އދ. ދިގުރަށް ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ ޕަބްލިކް ލިމިޓެޑް(އެމްޓީސީސީ) އާއި ހަވާލުކޮށްފިއެވެ.

މި މަޝްރޫޢު ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ، އާދަމް އާޒިމެވެ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ، ޑިރެކްޓަރ ޖެނެރަލް، ފާތުމަތު ޝާނާ ފާރޫޤެވެ.

އެމްޓީސީސީއިން ވިދާޅުވީ މި މަޝްރޫޢުގެ ދަށުން އެ ރަށުގަ އި ފާހަގަކުރެވިފައިވާ ރަށްގިރުމުގެ މައްސަލަ ހައްލުކުރުމަށްޓަކައި ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ކުރިއަށް ދާނެ ކަމަށެވެ. އަދި މި މަސައްކަތް އެ ކުންފުންޏަށް ހަވާލު ކޮށްފައިވަނީ 150 ދުވަސް ތެރޭގައި ނިންމުމަށެވެ. ސަރުކާރުން ހިންގާ މި މަޝްރޫޢަކީ 12,864,642.51 ރުފިޔާ މަޝްރޫޢެކެވެ.

ވޭތުވެދިޔަ 42 އަހަރުތެރޭ އެމްޓީސީސީން ވާނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގާ ކާމިޔާބުކަމާއިއެކު ނިންމާފައެވެ. 1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގެ މުހިންމު މަރުޙަލާއެއްގައެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވާނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.