ޗާގޯސް މައްސަލައިގައި މިއަދު ގޮތެއްނިންމުމަށް ބޭއްވި ޝަރީއަތުން ރާއްޖެއިން ކާމިޔާބުކޮށްފިއެވެ. މައްސަލައިގައި ރާއްޖޭން ވަކާލާތު ކުރި ގޮތަށް، އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން މައްސަލަ ނިންމީ އެސަރަަހައްދުން ރާއްޖެއަށް ބޮޑު ބައި ލިބޭ ގޮތަށެވެ.

އިޓްލޮސް އިން ނިންމީ ދެ ގައުމުގެ ދެމެދު ބަހަން ޖެހޭ 92،563 އަކަ ކިލޯމީޓަރުގެ ސަރަހައްދުން ރާއްޖެއަށް - 47،232 އަކަ ކިލޯމީޓަރު އަދި މޮރިޝަސްއަށް - 45،331 އަކަ ކިލޯމީޓަރު ލިބޭ ގޮތަށެވެ.

އިޓްލޮސްގެ ނުވަ މެމްބަރުންގެ މައްޗަށް އެކުލެވިގެންވާ ޗެމްބަރަކުން ބެލި މި މައްސަލައިގައި އިއްވި ހުކުމްގައި ނިންމާފައި ވަނީ، ރާއްޖެ އާއި ޗާގޯސްއާ ދެމެދުގައިވާ ފުށުއަރާ ކަނޑުގެ ސަރަހައްދު ބެހުމުގައި ބޮޑަށް ބަލަން ޖެހޭނީ ރާއްޖޭން ވަކާލާތުކުރި ގޮތަށް ޗާގޯސްގެ ރަސްމީ ސަރަހައްދުގައި ހިމެނޭ ރަށްރަށުގެ އައްސޭރިފަށުން ފެށިގެން ކަމަށެވެ.

ރާއްޖެ އާއި ޗާގޯސްއާ ދެމެދުގައިވާ ކަނޑުގެ ސަރަހައްދުން ފުށުއަރާ ބައި ދައްކައިދޭ ޗާޓެއް

މިއަދު މެންދުރު ފަހު ރާއްޖެ ގަޑިން 2 ޖެހިއިރު ފެއްޓި ޝަރީއަތުގެ މަޖިލީހުގައި ރާއްޖެ ތަމްސީލުކުރައްވަން ވަޑައިގެން ތިއްބެވީ:

  • ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު އަދި ޑެޕިއުޓީ އެޓާނީ ޖެނެރަލް ހަދީޖާ ޝަބީން
  • ރާއްޖޭގެ ގާނޫނީ ޓީމުގައި އިސްކޮށް ހުންނެވި ޕްރޮފެސަރު ޕާޔަން އަހަވަން
  • ރާއްޖޭގެ ގާނޫނީ ޓީމުގައި ހިމެނިވަޑައިގެންނެވި ޖީން-މާކް ތައުވެނިން