ރިސޯޓެއްގައި ވަޅި ހަރައި ބިދޭސީއަކު މަރާލައިފި

0
އދ. އެއްލައިދޫ މޯލްޑިވްސް ރިސޯޓް

އދ. އެއްލައިދޫ ރިސޯޓްގައި ދެ ބިދޭސީންގެ ދެމެދުގައި ހިނގި މާރާމާރީއެއްގައި އެކަކު މަރުވެއްޖެ އެވެ.

މި ހާދިސާ ހިނގާފައިވަނީ މިރޭ 9:50 ހާއިރު އދ. އެއްލައިދޫ މޯލްޑިވްސް ބައި ސިނަމަން ރިސޯޓްގަ އެވެ.

ފުލުހުން މިކަމާ ގުޅޭ މައުލޫމާތު މީޑިއާ ދެއްވަމުން ވިދާޅުވި ގޮތުގައި މާރާމާރީ ހިނގީ ލަންކާ ދެ މީހެއްގެ މެދުގަ އެވެ. މާރާމާރީ ހިންގާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެންނެވެ.

Advertisement

މާރާމާރީގައި ލިބުނު އަނިޔާއާ ގުޅިގެން އެ ރިސޯޓްގެ ކުލިނިކަށް އޭނާ ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން މާރާމާރީ ހިނގި ލަންކާ ދެ މީހުންނަކީ އެ ރިސޯޓްގެ ކޮންސްޓްރަކްޝަން މަސައްކަތަށް ގެނެސްފައި ތިބި ދެ މީހުންނެވެ. މާރާމާރީ ހިނގީ ދެ މީހުންގެ ދެމެދުގައި ޖެހުނު މައްސަލައެއް ހައްލުނުވެ ހޫނު ވެގެންނެވެ.
މާރާމާރީގައި ވަޅި ގެންގުޅުނީ އެކަކެވެ. ވަޅިން ހަމަލާދިން މީހާއަށް އެއްވެސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. މާރާމާރީއަށްފަހު އެމީހާ ފިލައިގެން އުޅެނިކޮށް ރިސޯޓްގެ އެހެން މުވައްޒަފުން ވެގެން މާރާމާރީ ހިންގި މީހާ ހިފަހައްޓާފައި ވާކަމަށްް ވެސް ވަނީ މައުލޫމާތު ލިބިފައިވެ އެވެ.

އދ. މަހިބަދޫ ޕޮލިސްޓޭޝަންގެ ފުލުހުން މައްސަލަ ތަހުގީގު ކުރުމަށް އެ ރިސޯޓަށް ވަނީ ގޮސްފައެވެ.

Advertisements