ސައުދީ އަރަބިއްޔާއަށް ދިޔުމުން 2 ހަފްތާއަށް ސަސްޕެންޑް ކޮށްފައި ހުރި ލިއޮނަލް މެސީގެ ސަސްޕެންޝަން މިއަދު އުވާލައި ޕީއެސްޖީން މިއަދު އޭނާ ޕްރެކްޓިހަށް ނެރެފިއެވެ.

ޕީއެސްޖީން މެސީ ޕްރެކްޓިހަށް ނެރެފައި ވާއިރު ފްރާންސް ލީގް ކަށަވަރު ކުރުމަށް ޕީއެސްޖީއަށް ބާކީ އޮތީ 4 މެޗެވެ. ލީގުގެ އެއްވަނައިގައި ޕީއެސްޖީ އޮތީ 78 ޕޮއިންޓާއެކުއެވެ. ދެވަނައިގައި ލެންސް އޮތީ 72 ޕޮއިންޓާއެކުއެވެ. ޕީއެސްޖީއަށް ކުރިއަށް އޮތް ހަތަރު މެޗުގެ ތެރެއިން މިމަސް ނިމުމުގެ ކުރިން 3 މެޗް ކުޅެން ޖެހޭނެއެވެ.

ޕީއެސްޖީއިން ދެހަފްތާއަށް މެސީ ސަސްޕެންޑް ކުރީ، ސައުދީގެ ޓުއަރިޒަމް އެމްބެސެޑަރުގެ ހައިސިއްޔަތުން ސައުދީގެ ޓުއަރިޒަމް ޕްރޮމޯޓް ކުރުމަށް އެގައުމަށް ދިޔައީ ކްލަބުގެ ހުއްދަ ހޯދުމަކާ ނުލައި ކަމަށް ބުނެއެވެ. ޕީއެސްޖީން މެސީ ސަސްޕެންޑް ކުރީ ދެހަފްތާ ވަންދެން ޓީމުގެ ޕްރެކްޓިހުގައި އަދި މެޗުތަކުގައި ބައިވެރި ނުވެވޭ ގޮތަށާއި ދެހަފްތާގެ މުސާރަ ނުދޭ ގޮތަށެވެ.

ސަސްޕެންޝަން ކުރިމަތިވުމާއެކު މެސީ ވަނީ ވީޑިއޯއެއް މެދުވެރިކޮށް ޕީއެސްޖީ ކިބައިން މައާފަށް އެދިފައެވެ. "އަހަރެން ހީކުރީ ޖެހިގެން އޮތީ ޗުއްޓީ ދުވަހެއް ކަމަށް. އަހަރެން ސައުދީއަށް ދިޔައީ ދެފަހަރެއްގެ މަތިން ދަތުރު ކެންސަލްވެސް ކުރުމަށްފަހު. މިކަމަށް މައާފަށް އެދެން" މެސީ އޭރު ނެރުނު ވީޑިއޯ މެސެޖުގައި ބުނެފައިވެއެވެ.

މިދިޔަ ސީޒަނުގައި ޕީއެސްޖީއިން ފްރާންްސް ލީގް ޗެމްޕިއަންކަން ހޯދީ މެސީގެ އެހީތެރިކަމާއެކުކަން ފާހަގަ ކޮށްލެވެއެވެ. މަޝްހޫރު ކިލިއަމް އެމްބައްޕޭ އާއި ނޭމާ ޕީއެސްޖީއަށް ކުޅެމުންދިޔަަނަމަވެސް އޭގެ ކުރީގެ ސީޒަނުގައި ލިބުނީ ލީގުގެ ދެވަނައެވެ.