފުސީ ސްޕޯޓްސް ކުލަބުންނެވެ. ގެމަނަފުށީ ދާއިރާއަށް ހުޅުވާލައިގެން ބޭއްވި މި މުބާރާތުގެ ޗެންޕިއަންކަން ހޯދާފައިވަނީ ގއ. ކަނޑުހުޅަދޫއިންނެވެ.

ހަމަ އެއަހަރު ގެމަނަފުށީ ސްޕޯޓްސް ކުލަބުންވަނީ ރާއްޖޭގެ މައްޝޫރު ބައެއް ވޮލީ ކުޅުންތެރިންނާއެކު ވޮލީބޯލް އެސޮސިއޭޝަން އޮފް މޯލްޑިވްސްއިން ބާއްވާ ޕްރެޒިޑެންޓްސް ކަޕްގައި ބައިވެރިވެފައެވެ. ތަޖުރިބާކާރު ސަތޯ ކޯޗާއެކު ޕްރެޒިޑެންޓްސްކަޕްގެ ތަށި 2012 ވަނަ އަހަރު އެ ކުލަބުން ހިއްލާލިއެވެ.

އެއަށްފަހު 2014 ވަނަ އަހަރު ގެމަނަފުށީ ދާއިރާއަށް ހުޅުވާލައިގެން ފުޓްސަލް މުބާރާތެއް ބޭއްވިއެވެ. އެ މުބާރާތުގެ ޗެންޕިއަންކަން ހޯދާފައިވަނީ ގއ ކޮނޑޭ ބަފަނާ ޓީމުންނެވެ. ގެމަނަފުށީ ސްޕޯޓްސްކުލަބުގެ ތިންވަނަ ފުޓްސަލް މުބާރަތުގެ ޗެންޕިއަންކަން ހޯދާފައިވަނީ ގއ. ނިލަންދޫގެ އެންއެސް ރޯމާއެވެ. މި މުބާރާތްތަކުގެ ފައިނަލްމެޗްތައް ޓީވީއެމްއާއި ޔެސް ޓީވީން ލައިވްކޮށްފައިވެއެވެ.

މީގެ އިތުރުން ގެމަނަފުށީ ސްޕޯޓްސް ކުލަބުން އެރަށުގައި ފުޓްސަލް ކޯޗިން ކޭންޕްތަށް ބާއްވާ ކުޑަކުދިންނަށް ހާއްސަ އެކަޑަމީއެއްގެ މަސައްކަތް ފެށިއެވެ. ގެމަނަފުށީ ސުކޫލްގެ ދަރިވަރުންނަށް ހާއްސަކޮށްގެން ރާޒުވާ ކުޅެން ދަސްކުރުމަށް ކޯޗިން ކޭންޕަކާއެކު މުބާރާތެއް ބޭއްވިއެވެ. ގެމަނަފުށީ ޒުވަނުންނަށް ހާއްސަކޮށްގެން އެފްއޭއެމްއާއި، ރެފްރީޒް ޑިވޮލަޕްމެންޓް ކޯޕަރޭޓިވް ސޮސައިޓީއާއި ގެމަނަފުށީ ކައުންސިލް ގުޅިގެން ރެފްރީން ތަމްރީން ކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދިޔައެވެ.

ގެމަނަފުށީ ސްޕޯޓްސް ކުރަމުންއަންނަ މިފަދަ ކޮންމެ ކަމަކުން އެރަށަށް ކުޅިވަރުގެ ދާއިރާއިން އަންނަނީ ކުރިއެރުންތަށް ލިބެމުންނެވެ. މި މަސައްކަތްތަކުގައި ގެނަމަފުށީ ކައުންސިލުން އަންނަނީ ވަރަށްބޮޑަށް އެހީތެރިމަކާއި އެއްބާރުލުން ދެމުންނެވެ.