ދިވެހި ޕްރިމިއަރ ލީގުގެ އާސީޒަނުގެ ފުރަތަމަ މެޗުގައި ވެލެންސިޔާގެ މައްޗަށް 2-0 އިން ޓީސީ ސްޕޯޓްސް ކްލަބުން މިއަދު ހަވީރު ކުރި ހޯދައިފިއެވެ.

ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މިމެޗުގައި ޓީސީއިން ދެލަނޑުވެސް ޖެހީ ފުރަތަމަ ހާފުގައެވެ. ފުރަތަމަ ލަނޑު ޖެހީ މެޗުގެ ވަރަށް ކުރީކޮޅު މުހައްމަދު މުސްލިހެވެ. ހާފް ނިމުމުގެ ކުރިން ދެވަނަ ލަނޑު ކާމިޔާބު ކޮށްދިނީ އަހްމަދު މާއިޝް ރަޝީދެވެ.

މާލީ މައްސަލަތަކާ ހުރެ މިސީޒަނަށް ވެލެންސިޔާ އާއި ޓީސީއަށްވެސް އެދެވޭ ގޮތަކަށް ތައްޔާރުވެވިފައެއް ނުވެއެވެ. ލީގަށް ދެޓީމުންވެސް ޖުމްލަކަށް ރަޖިސްޓްރީ ކޮށްފައި ވަނީ ޒުވާން ކުޅުންތެރިންތަކެކެވެ.

ލީގުގައި މިރޭ ބައްދަލު ކުރާނީ ސީޒަނަށް ރަނގަޅަށް ތައްޔާރުވެފައިވާ އީގަލްސް އާއި ފުރަތަމަ ޑިވިޜަނުގައި އަލަށް ވާދަކުރާ ބުރު ސްޕޯޓްސްއެވެ. މިމެޗް ފަށާނީ 21:00 ގައެވެ.

ރާއްޖޭގެ ފުރަތަމަ ޑިވިޜަނުގެ ކްލަބުތަކުގެ ހާލަތު ދަށްވެފައިވާއިރު މެޗުތައް ބަލަން ދަނޑަށް ވަންނަނީވެސް އިނގިލުން ގުނާލެވޭހައި މަދު ސަޕޯޓަރުން ކޮޅެކެވެ. ފުޓްބޯޅައިގެ ހާލަތު ބަދަލުކޮށް ފޯރިގަދަ މެޗުތަކެއް ފެންނާނެ ހާލަތަކަށް ރާއްޖޭގެ ފުޓްބޯޅައިގެ މިސްރާބު ބަދަލު ކުރުމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އެކަށީގެންވާ މަސައްކަތްތަކެއް ކުރަމުން އަންނަ މަންޒަރެއް ނުފެނެއެވެ.