އިނގިރޭސި ޕްރިމިއަރ ލީގުގެ ޗެމްޕިއަންކަން އާސެނަލްއަށް ލިބުން އޮތީ މާދުރުގައި ނޫން ކަމަށް އާސެނަލްގެ ކޯޗް މައިކަލް އާޓެޓާ ބުނެފިއެވެ.

އާޓެޓާ މިހެން ބުނީ ލީގުގައި ރޭ ވަރުގަދަ ނިއުކާސަލްގެ މައްޗަށް 2-0 އިން ކުރި ހޯދައި މުހިއްމު 3 ޕޮއިންޓް ހޯދުމަށްފަހުއެވެ.

މިމޮޅާއެކު ތާވަލުގެ ދެވަނައިގައި އާސެނަލް އޮތީ، ތާވަލުގެ އެއްވަނައިގައި 83 ޕޮއިންޓާއެކު އޮތް މެންޗެސްޓަރ ސިޓީއަށްވުރެ އެއްޕޮއިންޓް ފަހަތުން 82 ޕޮއިންޓާއެކުއެވެ.

"ބާކީ މިއޮތީ ތިން މެޗް. އަހަރެމެންނަށް އޮތީ 3 މެޗް ކާމިޔާބުކޮށް ތާވަލުގެ ކުރިއަށް ވާދަކުރުން. ލީގް ލިބުން އޮތީ މާދުރުގައެއް ނޫން" ކުރިން މެންޗެސްޓަރ ސިޓީގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރި އާޓެޓާ ބުންޏެވެ.

ރޭ ނިއުކާސަލް ކޮޅަށް އާސެނަލްގެ ފުރަތަމަ ލަނޑު ޖަހައިދިނީ ކެޕްޓަން މާޓިން އޮޑެގާޑެވެ. ނޯވޭ ގައުމީ ޓީމުގެވެސް ކެޕްޓަން ކުރަމުން އަންނަ އޮޑެގާޑް މިލަނޑު ޖެހީ ނިއުކާސަލްގެ އޭރިޔާގެ ބޭރުން ތިރިތިރިން ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ކަނަށް އަމާޒުކޮށް ލައިގެންނެވެ.

އާސެނަލްއިން ލީޑް ނެގުމުގެ ކުރިން ގިނަ ހަމަލާތައް އުފަައްދައި މޮޅަށް ކުޅެމުން ދިޔައީވެސް ނިއުކާސަލްއިންނެވެ. މިގޮތުން އެޓީމަށް ޕެނަލްޓީއެއް ލިބޭފަދަ ހާލަތެއްވެސް ދިޔައެވެ. އެކަމަކު ރެފްރީ ވީއޭއާރު ބެލުމަށްފަހު ނިންމީ އެއީ ޕެނަލްޓީއެއް ނޫން ކަމަށެވެ.

ފުރަތަމަ ހާން ނިމުމުގެ ކުރިން ލީޑް އިތުރަށް ފުޅާކުރަންވެސް އޮޑެގާޑަށް ރަނުގެ ފުރުސަތެއް ލިބުނެވެ. އެކަމަކު ހުހަށްހުރެ އޭނާ ފޮނުވާލި ބޯޅަ ނިއުކާސަލްގެ ކީޕަރު ޕޯޕް ދިފާއު ކުރީއެވެ. އާސެނަލްގެ ދެވަނަ ލަނޑަކީ 71 ވަނަ މިނެޓުގައި ނިއުކާސަލްގެ ޑިފެންޑަރު ފަބިއަން ޝާ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު މަޝްހޫރު މެންޗެސްޓަރ ޔުނައިޓެޑް ވަނީ ވެސްޓްހޭމް ޔުނައިޓެޑް އަތުން 1-0 އިން ބަލިވެފައެވެ. ވެސްޓް ހޭމް އަތުން ބަލިވުމުން ތާވަލުގެ 3 ވަނަައަށް ކުރިއަށް ޖެހިލަން ލިބުނު ފުރުސަތު ޔުނައިޓެޑަށް ވަނީ ގެއްލިފައެވެ.

ތާވަލުގެ 3 ވަނައިގައި ނިއުކާސަލް އޮތީ 65 ޕޮއިންޓާއެކުއެވެ. ހަތަރުވަނައިގައި ޔުނައިޓެޑް އޮތީ 63 ޕޮއިންޓާއެކުއެވެ. އެއްމެޗް އިތުރަށް ކުޅެފައިވާ ލިވަޕޫލް 5 ވަނައިގައި އޮތީ 62 ޕޮއިންޓާއެކުއެވެ.