ކުރިއަށް އޮތް ޖޫންމަހު ސައުދީގެ ކްލަބަކަށް ލިއޮނަލް މެސީ ބަދަލުވުމަށް އެއްބަސްވެފައިވާކަމަށް މީޑިޔާގައި މިއަދު ފެތުރުނު ވާހަކަތައް މެސީގެ ބައްޕަ އަދި އެޖެންޓް ޖޯޖް މެސީ ދޮގު ކޮށްފިއެވެ.

މެސީ ސައުދީގެ ކްލަބަކަށް ބަދަލުވާން އުޅޭ ޚަބަރުތައް ފެތުރީ ފްރާންސާއި ގަތަރުގެ މީޑިޔާތަކުންނެވެ. އެކަމަކު އޭގެ ދެތިން ގަޑިއިރު ފަހުން ބާސެލޯނާ އާއި ގާތް ގުޅުމެއް އޮންނަ ސްޕެއިނުގެ މަޝްހޫރު ނޫސްވެރިޔާ ޖެރާޑޯ ރޮމެރޯ ވަނީ މީޑިޔާގައި ފެތުރު ޚަބަރުތަަކީ ހަގީގަތެއް ނެތް ޚަބަރުތަކެއް ކަމަށާއި މެސީގެ ވިސްނުން ހުރީ އެނބުރި ބާސެލޯނާއަށް ބަދަލުވާން ކަމަށް ރިޕޯޓް ކޮށްފައެވެ.

މީޑިޔާގައި ފެތުރެމުން އަންނަ ޚަބަރުތަކާ ގުޅޭ ގޮތުން މެސީގެ ބައްޕަ ބުނީ ސައުދީ އަރަބިއްޔާ އަދި އެހެން ގައުމެއްގެ ކްލަބަކާއެކުވެސް އެއްވެސް އެއްބަސްވުމަކަށް މިހާތަނަށް އައިސްފައި ނުވާ ކަމަށެވެ.

"މެސީ ސައުދީ ކްލަބަކަށް ބަދަލުވާން އެއްބަސްވެފައިވާ ކަމަށް ދެކެވޭ ވާހަކައިގައި އެއްވެސް އަސްލެއް ނެތް. ކުރިއަށް އޮތް ސީޒަނުގައި ކުޅޭނެ މެސީ ނިންމާނީ މިހާރު ކުރިއަށްދާ ސީޒަން ނިމުމުން އެންމެ ރަނގަޅު ގޮތަކީ ބެލުމަށްފަހު" މެސީގެ ބައްޕަ މިއަދު ނެރެނުނު ނޫސްބަޔާނުގައި ބުނެފައިވެއެވެ.

މި ނޫސްބަޔާނުގައި އިތުރަށް ބުނެފައި ވަނީ މެސީ، ސައުދީ ކްލަބަކަށް ބަދަލުުވާން އެއްބަސްވެއްޖެ ކަމަށް ޚަބަރު ފެތުރި މީޑިޔާތަކުން ޚަބަރު ފެތުރީ އެއްވެސް ހެއްކެއް ހޯދުމަކާ ނުލައި ކަމަށާއި ހަމައެކަނި ހިތްއެދޭ ގޮތެއްގެ މައްޗަށް ކަމަށެވެ. "ޚަބަރު ފެތުރުމުގައި ތެދުދޮގު ޔަގީން ކުރަން ޖެހޭ. އެމީހުން (ޚަބަރު ފެތުރު މީޑިޔާތަކުން) ބޭނުމެއް ނުވި ކަމާ ގުޅުންހުރި ފަރާތްތަކުގެ ކިބައިން ތެދު މައުލޫމާތު ހޯދާކަށް" މެސީގެ ބައްޕަ ނެރުނު ނޫސްބަޔާނުގައި ބުނެފައިވެއެވެ.

ޕީއެސްޖީއާއެކު މެސީ ހަދާފައިވާ އެއްބަސްވުން ކުރިއަށް އޮތް ޖޫން މަހު ހަމަވާނެއެވެ. ކުރިއަށް އޮތް ސީޒަނަށް މެސީ ގެންދިޔުމަށް މަސައްކަތް ކުރަމުން އަންނަނީ މެސީގެ ކުރީގެ ކްލަބް ބާސެލޯނާއިންނާއި ސައުދީގެ މުއްސަނދި ކްލަބް އަލް ހިލާލްއިންނެވެ. ހިލާލްއިން ރަސްމީ ފަރާތްތަކުން ވަނީ މެސީއަށް ސީޒަނަށް 400 މިލިޔަން ޔޫރޯ ދިނުމަށް ތައްޔާރަށް ތިބިކަން ހާމަ ކޮށްފައެވެ. އެކަމަކު ރަސްމީކޮށް ހުށަހެޅުމެއް މެސީއަށް މިހާތަނަށް ހުށަހަޅާފައެއް ނުވެއެވެ.