މުސާރައަށް ސަރުކާރުން ގެންނަވާ ހެޔޮބަދަލާއެކު ޞިއްޙީދާއިރާގެ 3710 ދިވެހި މުވައްޒަފެއްގެ މުސާރައަށް ހެޔޮބަދަލު އަންނާނެކަން ސަރުކާރުން ހާމަކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މި އަހަރުގެ ރިޔާސީ ބަޔާނުގައި ވަނީ މި އަހަރުގެ މޭ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން، ޞިއްޙީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެންނަވާނެކަމުގައި ވިދާޅުވެފައެވެ.

އެގޮތުން، ރައީސް އޮފީހުން ވިދުވީ ޞިއްޙީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް މެއި 1 ވަނަ ދުވަހުން ފެށިގެން ގެންނަވާ ކުރިއެރުންތައް ހާމަކުރެއްވުމަށް އެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުސާރައިގެ ކުރިއެރުމުގެ ތަފްޞީލްތައް ޙިއްސާކުރެއްވީ، މިނިސްޓަރ އޮފް ހެލްތް ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެވެރިޔާ އަޙްމަދު ނަސީމާއި މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދުދީދީ އަދި ނެޝަނަލް ޕޭކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ޑރ.މުޙައްމަދު ފައިޒަލް ކަމަށެވެ.

މިރޭ ބޭއްވި ޕްރެސްކޮންފަރެންސްގައި، ޕޭފްރޭމްވޯކްގެ ދަށުން ޞިއްޙީ ދާއިރާގެ މުސާރަތަކަށް ގެންނަވާފައިވާ މައިގަނޑު ބަދަލުތައް ހާމަކުރައްވަމުން ނެޝަނަލް ޕޭކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ފައިޒަލް ވިދާޅުވީ މި ބަދަލާއެކު އެލައިޑް ހެލްތުގެ ފަންނުތަކަށް މުސާރައިގެ އެކަށީގެންވާ ކުރިއެރުމެއް ގެންނަވާފައިވާނެކަމަށެވެ. އަދި ހުރިހާ ފަންނުތަކުގެ މުވައްޒަފުންވެސް އެންމެ ދަށްވެގެން ފުރަތަމަ ޑިގްރީ ޙާޞިލުކުރުމަށް ބާރުއެޅުމުގެ ގޮތުން ފުރަތަމަ ޑިގްރީއަށް މުސާރައިގެ ފަރަގުތަކެއް ހުންނާނެކަމަށާއި ހަމަ އެހެންމެ ޞިއްޙީ ދާއިރާގެ ފަންނުތަކުގެ ތެރެއިން މިހާތަނަށް ދިވެހިން ބިނާކުރުމަށް ދަތިކަމަށް ފާހަގަކުރެވޭ ފަންނުތަކަށް ދިވެހިން ކުރިމަތިލުމަށް ހިތްވަރު ދިނުމުގެ ގޮތުން އެފަދަ ފަންނުތަކަށް ނިސްބަތުން ރަނގަޅު މުސާރަތަކެއް ކަނޑައަޅާފައިވާނެ ކަމަށް ފައިޒަލް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ކެންސަރުފަރުވާތައް ފަދަ ޚާއްޞަ ފަރުވާތަކަށް ޙާއްޞަ ފަންނުވެރިން ބޭނުންވާތީ އެފަންނުތަކަށްވެސް އެކަށީގެންވާ ރަނގަޅު މުސާރަތަކެއް ކަނޑައަޅާފައިވާނެކަމަށާއި އަތޮޅުތަކުގައި ޤާއިމުކޮށްފައިވާ ހޮސްޕިޓަލްތަކަށް ޞިއްޙީ ދާއިރާގެ ފަންނުވެރިން ހޯދުމުގައި ކުރިމަތިވާ ދަތިތައް ޙައްލުކުރުމަށްވެސް މި ޕޭ ޕްރޭމްވޯކްގައި މުސާރަ ކަނޑައެޅުމުގައި އިސްކަންދީފައިވާނެކަން ފައިޒަލް ފާހަގަކުރެއްވިއެވެ.

ޞިއްޙީ ދާއިރާގެ މުވައްޒަފުންގެ ޖުމްލަ 3710 މުވައްޒަފުންގެ މުސާރައަށް މި ބަދަލާއެކު ހެޔޮބަދަލުތަކެއް އަންނަ އިރު އެބަދަލުތައް އަންނާނީ ހަމައެކަނި ދިވެހި މުވައްޒަފުންނަށްކަން މި ރޭގެ ޕްރެސްކޮންފަރެންސްގައި ފާހަގަކުރެއްވިއެވެ. އަދި ޕްރެސްކޮންފަރެންސްގައި، ސަރުކާރުން ވަނީ ޞިއްޙީ ދާއިރާގައި ހިމެނޭ 67 ޖޮބް މެޓްރިކްސްގެ މުސާރަތަކަށް ގެނެވުނު ބަދަލުތަކުގެ ތަފްޞީލުތައް ހާމަކުރައްވާފައެވެ.

