އަމިއްލަ ދަނޑުގައި ލީޑްސް ޔުނައިޓެޑް 2-1 އިން ބަލިކޮށް މެންޗެސްޓަރ ސިޓީއިން ތާވަލުގެ ކުރީގައި 4 ޕޮއިންޓަށް ލީޑް ފުޅާކުރިނަމަވެސް އެޓީމުގެ ކޯޗް ޕެޕް ގާޑިއޯލާ ކެޕްޓަން އީކާ ގުންޑޮގަން އާއި ފޯވާޑް އާލިންގ ހާލަންޑާމެދު ހިތްހަމަ ނުޖެހިއްޖެއެވެ.

މެޗުގެ ފުރަތަމަ ހާފުގައި ސިޓީގެ ދެލަނޑު ކާމިޔާބު ކޮށްދިން ގުންޑޮގަންއާމެދު ގާޑިއޯލާ ހިތްހަމަ ނުޖެހުނީ 83 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ ހާލަންޑުގެ ބަދަލުގައި ގުންޑޮގަން ޖެހުމުންނެވެ. ގުންޑޮގަން ޕެނަލްޓީ ޖެހީ ހާލަންޑް ޕެނަލްޓީ ނުޖަހައި ގުންޑޮގަންއާ ޕެނަލްޓީ ޖަހަން ހަވާލް ކުރުމުންނެވެ. އޭރު ގާޑިއޯލާ ގެންދިޔައީ ހާލަންޑް ޕެނަލްޓީ ޖެހުމަށް ވަރަށް ބޮޑަށް އިޝާރާތް ކުރަމުންނެވެ.

ގުންޑޮގަން ފޮނުވާލި ޕެނަލްޓީ ލީޑްސް ޔުނައިޓެޑުގެ ގޯލުގެ އަރިމަތީ ދަނޑީގައި ޖެހި ބޭކާރުވީއެވެ. އޭގެ ކުޑަ އިރުކޮޅެއްފަހުން ލީޑްސްއިން ސިޓީގެ ގޯލު ފޫއަޅުވާލައި ސިޓީ ޕްރެޝަރަށް ދުއްވާލިއެވެ.

އެކަމަކު ޕްރެޝަރުގައި ކުޅެ ފަހު 8 މިނެޓް ސިޓީއިން ވަނީ ލީޑްސް އިތުރު ލަނޑެއް ޖެހިޔަނުދީ ހިފަހައްޓައި ތާވަލުގެ ކުރީގައި 4 ޕޮއިންޓަށް ލީޑް ފުޅާ ކޮށްފައެވެ.

މެޗަށްފަހު ހިތްހަމަ ނުޖެހި ހުރެ ގާޑިއޯލާ ބުނީ ހާލަންޑް ނޫން ކުޅުންތެރިޔަކު ޕެނަލްޓީ ޖަހަން ވާނީ 4-0 ގެ ލީޑެއްގައި އޮންނަ އިރެއްގައި ކަމަށެވެ. "ފަހު ދިހަ މިނެޓަށްދާއިރު 2-0 ގެ ލީޑަކީ މާބޮޑު އެއްޗެއް ނޫން. އެހެެނެއް ނޫން، ފަހު ދިހަ މިނެޓަށްދާއިރު ހަތަރުލަނޑުގެ ލީޑެއްގައި ވަނިކޮށް ލިބޭ ޕެނަލްޓީއެއް ހާލަންޑް ނޫން ކުޅުންތެރިޔަކަށްވެސް ޖެހިދާނެ" ގާޑިއޯލާ ބުންޏެވެ.

މިއީ ލީގުގައި ސިޓީއިން ޖެހިޖެހިގެން މޮޅުވި 10 ވަނަ މެޗްކަން ފާހަގަ ކޮށްލެވެއެވެ.

މިމޮޅާއެކު ތާވަލުގެ ކުރީގައި ސިޓީ އޮތީ މިހާތަނަށް ކުޅުނު 34 މެޗުން ލިބުނު 82 ޕޮއިންޓާއެކުއެވެ. ހަމަ މިއަދަދަށް މެޗް ކުޅެގެން 78 ޕޮއިންޓާއެކު ދެވަނައިގައި އޮތީ އާސެނަލްއެވެ. ލީޑް ޔުނައިޓެޑް ތާވަލުގެ 17 ވަނައިގައި އޮތީ 30 ޕޮއިންޓާއެކުއެވެ.