މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ކުރިއަށްގެންދާ ބ. ހިތާދޫ ބަނދަރުގެ ބޭރުތޮށި ލުމާއި އެއްގަމުތޮށި ލުމުގެ މަޝްރޫއުގެ ދަށުން، އެއްގަމުތޮށި ލުމުގެ މަސައްކަތް ފަށައިފިއެވެ.

އެކުންފުނިން ވިދާޅުވީ މި މަޝްރޫއުގެ ދަށުން އެއްގަމުތޮށުލުމަށް ބޭނުންވާ ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތް ނިމިއްޖެކަމަށާއި އަދި މިހާރު ކުރިއަށް ދަނީ އެއްގަމުތޮށީގެ ކޮންކްރީޓް މަސައްކަތްތައް ކަމަށެވެ.

މި މަޝްރޫއުގެ ދަށުން، 14,929 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 4,101 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރަށް ވަދެވެން އޮންނަ ދިމާ ފުންކުރުމާއި، 22 މީޓަރުގެ ސަރހައްދެއްގައި ގްރޮއިން ޖެހުމާއި، 495 މީޓަރުގެ ބޭރުތޮށި ލުމާއި، 90 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 350 މީޓަރުގެ އެއްގަމުތޮށި މަރާމާތު ކުރުން ހިމެނެއެވެ.

މީގެ އިތުރުން، ބްރިޖެއް ހެދުމާއި، 1750 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބަ ޕޭވްމަންޓް ހެދުމާއި، ރޭމްޕެއް ހެދުމާއި، ކޮންކްރީޓް ޕްލެޓްފޯމެއް ހެދުމާއި، ނެރު ބައްތިއާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.

މިއީ 19.80 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.