އޭޝިޔާ ޔޫތު ދުވުމުގެ މުބާރާތުގައި ވާދަ ކުރަމުން އަންނަ ހދ. ކުޅުދުއްފުށީ އަހްނާ އަހްނާ ނިޒާރު، ރާއްޖޭގެ އަންހެނުންގެ 100 މީޓަރަށް ދުވުމުގެ ޔޫތު ރެކޯޑް މުގުރާލައިފިއެވެ.

އުޒްބެކިސްތާނުގައި ކުރިއަށްދާ އޭޝިޔާގެ ޔޫތު މުބާރާތުގެ ސެމީފައިނަލުގައި އިއްޔެ ދުވެ، އަހްނާ ޔޫތު ރެކޯޑް މުގުރާލީ 100 މީޓަރުގެ ރޭސް 12.50 ސިކުންތުން ނިންމައިގެންނެވެ. ކުރިން މިރެކޯޑް އޮތީ މަރަޔަމް ރޫޔާ އަތުގައެވެ. ރޫޔާ އޭރު ރެކޯޑް ހެދީ 12.52 ސިކުންތުން ރޭސް ނިންމައިގެންނެވެ.

ސެމީފައިނަލުގައި ދެވަނަ ހީޓުގައި 8 ކުޅުންތެރިންނާ ވާދަކޮށް އަހްނާ ދިޔައީ 6 ވަނައަށެވެ. 2 ހީޓެއްގައި ޖުމްލަ 16 ކުޅުންތެރިން ސެމީފައިނަލުގައި ވާދަކުރިއިރު ފައިނަލުން ފުރުސަތު ލިބުނީ 5 ކުޅުންތެރިންނަށެވެ.

އަހްނާ ވާދަކުރި ހީޓުން އަހްނާއަށްވުރެ ކުރިން ރޭސް ނިންމާފައި ވަނީ އިންޑިޔާ، ހޮންކޮންގ، މެލޭޝިޔާ، ދެކުނު ކޮރެއާ އަދި ކަޒަކިސްތާނުގެ އެތުލީޓުންނެވެ. އުޒްބެކިސްތާނާއި ނޭޕާލްގެ އެތުލީޓުން ދިޔައީ އަހްނާއަށްވުރެ ފަހަތަށެވެ.

ކުޅުދުއްފުށީ ޝަރީފް ސްޕޯޓްސްއިން ތަމްރީންތައް ހަދަމުން އަންނަ އުމުރުން އެންމެ 15 އަހަރުގެ އަހްނާ ވަނީ މިއަހަރުގެ ފެބްރުއަރީ މަހު އޮތް އިންޑިއަން އިންޑޯ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައިވެސް ވާދަކޮށްފައެވެ.