އެކާވީސް ވަނަ ގަރުނުގައި އިންސާނުން ދުނިޔެއަށް އުފަންވަމުންދަނީ ޕެޓްރޯކެމިކަލް ވޭސްޓް (އުކާލެވޭ ޕުލާސްޓިކު) ކުނޑިތަކެއްގެ ފަށަލައެއް ލެވިގެންނެވެ.

އުކާލެވޭ އެފަދަ ޕްލާސްޓިކާއި އިންސާނުންނާ ދެމެދު އޮންނަ ގުޅުމަށް ބޮޅެއް އިތުރު ވެއްޖެއެވެ. މާބަނޑުމީހާގެ ރަހިމުގައި އޮންނަ މަހުގެ ތެރެއިން މައިކްރޯޕްލާސްޓިކް ގެ އަސަރު ދާދި ފަހުން ފެނުމުން، އެ ގުޅުން ފެށެނީ ރަހިމުން ކަމުގައި، މިހާރު ހާމަވެއްޖެއެވެ.

އެއްވެސް ކަހަލަ ޕުލާސްޓިކެއް ނެތް މާހައުލެއްގައި، ރަހިމުގެ މަސްތަކެއްގެ ބައިތަކެއްގައި ހިންގި ތަހުލީލަކުން، އޭގެ ތެރޭގައި 5 (ފަހެއް) މައިކްރޯމީޓަރާ، (ދިހައެއް) 10 މައިކްރޯމީޓަރާ ދެމެދުގެ، އެކި ކުލައިގެ 12 (ބާރަ) ޕުލާސްޓިކުކޮޅު ފެނިފައިވެއެވެ. (މައިކްރޯމީޓަރަކީ މިލިމީޓަރެއްގެ 1000 ބައިކުޅަ އެއްބައެވެ.) މި ތަކެތި ފެނިފައިވަނީ އެފަދަ މަހުގެ އެންމެ ހަތަރު މަހުންނެވެ.

އޭގެ ތެރެއިން ހަތަރު އެތިކޮޅު ފެނިފައިވަނީ ރަހިމުގައި މަންމައާވީ ފަޅިންކަމަށް ވީނަމަވެސް، އިތުރު ފަސް އެތިކޮޅު ފާހަގަ ކުރެވިފައިވަނީ ރަހިމުގައި އޮންނަ ދަރިއާ ދިމާއިންނެވެ. އިތުރު ތިން އެތިކޮޅު ފެނިފައިވަނީ "އެމްނިއޯޓިކް ފްލުއިޑް" ނުވަތަ ރަހިމުގެ ތެރޭގައި ހުންނަ ފެނުގެ ބޭރުން ލެވިފައިވާ ތުނި ދުލި ފަށަލައިންނެވެ.

ފުރަތަމަ ނަޒަރުން ބަލާލާއިރު، އެންމެ 12 އެތިކޮޅަކީ މާގިނަ އަދަދެއް ނޫނެއްކަމަކު، މި ތަހުލީލުގައި ބޭނުން ކުރީ ރަހިމު މަހުގެ ބައެއް ތަންތަން ކޮޅުން ނެގި ޓިޝޫތަކެއް ކަމުން، ޖުމުލަކޮށް މި އަދަދަށް ވުރެ މާގިނަ ޕުލާސްޓިކު ކޮޅުތައް ހުންނާނެއެވެ.

ރަހިމުގައި އޮންނަ މަހަކީ ވަރަށް ގިނަ ބާވަތުގެ މަސައްކަތްތަކެއް ކުރާ ގުނަވަނެކެވެ. އެހެނީ އެއީ ފުރިހަމަ ފަރުދެއް އުފެދިގެން އައުމަށް ބޭނުންވާ އެންމެހާ ކަންކަމާއި ތަކެތި، އެ އެއްޗެއް ބޭނުން ޖެހޭ ވަގުތެއްގައި، ބޭނުންޖެހޭ މިންވަރަށް ފޯރުކޮށްދޭ ގުނަވަނެވެ.

އެ ގުނަވަނުގެ މަސައްކަތްތަކުގެ ތެރޭގައި، އެކިއެކި ނުރައްކާތެރި ޖަރާސީމުތަކާއި ބަލިޖައްސާ ފަނި (ޕެތޮޖެންސް) ތަކާއި، އެހެނިހެން ގޮތްގޮތުންވެސް ދަރިފުޅަށް ނުރައްކާ ވެދާނެ އެންމެހާ ތަކެތި، މަންމަގެ ލޭގެ ތެރެއިން ފުރޭނުމަށްފަހު ހުއްޓުވުމުގެ އިތުރުން، އެ ދަރިފުޅަށް ބޭނުންވާ އޮކްސިޖަނާއި، ކާނާއާއި، "އެންޓިބޮޑީސް" ތައް ފުރާނައިގެން ލިބިދިނުން ހިމެނެއެވެ.

