ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ކީމޯތެރަޕީގެ ހިދުމަތް ދިނުން މިއަދު ރަސްމީކޮށް ފެށުމަކީ އަތޮޅުގައި ކީމޯގެ ފަރުވާ ހޯދުމަށް، ހިދުމަތް ލިބޭ ހިސާބުތަކަށް ދާންޖެހުމުގެ ތަކުލީފުތަކާއި ބުރައަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔަކަށް ވާނެ ކަމަށް އެހޮސްޕިޓަލުން ހާމަކޮށްފިއެވެ.

ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި އެހޮސްޕިޓަލުގައި މިއަދުން ފެށިގެން، ކެންސަރު ބަލި ތަހައްމަލު ކުރަމުންދާ ބަލިމީހުންނަށް ރަސްމީކޮށް ކީމޯ ތެރަޕީގެ ހިދުމަތް ދޭން ފަށާފައިވާ ކަން ވަނީ އަންގާފައެވެ. މިކަމާ ގުޅިގެން "ހަލި" ނޫޙުން ކޮށްލި ސުވާލަކަށް ޖަވާބު ދެއްވަމުން އެހޮސްޕިޓަލުގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލްގެ މަގާމުގައި ހުންނެވި ސާލިމް އަލީ ވިދާޅުވި ގޮތުގައި މިއީ އެ ސަރަހައްދުގައި ކެންސަރުގެ ބައްޔަށް ކީމޯ ތެރަޕީގެ ފަރުވާ ހޯދުމަށް ބޭނުން ވާ ފަރާތްތަކުން އެ ފަރުވާ ލިބިގަތުމަށް، ފަރުވާ ލިބެން އޮތް ހިސާބަކަށް ފުރައިގެން ދިއުމުގައި އެއުފުލާ ތަކުލީފުތަކާއި އުނދަގޫތަކަށް އައި ވަރަށްވެސް ބޮޑު ހައްލެއްކަމަށެވެ. އަދި އެހޮސްޕިޓަލުން ކޮންމެ ހިދުމަތެއްވެސް ކުރިއަށް ގެންދަނީ، ރައްޔިތުންނަށް، ބަލިމީހުންނަށް އެންމެ އެކަށީގެންވާ ސިއްހީ ފަރުވާ ދުވަހަކަށްވުރެ ދުވަހެއް ރަނގަޅަށް ދިނުމަށް ކަމަށެވެ.

މިއަދު ރަސްމީކޮށް މިފެށުނު ކީމޯތެރަޕީ ދިނުން، އެހޮސްޕިޓަލުގައި މިހިދުމަތް އިފްތިތާހު ކޮށްދެއްވީ މިއަދު ހޮސްޕިޓަލުގައި ބޭއްވި ރަސްމިއްޔާތެއްގައި ހޮސްޕިޓަލުގެ ޑެޕިއުޓީ ސީއީއޯ އަބްދުލް އަޒީޒު ރިފާއު އެވެ.

ހޮސްޕިޓަލުން ނެރެފައިވާ ބަޔާނުގައި، ރާއްޖޭގައި ކެންސަރު ބަލި ޖެހޭ މީހުންގެ އަދަދު ދުވަހަކަށްވުރެ ދުވަހެއް އިތުރު ވަމުން އަންނައިރު، މިހިދުމަތް އެހޮސްޕިޓަލުން ލިބޭ ގޮތް ހަމަޖެހިގެން ދިއުމުން، ހުވަދުއަތޮޅުގައި މިފަރުވާ ހޯދުމަށް އާއިލާތަކުން ކުރާ ހޭދަ އަދި ވަގުތުގެ އިތުރުން އުފުލާން ޖެހޭ ތަކުލީފުތަކަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ވެއެވެ.

ހުޅުމާލޭ ހޮސްޕިޓަލުގެ އެހީތެރިކަމާއެކު ޑރ އަބްދުއްސަމަދުމެމޯރިއަލް ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ނަރުހުން ކެންސަރު ބައްޔަށް ފަރުވާ ދިނުމަށް ތަމްރީނު ކުރުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށްވެސް އެބަޔާނުގައި ހާމަކޮށްފައިވެއެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި މި ހިދުމަތް ބަލިމީހުންނަށް ފޯރުކޮށްދިނުމުގައި އެސްޓީއޯގެ ދައުރު ފުޅާ ކުރާނެ ކަމަށްވެސް ބުނެފައިވެއެވެ. އެގޮތުން އެސްޓީއޯގެ ހިދުމަތް މެދުނުކެނޑޭނެ ފަދަ ގޮތަކަށް ހިދުމަތްދިނުމުގެ މަސައްކަތްތަކެއް ކުރުމަށް އެސްޓީއޯއާއެކު އެހޮސްޕިޓަލުން ވަނީ މަޝްވަރާ ކޮށްފައި ކަމަށް ބުނެފައިވެއެވެ.

ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ކީމޯތެރަޕީ ދިނުން ރަސްމީކޮށް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ހޮސްޕިޓަލުގެ ޑެޕިއުޓީ ސީއީއޯ އަބްދުލް އަޒީޒު ރިފާއު ވިދާޅުވީ ހުސްވި ހަފްތާގައި އެހޮސްޕިޓަލުން ވަނީ ލެޕްރޯސްކޮޕިކް ސާޖަރީގެ ހިދުމަތުގެ އިތުރުން އެޑްވާންސް ވުންޑް ކެއާގެ ހިދުމަތްވެސް ފަށާފައި ވާއިރު، މިއަދު ހޮސްޕިޓަލުގައި އިފްތިތާހު ކުރެވުނު ކީމޯތެރަޕީ ހިދުމަތަކީ ހޮސްޕިޓަލުގެ ހިދުމަތްތައް އިތުރަށް ތަރައްގީކޮށް ހަރުދަނާ ކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއަށް އިތުރު ކުރެވުނު ބޮޅެއް ކަމަށެވެ.

ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަކީ ގދ ތިނަދޫގައި ހުރި އަތޮޅުގެ ރަށްތަކަށް ސިއްހީ ހިދުމަތް ފޯރުކޮށްދޭ، ތަނަވަސް ހޮސްޕިޓަލެކެވެ. އެހެންނަމަވެސް ވޭތުވެދިޔަ ދުވަސްތަކުގައި އެހޮސްޕިޓަލުގެ ބައެއްކަހަލަ ކަންތައްތައް ރަނގަޅު ނޫންކަމަށާއި އަތޮޅުގެ އެތައް ރަށަކަށް ހިދުމަތް ފޯރުކޮށްދޭން ހުރި ހޮސްޕިޓަލަށް ވާއިރު އެހޮސްޕިޓަލުގައި ދެވޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ނޫންކަމުގެ ޝަކުވާތަކެއް މީޑިޔާގައި ވަނީ އަޑު ފެތުރިގެން ގޮސްފައެވެ. އެހެންނަމަވެސް އަލަށް މިއަންނަ ބަދަލުތަކާއެކުގައި ހޮސްޕިޓަލުން ލިބޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުވެ، އެކަށީގެންވާ ސިއްހީ ފަރުވާ ލިބޭނެ ކަމަށް އަތޮޅުގެ މީހުން އުންމީދު ކުރެވެެއެވެ.