ށ.ކަނޑިތީމަށް އުފަން އާދަމް މުހައްމަދާއި މިޒްނާ މޫސާ ގެ 3 ވަނަ ދަރިފުޅު އަހުމަދު ޖޫދު އާދަމަށް އަދި މިވީ 10 މަހެވެ.

އެ ކުއްޖާއަކީ އުފަންވުމުގެ ކުރިން ފެށިގެން ކިޑްނީ ދުޅަވުމުގެ މައްސަލަ ދިމާވެފައިވާ ކުއްޖެކެވެ. މިކަމަށް ފަރުވާ ކުރުމަށް އެ ދެމަފިރިން އިންތިހާއަށް ބޭނުން ވެއެވެ. އެކަމަށް ފަރުވާ ކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް އެކި ޕްލެޓް ފޯމްތައް ބޭނުން ކޮށްގެން އެ ދެމަފިރިން ގެންދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ސޯޝަލް މީޑިއާގައި ޖަހާފައިވާ ޕޯސްޓެއް ފެނިގެން ގުޅާލީމެވެ.

ޖޫދަށް އެހީދެއްވަން ބޭނުންވާ ފަރާތްތަކުން މިނަމްބަރަށް ފައިސާ ޖަމާކޮށްދެއްވާ

ހަލިނިވްސް އަށް މައުލޫމާތު ދެމުން ޖޫދުގެ ބައްޕަ އާދަމް ބުނީ، ބަނޑުބޮޑުވި ދުވަހުން ފެށިގެން އަންހެނުން އުޅެމުންދިޔައީ ވަރަށް ބަލިކޮށް ކަމަށެވެ. މިގޮތުން ހަކުރު މާމައްޗަށް ދިއުމުން ދިމާވާ އެކި އުދަގޫތަކުގެ ސަބަބުންނާއި، އަންހެނުންނަކީ އޭގެ ކުރިން 2 ފަހަރު ސިޒޭރިއަން ހަދާފައިވާ މީހަކަށްވުމުން ވީހާވެސް ރަނގަޅަށް ފަރުވާކުރެވޭނެ މަގުފަހިކުރުމަށް އާއިލާއިން މަސައްކަތް ކުރިކަމަށެވެ.

" ބަނޑަށް 4 މަހުން ފެށިގެން ހަކުރު މައްޗަށް ގޮސް އިތުރު އުދަގޫތައްވާތީ 6 މަހުގައި ހަދާ ސްކޭން ހެދުމަށް އަޅުގަނޑުމެން ދިޔައީ ޓްރީޓޮޕް ހޮސްޕިޓަލަށް. ހުރިހާ ގުނަވަނެއް ސްކޭންއިން ދެއްކި. ދަރިފުޅުގެ ހުރިހާ ގުނަވަނެއް ރަނގަޅުކަމަށް އެއިރު ބުނީ"
އާދަމް

އަންހެނުން ރަށުގައި ބަހައްޓާފައި އާދަމް ވަޒީފާ އަދާކުރަމުންދިޔައީ މާލޭގައި ހުންނަ ލިޓަސް މޯލްޑިވްސް ދޯންޏެއްގެ ކެޕްޓަނެއްގެ ގޮތުގައެވެ.

އޭނާގެ އަންހެނުން މިޒްނާގެ ބަނޑަށް އަށްމަހުގަ ހަކުރު މާބޮޑަށް މައްޗަށް ގޮސްގެން މާލެ ގެނެސް އައިޖީއެމްއެޗް އެމަޖެންސީގައި އެޑްމިޓްކޮށްގެން ފަރުވާދޭންފެށި އިރުވެސް ބަނޑުގައިވާ ދަރިފުޅުގެ ކިޑްނީގެ މައްސަލައެއް ހުރިކަމެއް އާއިލާއަށް ނޭގެއެވެ.

