މި ދުވަސްވަރު ހޫނު ގަދަވެ ހޫނު މިން އިންތިހާއަށް މައްޗަށް ގޮސްފައިވާތީ ގަދަ ހޫނުން ގައިދީން ސަލާމަތްކޮށް ދޭން ޖަލު ގޮޅިތައް ފިނި ކުރަން މަސައްކަތް ކުރަން ހިއުމަން ރައިޓްސް ކޮމިޝަނުން އިލްތިމާސްކޮށްފި އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާގެ މައުލޫމާތަށް އަލިއަޅުވާލައި އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ހިއުމަން ރައިޓްސް ކޮމިޝަނުން ބުނީ، ފުލުހުންނާއި ކަރެކްޝަންސްގެ މަރުކަޒުތަކާއި ޖަލުތަކުގައި ތިބި ގައިދީންގެ ފަރާތުން އެ ކޮމިޝަނަށް ހުށަހަޅާ މައްސަލަތަކުންނާއި ކޮމިޝަނުން އެ ތަންތަނަށް ކުރާ ޒިޔާރަތްތަކުގައި، އެ ތަންތަން އާންމު ދުވަސްތަކުގައި ވެސް ހޫނު ގަދަ ކަމަށެވެ. އަދި ގިނަ ގޮޅިތަކުގައި ވައި ދައުރުވުމުގެ މައްސަލަތައް ހުރިކަން ވެސް ފާހަގަކުރެވިފައިވާ ކަމަށެވެ.

އަންހެންޖަލު ތެރޭގެ މަންޒަރެއް، އާންމު ދުވަސްތައްވެސް ހޫނު، ވަށައިގެން ދަގަނޑު ހުރުމުން ހޫނުއިތުރުވޭ

އެހެންކަމުން، ފުލުހުންނާއި ކަރެކްޝަންސްގެ މަރުކަޒުތަކާއި ޖަލުތަކުގައި ގައިދީން ބަންދުކޮށް ބެލެހެއްޓުމުގައި ފިނިހޫނުމިނަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެކޮމިޝަނުން ގޮވާލާފައި ވެއެވެ. އަދި ޖަލިތަކުގެ ގޮޅިތަކުގެ ހޫނުމިން އިތުރަށް މަތިވެގެން ދިޔަ ނުދިނުމަށްޓަކައި ހަމަޖައްސަން ޖެހޭ އިންތިޒާމްތައް ހަމަޖެއްސުމަށް، އެކޮމިޝަނުން މިމުއައްސަސާތަކަށް އިލްތިމާސްކޮށްފައި ވެއެވެ.

ޖަލުތަކުގައި އުޅެފައި ތިބި އަދި މިހާރު މުޖުތަމައުގައި ތިބި ބައެއް ގައިދީންގެ ފަރާތުން ލިބިފައިވާ މައުލޫމާތުތައް ބުނާ ގޮތުގައި ކޮންމެ އަހަރަކުވެސް މިދުވަސްވަރު ޖަލު ގޮޅިތަކުގައި ހޫނުގަދަ ކަމުން ބިމަށް ފެން އަޅައި ފާރުތަކަށް ފެން ޖަހަން ޖެހޭވަރުވާ ކަމަށެވެ. އަދި ވަށައިގެން ދަގަނޑު ފެންސުތަކާއި ދަގަނޑު ދޮރުތައް ހުންނަ ތަނެއް ކަމަށްވާތީ، އޭގެ ދިލައިން އިތުރަށް ގޮޅިތައް ހޫނުވާކަމަށެވެ.

މި ދުވަސް ވަރު ހޫނު ގަދަވެ ބައެއް ދުވަސް ދުވަހު އިހްސާސް ކުރެވޭ ހޫނުމިން 44 ޑިގްރީއަށް ވުރެ މައްޗަށް ގޮސްފައިވާކަމަށް މެޓް އޮފީހުން ބުނެއެވެ. އަބަދުވެސް އަހަރުގެ މާރިޗު، އޭޕްރީލް އަދި މެއި މަހަކީ އެންމެ ބޮޑަށް ހޫނުގަދަ ވާ ދުވަސްތަކެވެ.