އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ހަދިޔާކުރެއްވި، އޯފްޝޯ ޕެޓްރޯލް ވެސަލް، ސިފައިންގެ އެންމެ މަތީވެރިޔާ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ކަމިޝަންކޮށްދެއްވައިފިއެވެ. މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ހުޅުމާލޭގައި އެމްއެންޑީއެފް ކޯސްޓްގާޑުގެ އުޅަނދުފަހަރު ބަނދަރުކުރާ ސަރަޙައްދުގައެވެ.

ރައީސް އޮފީހުން ވިދާޅުވީ އިންޑިއާ ސަރުކާރުން، ދިވެހިރާއްޖެއަށް ހަދިޔާކުރެއްވި، އޯފްޝޯރ ޕެޓްރޯލް ވެސަލް ކަމިޝަންކޮށްދެއްވައި ޚިދުމަތަށް ނެރެދެއްވުމުގެ ގޮތުން، އެ އުޅަނދުގައި ނެގުމަށް ދިވެހި ޤައުމީ ދިދަ، ކޮމާންޑިންގ އޮފިސަރަށް ޙަވާލުކޮށް ދެއްވައި، އުޅަނދުގެ ނަންބޯޑު ކަޝްފުކޮށްދެއްވީ ރައީސް ޞާލިހުކަމަށެވެ.

މި އުޅަނދުގެ ނަމަކީ "ސީ.ޖީ.އެސް ހުރަވީ"އެވެ. މިއަދު ޚިދުމަތަށް ނެރެވުނު މިއުޅަނދަކީ، ކުރިން އިންޑިއާ ސަރުކާރުން ހަދިޔާކުރެއްވި، "ސީ.ޖީ.އެސް ހުރަވީ"ގެ ނަމުގައި ބޭނުން ކުރަމުން އައި އުޅަނދުގެ ބަދަލުގައި ދެއްވާފައިވާ އުޅަނދެކެވެ.

އިންޑިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރެއްވި، އޯފްޝޯރ ޕެޓްރޯލް ވެސަލްގެ އިތުރުން، ލޭނޑިންގ ކްރާފްޓް ދިވެހި ސަރުކާރާއި ޙަވާލުކުރެއްވުމުގެ ގޮތުން އެ ދެ އުޅަނދުގެ މޮޑެލް، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއާ ޙަވާލުކޮށްދެއްވީ، އިންޑިއާގެ ޑިފެންސް މިނިސްޓަރ ރަޖްނަތު ސިންގއެވެ.

މީގެ އިތުރުން މި ރަސްމިއްޔާތުގައި ވަނީ އިންޑިއާގެ މި ހަދިޔާގެ އަގުވަޒަން ކުރައްވައި ޚާއްޞަ ހަނދާނީ ފިލައެއް ރާއްޖޭގެ ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ އިންޑިއާގެ ޑިފެންސް މިނިސްޓަރ ރަޖްނަތު ސިންގއަށް އަރުއްވާފައެވެ.

މި ހަދިޔާކުރި އުޅަނދުތަކުގެ ސަބަބުން އެމްއެންޑީއެފް ކޯސްޓްގާޑުގެ އޮޕަރޭޝަނަލް ޤާބިލްކަން އިތުރުވެ ދިވެހި ރާއްޖޭގެ ދިފާޢު އަދި ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގައާއި ރާއްޖޭގެ ކަނޑުގެ ސަރަޙައްދުތައް ބެލެހެއްޓުމަށް ކުރާމަސައްކަތް އިތުރަށް ހަރުދަނާވެގެންދާނެއެވެ.

އެ އޮފީހުން ވިދާޅުވިގޮތުގައި ރަސްމިއްޔާތުގައި، އިންޑިއާގެ ޑިފެންސް މިނިސްޓަރ ރަޖްނަތު ސިންގ އާއި ދިވެހިރާއްޖޭގެ ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދުދީދީއާ، އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު މުނޫ މަހާވަރާއި، އިންޑިއާ ސަރުކާރުގެ ވަފުދުގެ ބޭފުޅުންގެ އިތުރުން ސިފައިންގެ ސީނިއަރ އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.