އޭގެތެރޭގައި ހިމެނެނީ ހެލްތު އެންޑް ސޯޝަލް ސެކްޓަރގެ 63 ޖޮބް މެޓްރިކްސްއަކާއި ހެލްތު އެޑިއުކޭޝަންގައި ހިމެނޭ 2 ޖޮބް މެޓްރިކްސްއަކާއި ސޯޝަލް ސރވިސްގައި ހިމެނޭ 2 ޖޮބް މެޓްރިކްސްއެކެވެ. މީގެ ތެރޭގައި ހިމެނެނީ ރީޖަނަލް ހޮސްޕިޓަލްތަކުގެ 520 މުވައްޒަފުންނާއި އަތޮޅު ހޮސްޕިޓަލުތަކުގެ 471 މުވައްޒަފުންނާއި ހެލްތު ސެންޓަރުތަކުގެ 965 އަދި އައި.ޖީ.އެމް.އެޗް. ގެ 1004 މުވައްޒަފުންނާއި ހުޅުމާޅެ ހޮސްޕިޓަލުގެ 298 މުވައްޒަފުން އަދި މިނިސްޓްރީ އޮފް ހެލްތާއި އެމިނިސްޓްރީގެ ދަށުން ހިނގަމުންދާ ތަންތަނުގެ 452 މުވައްޒަފުންނެވެ.

މީގެ އިތުރުން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ދަށުން ހުރި ބައެއް ފަންނުތަކާއި މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ޑިޕާޓްމަންޓް އޮފް ޖެވެނަލް ޖަސްޓިސްގެ ބައެއް ފަންނުތަކާއި ސްކޫލްތަކުގެ ޞިއްޙީ ދާއިރާއާ ގުޅުންހުރި ފަންނުތަކެއްވެސް މީގެ ތެރޭގައި ހިމެނެއެވެ.

ރައީސް އޮފީހުން ވިދާޅުވި ގޮތުގައި މި ޕްރެސް ކޮންފަރެންސްގައި ވަނީ ޞިއްޙީ ދާއިރާގެ ޚާއްޞަ އެލަވަންސްތަކާއި އިނާޔަތްތަކުގެ ތަފްޞީލްތައްވެސް ހާމަކުރައްވާފައެވެ. އަދި މި ޕްރެސްކޮންފަރެންސްގައި މިނިސްޓަރ އޮފް ހެލްތް ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެވެރިޔާ އަޙްމަދު ނަސީމާއި މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދުދީދީ ވެސް ވަނީ މި ގެނެވުނު ބަދަލާގުޅޭގޮތުން ވާހަކަފުޅު ދައްކަވައި އަދި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވާފައެވެ.

ޞިއްޙީ ދާއިރާގެ މުސާރަތަކަށް މެއި މަހުގެ 1 ވަނަ ދުވަހުން ފެށިހެން ސަރުކާރުން ހެޔޮ ބަދަލުތައް ގެންނަވާއިރު ކުރިން ސަރުކާރުގެ ވުޒާރާތަކުގައި 35 ޕަސެންޓް އެލަވަންސް ނުލިބި ތިއްބެވި ބޭފުޅުންނަށް އެ އެލަވަންސް ލިބިގެންދާނެކަން ވެސް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.

ޞިއްޙީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުން އިޢުލާނު ކުރެއްވުމުގެ ގޮތުން، ރައީސް ޞާލިޙް، މިއަދު ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ޞިއްޙީ ދާއިރާގެ ޞިއްޙީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ގެނެވުނު ހެޔޮ ބަދަލާއި، ސަރުކާރުގެ ވުޒާރާތަކުގައި 35 ޕަސެންޓް އެލަވަންސް ނުލިބި ތިބި މުވައްޒަފުންނަށް ލިބޭ އެލަވަންސާ އެކު، ޖުމްލަ 9838 މުވައްޒަފުންނަށް މި ބަދަލުގެ ހެޔޮ އަސަރުކުރާނެކަން ފާހަގަކުރައްވާފައެވެ. އަދި މި ހުރިހާ ބަދަލަކަށް، އަހަރަކު ގާތްގަނޑަކަށް 482 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ޚަރަދުވާނެކަން ވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.