މި ޕުލާސްޓިކު އެތިއެތި ކޮޅުތަކަކީ ބަނޑުގައިވާ ދަރިއަށް ކިހާވަރެއްގެ ގެއްލުމެއް ދޭނެ ތަކެތި ކަމެއް އަދި ހޯދިފައެއްނެތެވެ. އެކަން ދެނެގަތުމަށް ވަރަށް ގިނަ ތަހުލީލުތައް، އިތުރަށް ކޮށްގެން މެނުވީ އެ ގުޅުން ޔަގީންކަމާއެކު ސާބިތު ނުކުރެވޭނެއެވެ.

މައިކްރޯޕްލާސްޓިކް އަކީ ހަށިގަނޑުގެ ގުނަވަންތަކުގެ މަސައްކަތަށް އެކި ގޮތްގޮތަށް ހުރަސް އަޅާ ގެއްލުން ދޭ އެއްޗެކެވެ. މިސާލަކަށް، "ބިސްފީނޮލް އޭ" އަކީ ހަށިގަނޑުގެ ހޯމޯން ތައް ކޮންޓްރޯލު ކުރާ ނިޒާމް (އެންޑޯކްރައިން ސިސްޓަމް) އަށް ގެއްލުންދޭ މައިކްރޯޕްލާސްޓިކެކެވެ. އެހެންކަމުން އެފަދަ ނުރައްކާތެރި އެއްޗެއް، އެހާ ނާޒުކު އަދި ހައްސާސީ ގުނަވަނެއްގައި ހުރުމަކީ ވަރަށް ކަންބޮޑުވާންޖެހޭ ކަމެކެވެ.

މި ދިރާސާ ހިންގި ސައިންޓިސްޓުންގެ ޓީމުން ލިޔުނު ރިޕޯޓުގައި ބުނެފައިވަނީ، "އިންސާނެއް އަލަށް އުފެދިގެން އައުމުގައި، ރަހިމުގައިވާ މަހުގެ ދައުރަކީ އެހާ މުހިންމު އަދި ނާޒުކު ރޯލަކަށްވެފައި، އެފަދަ ގެއްލުންދެނިވި ޕުލާސްޓިކުކޮޅުތަކެއް އެ ގުނަވަނުގައި ހުރުމަކީ ވަރަށް ކަންބޮޑުވާކަމެކެވެ."

"އެގޮތަށް މައިކްރޯޕްލާސްޓިކް ހުރެގެން ދަރިފުޅަށް ކުރާ ނޭދެވޭ އަސަރުތަކާއި، ވިހަވުމުގެ ފުރުސަތު އޮތްތޯ އާއި، ހަށިގަނޑުގެ ދިފާއީ ނިޒާމު ނޭދެވޭ މިންވަރަކަށް ހޭލައްވާލުން ފަދަ ގެއްލުން ލިބޭ ކަންކަމަކީ ކޮބައިތޯ ބެލުމަށް، އިތުރު ދިރާސާތަކެއް ކުރަންޖެހެއެވެ."

މި ދިރާސާއިން ލިބުނު ނަތީޖާއަކީ، މިދިޔަ އަހަރު ބެލްޖިއަމް ގެ ސައިންޓިސްޓުން ކުރި ދިރާސާއަކުން ފެނިފައިވާ، މާބަނޑު މީހުންގެ ނޭވަޔާއެކު ހަށިގަނޑަށް ވަދެގެންދާ "ދުން"، އޭގައި ހިމެނޭ ކާބަން އެތިކޮޅުތައް، ހަށިގަނޑުގެ ނިޒާމުތަކުގެ ތެރެއިން ލާފައި ރަހިމުގައި އޮންނަ ކުއްޖާގެ މަހާ ހަމަޔަށް ދާ ދިއުމާ ދާދި އެއްފަދަ ހޯދުމެކެވެ.

މިހުންނަނީ ކަންބޮޑުވާންޖެހޭ ކަންތައްތަކެއް ކަމަކު، މި ފަހުގެ ދިރާސާގައި ބޭނުންކުރި މަސްތަކަށް ނިސްބަތްވާ ކުދިންނަކަށް އެއްވެސް ކަހަލަ ސިއްހީ މައްސަލައެއް ދިމާވެފައެއް ނެތެވެ.

މި ނަތީޖާއަކީ ބޭނުން ކުރި ހަ މަހުގެ ތެރެއިން އެންމެ ހަތަރު މަހުން ފެނިފައިވާ ނަތީޖާއަކަށް ވީތީ، މި ދިރާސާއަކީ ހަމައެކަނި މަގުދައްކުވައިދޭ ދިރާސާއެކެވެ. އިތުރު ދިރާސާ ކުރަން ޖެހޭނެ ކަމުގެ އިޝާރާތެކެވެ.

ބޭނުން ކުރި ހަ މަހުން ދެ މަހުގައި އެއްވެސް ބާވަތެއްގެ ޕުލާސްޓިކު ކޮޅެއް ފެނިފައި ނުވުމަކީ ހިތްހަމަޖެހުމެއް ލިބޭކަމެކެވެ. މިކަމުން ދޭހަވަނީ، ދިރިއުޅުމުގެ އާދަކާދަތަކަށް ބަލައިގެން ނުވަތަ ބަދަލު ގެނެސްގެން އުޅެފި ނަމަ، މައިކްރޯޕްލާސްޓިކް ގެ އަސަރުތަކާ ދުރުވެ އުޅުމުގެ ފުރުސަތު އެބަ އޮތްކަމެވެ.

ނަމަވެސް ސުވާލަކީ، މިގޮތަށް ދުރުވެގެން އުޅެވޭނީ ކިހާ ދުވަހެއް ވަންދެން ބާވައެވެ. ކުރިޔަށް އޮތް ވިހި އަހަރު ތެރޭ، އިންސާނުން އުކާލާ ޕުލާސްޓިކުގެ އަދަދު ޑަބަލްވާނެ ކަމަށްވެއެވެ.

ސިންތެޓިކް ފޮތިން ފަހާފައި ހުންނަ ޓްރެކްސޫޓު ފަދަ ފޭރާން، ހަމައެކަނި ދޮވެލުމުންވެސް ލޮލަށް ނުފެންނަވަރުގެ ކުދިކުދި ޕުލާސްޓިކުކޮޅުތައް ތިމާވެއްޓަށް ބޭރުވެގެން ދެއެވެ. މިއީ މިހާވެސް ބޮޑަށް ފެތުރިފައިވާ މައްސަލައެއްކަމަކު، އެއާ ބެހޭ ތަފުސީލުތައް ކުޑަކޮށްވެސް އެނގެން ފެށީ އަދިކިރިޔާއެވެ. މިހާރު ކަންއޮތް މިންވަރަކީ، ދުނިޔޭގެ ހުރިހާ ދިމާއެއްގައި، ފަރުބަދަތަކުގެ އެންމެ މަތިން ފެށިގެން އެންމެ ފުން ކަނޑުގެ އަޑިއަށް ދާންދެން، ދުނިޔޭ ކޮންމެ އަކަ އިންޗިއަކަށް ޕުލާސްޓިކުގެ އަސަރު ފެތުރިފައި ވުމެވެ.

އެހެންކަމުން، ހަށިގަނޑުގެ އެންމެ އެތެރެއިން، އެފަދަ އަސަރު ފެނުމަކީ ހައިރާން ވާންޖެހޭނެ ކަމެއް ނޫނެވެ. ވަކިން ހާއްސަކޮށް، އެ ތަކެތި، ފެނާއި ކާބޯތަކެއްޗާ ލާމެހިފައިވާ މިންވަރު ދަނީ ދުވަހެއް ދުވަހަށް އިތުރަށް ހާމަވަމުންނެވެ. މި ގޮތަށް ދާ ނަމަ އިންސާނާގެ ހަށިގަނޑަށް ކެތްކުރެވޭ މިންވަރަށް ވުރެ، ހަށިގަނޑަށް އެތެރެވާ ޕުލާސްޓިކުގެ މިންވަރު، ކޮންމެވެސް ދުވަހަކުން އިތުރުވާނެއެވެ. މައިކްރޯޕްލާސްޓިކުގެ އަސަރު މުޅި ދުނިޔެއަށް އެހާ ބޮޑަށް ފެތުރިފައިވާތީ، އަދި ފެނުނީ ކިތަންމެ ކުޑަ އެތިކޮޅެއް ކަމުގައިވިޔަސް، އެއީ އަންނަން އޮތް ރަނގަޅުނޫން ކަންތައްތަކެއްގެ އަލާމާތްކަން ކަށަވަރެވެ.

މި ދިރާސާވަނީ "އެންވަޔަރަމެންޓް އިންޓަރނޭޝަނަލް" ގައި ޝާއިއުކޮށްފައެވެ.