"އައިޖީއެމްއެޗް ޑޮކްޓަރ އަށް އަންހެނުން ދެއްކީ ބަނޑަށް އަށްމަސް ފެށުނުތަނާ. އެޑްމިޓް ކުރުމަށްފަހު ސްކޭންކުރީ. ޑޮކްޓަރު ސްކޭން ކުރަން ހުރެފަ ބުނީ އެއްވެސް ޑޮކްޓަރަކު ބުނިހޭ ކިޑްނީ މައްސަލައެއް އުޅޭ ވާހަކަ. ވައަތްފަރާތު ކިޑްނީއާއި ޔޫރިނަރީ ބްލެޑަރ އާއި ގުޅިފައިންނަ ހޮޅި ހުރީ ފިތިފައި ކަމަށް ބުނީ. އެހެންވުމުގެ ސަބަބުން ކިޑްނީ ދުޅަވެފައިވާކަމަށް"

އާދަމް ބުނީ އެހާހިސާބުން ވަރަށް ކަންބޮޑުވިކަމަކަށެވެ. އަދި އާދަމް ގެ ކޮއްކޮއަކީ މިކަހަލަ މައްސަލައެއް ޅައުމުރުގައި ދިމާވެ ކިޑްނީ ފެއިލްވެފައިވާ ކުއްޖެއް ކަމަށްވުމުން އާއިލާގެ ކަންބޮޑުވުން އިންތިހާއަށް ދިޔަކަމަށެވެ.

"އަޅުގަނޑުގެ ކިޑްނީ ކޮއްކޮއަށް ދިނީ 2012 ވަނަ އަހަރު. އިރާދަ ކުރެއްވީތީ ކޮއްކޮއަށް މިހާރު ރަނގަޅު. މާލޭ ސްކޫލެއްގެ ޤުރުއާން ޓީޗަރެއް އޭނާއަކީ މިހާރު،"
އާދަމް

އާދަމްގެ ދަރިފުޅު ޖޫދު ވިހެއުމަށްފަހު އެންމެފުރަތަމަ ސްކޭންކުރީ ވިހޭތާ 6 ވަނަ އަށްވީ ދުވަހުއެވެ. އެއިރު ކިޑްނީގެ ދުޅަކަންހުރީ 1.5 ސެންޓިމީޓަރ އަށް ކަމަށް އާދަމްވަނީ މައުލޫމާތު ދީފައެވެ. އަދި ދަރިފުޅު ބޮޑުވާވަރަކަށް އިތުރަށް ސްކޭން ހަދާ ވާގޮތް ބެލުމަށް ޑޮކްޓަރު އެއިރު ވަނީ ލަފާދީފައެވެ.

"ކޮވިޑްގެ މިހާލަތާއިގުޅިގެން މާލެ ނާދެވި ލަސްވީ. ކުޅުދުއްފުށީ ހޮސްޕިޓަލަށް ދެއްކުމަށްފަހު، އިއްޔެ އައިޖީއެމްއެޗް ޑޮކްޓަރަށް ދައްކާ ސްކޭން ކުރުމުން އެގުނީ ދަރިފުޅުގެ ކިޑްނީ އިންފެކްޓްވެފަ ހުރިކަން. ވީހާވެސް އަވަހަކަށް އޮޕަރޭޝަން ކުރަން ރާއްޖެއިންބޭރަށް ދާން ބުނީ. އަދި އެންޓިބައޮޓިކް ދެމުން ދަނީ"

ރާއްޖެއިން ފަރުވާދެވެން ނެތިގެން އިންޑިއާގެ ބެންގަލޫރުގެ އެން.ޔޫ ހޮސްޕިޓަލަށް ދެއްކުމަށް އައިޖީ.އެމް.އެޗް އިން ދީފައިވާ ލިޔުމުގައި ބުނެފައިވާތީ ޖޫދުގެ ބޭސް ފަރުވާއަށް އާސަންދަވަނީ ހަމަޖެހިފައެވެ. އަދި ޖޫދުގެ އިތުރުން އިތުރު މީހަކަށް ޓިކެޓް ހަމަޖެހުނު ކަމުގައިވިއަސް އެހާ ކުޑަކުޑަ ކުއްޖަކު ގޮވައިގެން މަންމައާއި ބައްޕަ ދާން ބޭނުންވެއެވެ. ކޮވިޑްގެ ހާލަތު އޮތްގޮތުންނާއި އޮޕަރޭޝަން ކުރުމަށްފަހު އިންޑިއާގައި ހޭދަވާނެ ދުވަހެއް ނޭގޭތީ އާއިލާއިން އެދެނީ އާންމުންގެ ދީލަތި އެހީއެކެވެ.

ޖޫދު އަށް އެހީތެރިވުމަށް:

ރުފިޔާ އެކައުންޓް: 7704261115101

ޑޮލަރު އެކައުންޓް: 7730000129401

ނަން: އާދަމް މުހައްމަދު (ޖޫދު ގެ ބައްޕަ)

ފޯން: 9172481