އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިހަށް ހަތަރު މެންބަރުން އައްޔަން ކޮށްފައިވާކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުޙައްމަދު މިއަދު ވިދާޅުވެއްޖެއެވެ. އެ މެމްބަރުން އައްޔަން ކުރެއްވުމާއެކު ފަތުވާ މަޖިލިސް މިހާރު ކުރިއަށް ދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މިއުވާން މިހެން ވިދާޅުވީ ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފަތުވާދޭ މަޖިލީހުގެ މަސައްކަތް ހުއްޓިފައި އޮތުމުން އެކަމާބެހޭ ގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހަށް މެންބަރުން އައްޔަން ކުރެވި މަޖިލިސް ކުރިއަށްދާން މި ފެށުނީ ގިނަދުވަސްތަކެއްގެ މެދުކެނޑުމަށްފަހުގައެވެ. ފަތުވާދޭ މަޖިލީހުގެ 5 އަހަރުގެ ފުރަތަމަ ދައުރު ހަމަވެ އެތައް ދުވަހެއް ވެގެންދިޔައިރުވެސް މަޖިލިސް އެކުލަވާ ނުލާތީ ވީހާވެސް އަވަހަކަށް މަޖިލިސް އެކުލަވާލުމަށް ގޮވާލައި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު ވަނީ މަޖިލީހަށް މައްސަލައެއްވެސް ހުށަހަޅައިފައެވެ.
ފަތުވާ މަޖިލީހަކީ، ރާއްޖޭގެ ދީނީ އެއްބައިވަންތަ ކަމުގެ ޤާނޫނަށް ދެވަނަ އިސްލާހު ގެނައުމުގެ ޤާނޫނުން އެޤާނޫނުގެ 5 ވަނަ މާއްދާއަށް ގެނެވުނު އިސްލާހުގެ ދަށުން ރާއްޖޭގައި ދީނީ ގޮތުން ޚިޔާލު ތަފާތުވުން އުފެދޭ ކަންކަމުގައި ސަރުކާރަށާއި ދިވެހި ރައްޔިތުންނަށް ދީނީ ފަތުވާ ފޯރުކޮށް ދިނުމަށާއި ފިގުހީ އައު މައްސަލަތައް ދިރާސާކޮށް އެކަންކަމުގެ ދީނީ ލަފާ ފޯރުކޮށް ދިނުމަށް ސަރުކާރުން އުފައްދާފައިވާ "އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް" އެވެ.
"އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް"ގެ މަސްއޫލިއްޔަތުގެ ތެރޭގައި ދައުލަތުގެ މުއައްސަސާތަކުން މަޖިލީހުގެ ލަފަޔަކަށް އެދޭ ދީނީ ކަންކަމުގައި އެފަރާތްތަކަށް ބޭނުންވާ އިސްތިޝާރީ ލަފާ ފޯރުކޮށްދެއްވުމާއި، ރައްޔިތުންގެ ދީނީ ޚިޔާލު ތަފާތުވުންތައް އުފެދޭ މައްސަލަތައް ދެނެގަނެ އެކަންކަމުގެ ދިރާސާކޮށް އެމަޖިލީހުގެ ފަތުވާ ޢާންމުންނަށް ލިބޭނެގޮތް ހެއްދެވުން ހިމެނެއެވެ.