ސްޕެނިޝް ކޮޕާ ޑެލްރޭ ފައިނަލުގައި އޮސަސޫނާ 1-2 އިން ބަލިކޮށް މަޝްހޫރު ރެެއާލް މެޑްރިޑް މިރޭ ޗެމްޕިއަންކަން ހޯދައިފިއެވެ.

ރާއްޖޭ ގަޑިން މިރޭ ދަންވަރު 1 ޖެހިއިރު ފެށިއިރު މިމެޗުގެ ތަރިޔަކަށް ވެގެންދިޔައީ ރެއާލްއަށް ދެލަނޑު ކާމިޔާބު ކޮށްދިން ބްރެޒިލްގެ ޒުވާން ފޯވާޑް ރޮޑްރީގޯއެވެ. މީގެ ތެރެއިން ފުރަތަމަ ލަނޑު ޖެހީ ފުރަތަމަ ހާފުން ދެވަނަ މިނެޓުގެ ކުޅުން ހިނގަމުން ދަނިކޮށެވެ. ރޮޑްރީގޯ މިލަނޑު ޖެހީ އޭނާއާއެކު ބްރެޒިލް ގައުމީ ޓީމަށް ކުޅޭ ނުރައްކާތެރި ވިންގަރ ވިނީޝިއަސް ކާމިޔާބު ކޮށްދިން ފުރުސަތަކުންނެވެ.

ރޮގްރީގޯ ލަނޑު ޖެހުމަށްފަހު.

ފުރަތަމަ ހާފުގައި ރެއާލްގެ ޑިފެންޑަރު އަލްބާ ފޮނުވާލި ހަމަލާއެއް އޮސަސޫނާގެ ގޯލުގެ މަތީ ދަނޑިއަށްވެސް އަމާޒުވިއެވެ. ކެޕްޓަން ކަރީމް ބެންޒީމާ ފޮނުވާލި ހަމަލާއެއްގެ ހުރަހަކަށްވީ އޮސަސޫނާގެ ކީޕަރު ހެރޭރާއެވެ.

ދެވަނަ ހާފް ފަށައިގެން އޮސަސޫނާއިން ކުޅުން އަވަސްކޮށް ހަމަލާތައް އުފައްދަން މަސައްކަތް ކުރިއިރު ރެއާލްގެ ފަރާތުން ފެނުނީ ތަންކޮޅެއް އެގްރެސިވް ކުޅުމެކެވެ. ނަތީޖާއަކަށް ވެގެންދިޔައީ މެޗް ނިމުނުއިރު ރެއާލްގެ 5 ކުޅުންތެރިންނަށް ރެފްރީ ރީނދޫ ކާޑް ދެއްކުމެވެ. އޮސަސޫނާއިން ރެއާލް ހާސްކޮށްލީ 58 ވަނަ މިނެޓުގައި އޭރިޔާގެ ބޭރުން ލޫކަސް ޓޮއްރޯ ކާމިޔާބު ކުރި ލަނޑުން ނަތީޖާ ހަމަހަމަ ކޮށްގެންނެވެ. އޮސަސޫނާއިން ރަނގަޅަށް ކުޅެމުން ދަނިކޮށް ރެއާލްއަށް ހަމަޖެހުން ގެނެސްދިނީ އަނެއްކާވެސް ރޮޑްރީގޯއެވެ. ޓޯނީ ކްރޫސް ފޮނުވާލި ހަމަލާއެއް އޮސަސޫނާ ކުޅުންތެރިން ފައިގައި ޖެހި އޭރިޔާގެ އަރިމައްޗަށް ބޯޅަ ދިޔަ ވަގުތު ލިބުނީ ހުހަށް ހުރި ރޮޑްރީގޯއަށެވެ. އުނދަގުލަކާ ނުލައި ރޮޑްރީގޯ އެއްފަހަރުން ފޮނުވާލި ބޯޅަ އަމާޒުވީ ހުހަށް އޮތް ގޯލުގެ ދާގަނޑަށެވެ.

މިއީ ރެއާލްއިން ކޮޮޕާ ޑެލްރޭގެ ޗެމްޕިއަންކަން ހޯދި 20 ވަނަ ފަހަރެވެ. މިމުބާރާތުގެ އެންމެ ކާމިޔާބު ކްލަބަކީ 31 ފަހަރު މިމުބާރާތް ކާމިޔާބު ކޮށްފައިވާ ބާސެލޯނާއެވެ.