ކުރީގެ ރައީސް ޔާމީންގެ މައްޗަށް ރ. ފުއްގިރި މައްސަލައިގައި ކުރާ ދައުވާގައި ޝަރީއަތުގެ އިސްތިއުނާފް މާދަމާ ސުޕްރީމް ކޯޓުގައި ފަށަން ތާވަލުކޮށްފިއެވެ.

ރައީސް ޔާމިންގެ ފަރާތްޕުޅުން ސްޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައިވަނީ ދައުލަތުން ހުށައަޅާފައިވާ ބައެއް ހެކިތައް ޝަރީއަތަށް ބަލައިނުގަތުމަށް ރައީސް ޔާމީނުގެ ފަރާތްޕުޅުން އެދިފައިވާއިރު، އެ ހެކިތައް ބަލައިގަންނަން ނުޖެހޭ ސަބަބެއް އޮތްކަމަށް ނުފެންނަކަމަށް ދަށު ކޯޓުން ނިންމި ނުކުތާއެވެ. އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރުމުން އެމައްސަލަ ބެއްލެވި ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނިންމާފައިވަނީ ހެކި ބަލައިގަތުމާ ގުޅޭގޮތުން ރައީސް ޔާމީންގެ ފަރާތުން ހުށަހެޅި ހުށަހެޅުންތަކާ ގުޅިގެން ދަށު ކޯޓުން ނިންމި ނިންމުމަށް ބަދަލެއް ގެންނަންޖެހޭ ސަބަބެއްނެތް ކަމަށެވެ.

ރައީސް ޔާމިންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިވާ އެ މައްސަލަ ފަށަން ތާވަލްކޮށްފައި ވަނީ މާދަމާ މެންދުރުގެ ވަގުތެއްގައެެވެ.

އެމައްސަލަ ބަލާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނަވަނީ އަލްއުސްތާޒު ހުސްނުއްސޫދެވެ. ދެން މި މައްސަލަ ބަލާ ބެންޗުގައި ހިމެނެނީ ފަނޑިޔާރު ޝުޖޫން އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމެވެ.

ޕްރޮސިކިއުޓާ ޖެނެރަލްގެ ފަރާތުން ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުޢާމަލާތާއި ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑަރިން ކުށުގެ ދައުވާއާއި ރިޝްވަތު ގަބޫލު ކުރެއްވުމުގެ ދައުވާއެވެ. މި ދެ ދައުވާ އުފުލާފައިވަނީ ޓޫރިޒަމް މިނިސްޓްރީއާއި އެމްއެމްޕީއާރްސީ މެދުވެރިކޮށް، ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެންނެވެ.