މާލެ ސިޓީ ކައުންސިލުން ވިލިމާލޭގައި ތަޢާރަފުކުރި ބަގީގެ ޚިދުމަތަށް ބޮޑު ތަރުޙީބެއް ލިބިއްޖެކަމަށް މާލެ ސިޓީ ކައުންސިލްގެ މ

މޭޔަރ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެެވެ.

މޭޔަރ މުޢިއްޒު ނޫސްވެރިންނާ ބައްދަލުކުރައްވަމުން މިއަދު ވިދާޅުވީ އިއްޔެ އާއި ހަމައަށް ބަގީގެ ޚިދުމަތަށްއެދި ގުޅައިގެން 15392 ދަތުރު މާލެ ސިޓީގެ ވިލިމާލޭ ބަގީއިން ކޮށްދީފައިވާ ކަމަށާއި، އަދި ބަގީއަށް ކަނޑައަޅާފައިވާ ރޫޓުން 8936 ދަތުރު ކޮށްދީފައިވާ ކަމަށެވެ.

މާލެ ސިޓީ ކައުންސިލްގެ ވިލިމާލޭ ބަގީއަށް ބޮޑު ތަރުޙީބެއް ލިބިފައިވާއިރު އެ ޚިދުމަތްދޭން ފެށި ފުރަތަމަ ދުވަހުން ފެށިގެން ފިތުރު ޢީދާ ހަމައަށް ހުރިހާ ރައްޔިތުންނަށް އެ ޚިދުމަތް މާލެ ސިޓީ ކައުންސިލުން ފޯރުކޮށްދީފައިވަނީ އެއްވެސް އަގެއް ނެގުމަކާ ނުލާ ހިލޭއެވެ.

މާލޭ ސިޓީކައުންސިލުން ވިދާޅުވިގޮތުގައި ވިލިމާލޭގައި ބަގީގެ ޚިދުމަތް ރައްޔިތުންނަށް ފަސޭހަވާނެ ގޮތަށް ފޯރުކޮށްދިނުމަށް މާލެސިޓީ ކައުންސިލުން ވަނީ 10 ބަގީ ގެނެސްފައެވެ. މި ބަގީތަކުގެ ތެރޭގައި، މުދާ އުފުލާ ބަގީ އާއި، ކުއްލި ޙާލަތް ތަކުގައި އިމަރޖެންސީކޮށް ބަލިމީހުންނަށް ދަތުރު ކުރެވޭނެ ގޮތަށް ހެދިފައިވާ ބަގީ ހިމެނެއެވެ. އަދި 4 ސީޓުގެ ބަގީ އާއި، 6 ސީޓުގެ ބަގީގެ އިތުރުން 12 މީހުންގެ ކެޕޭސިޓީ ހިމެނޭ ބަގީ ހިމެނެއެވެ.

މި ބަގީ ތަކަކީ ބެޓެރީ ލައިފް ގިނަވަގުތު ހިފެހެއްޓޭނެ ގޮތަށް ހެދިފައިވާ ވިލިމާލޭގެ މާހައުލާއިވެސް ގުޅޭގޮތަށް ފަރުމާކުރެވިފައިވާ ބަގީތަކެއްކަމާއި އެބަގީގެ ޚިދުމަތް މާލެ ސިޓީ ކައުންސިލުން ފޯރުކޮށްދޭން އަގުތައް ކަނޑައަޅާފައިވަނީ ރައްޔިތުންނަށް ބުރަ ނުވާނެހެން ކަމަށާއި ބަގީގެ ރޫޓުން ކުރާ ކޮންމެ ދަތުރަކަށް ނަގާނީ 2 ރުފިޔާގެ ފީއެއް ކަމަށާއި އެހެންނަމަވެސް ބަގީ "ޕްރައިވެޓް ހަޔާރ" ގެ ގޮތުގައި ނަގާނަމަ އަގު ތަފާތު ވާނެ ކަމަށް އެ ކައުންސިލުންވަނީ ވިދާޅުވެފައެވެ.

އެގޮތުން ޕްރައިވެޓް ހަޔަރ ގެ ގޮތުގައި ބަގީ ނަގާނަމަ އަގު ތަކަކީ:

  • . 4 ސީޓްގެ ބަގީއަކަށް 6 ރުފިޔާ
  • . 6 ސީޓްގެ ބަގީއަކަށް 10 ރުފިޔާ
  • . 12 ސީޓްގެ ބަގީއަކަށް 15 ރުފިޔާ އެވެ.

މީގެ އިތުރުން 6 އަހަރުން ދަށުގެ ކުޑަކުދިންނާއި 65 އަހަރުން މަތީގެ ބޭފުޅުންނާއި އެންސްޕާގައި ރެޖިސްޓަރ ވެފައިވާ ނުކުޅެދުންތެރިކަންހުންނަ ފަރާތްތަކާއި ސްކޫލް ޔުނިފޯރމްގައި ދަތުރުކުރާ ދަރިވަރުންނަށް ހިލޭ ބަގީގައި ދަތުރުކުރެވޭނެއެވެ.