ރަސްމީ ދަތުރުފުޅެއްގައި ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ސާބިއާއަށް ވަޑައިގެންފިއެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވިގޮތުގައި ސާބިއާގެ ވެރިރަށް ބެލްގްރޭޑަށް ޝާހިދު ކުރައްވާ ރަސްމީ ދަތުރުގައި ސާބިއާގެ ޚާރިޖީ ވަޒީރު އިވިކާ ޑަޗިޗްއާއެކު މުހިންމު މަޝްވަރާތަކެއް ބޭއްވުމަށް ހަމަޖެހިފައިވާއެވެ. އަދި މުހިއްމު ފަސް އެއްބަސްވުމެއްގައި ސޮއިކުރައްވާނެކަމަށްވެސް އެ މިނިސްޓްރީއިން ވަނީ ވިދާޅުވެފައެވެ.

ރާއްޖެއާ ސާބިއާ ދެމެދު ސޮއިކުރުމަށް ހަމަޖެހިފައި ވަނީ ވިސާއާ ގުޅޭ އެއްބަސްވުމަކާއި، ޓްރޭޑް އިންވެސްޓްމަންޓް އަދި އިކޮނޮމިކް ކޯޕަރޭޝަންގެ އެއްބަސްވުމަކާއި، އެއާ ސާވިސަސް އެއްބަސްވުމަކާއި ޑިޕްލޮމެޓިކް އެޑިއުކޭޝަންގެ އިތުރުން ކުޅިވަރުގެ ދާއިރާއިގެ އެއްބަސްވުމެއްގައެވެ.

މީގެއިތުރުން ސާބިޔާއަށް ކުރައްވާ މި ދަތުރުގެ ސަބަބުން ރާއްޖެ އާއި އެގައުމާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެކަން ޔަގީންކުރައްވާ ކަމަށް ޝާހިދު ވިދާޅުވެފައިވެއެވެ.

އެމަނިކުފާނު ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރުވެސް ސާބިޔާގެ ފޮރިން މިނިސްޓަރު އިވިކާ ޑަޗިޗްގެ ދައުވަތަކަށް ގައުމަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައެވެ.