އެމްޑަބްލިއުއެސްސީ ދިވެހި ޕްރިމިއަރ ލީގުގައި މިރޭ ގްރީން ސްޓްރީޓް އަތުން ފަސޭހަކަމާއެކު 5-1 އިން ސްޕަރ ޔުނައިޓެޑް ސްޕޯޓްސް (ސަސް) މޮޅުވެއްޖެއެވެ.

ގަލޮޅު ދަނޑުގައި ކުޅުނު މިމެޗުގައި ގްރީން ސްޓްރީޓުގެ ގޯލް ސަސްއިން ހުޅުވާލީ 17 ވަނަ މިނެޓުގައި މުހައްމަދު ނިޒާމް ކާމިޔާބު ކުރި ލަނޑުންނެވެ. އޭގެ ފަހުން 31 ވަނަ މިނެޓުގައި އަހްމަދު އައިހަމްގެ ލަނޑުން ސަސްއިން ލީޑް ފުޅާ ކުރިއެވެ. ސަސްގެ ތިންވަނަ ލަނޑު 33 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ އަލީ ނަސޫހް ރަޝީދެވެ.

ދެވަނަ ހާފް ފަށައިގެން ގްރީންއަށް މެޗު ތެރެއަށް ރަނގަޅަށް ނުވަދެވި އުޅެނިކޮށް ސަސްގެ ހަތަރު ވަނަ ލަނޑު 54 ވަނަ މިނެޓުގައި ކާމިޔާބު ކުރިއެވެ. މިލަނޑު ކާމިޔާބު ކޮށްދިނީ ފުރަތަމަ ލަނޑުވެސް ކާމިޔާބު ކޮށްދިން ނިޒާމެވެ. ސަސްގެ 5 ވަނަ ލަނޑު 85 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ އަހްނަފް ރަޝީދެވެ. ގްރީންގެ ހަމައެކަނި ލަނޑު ފެނިގެންދިޔައީ 88 ވަނަ މިނެޓުގައެވެ. މިލަނޑު ކާމިޔާބު ކޮށްދިނީ އަބްދުﷲ އަނޫސްއެވެ.

މިއީ މިފަހަރުގެ ދިވެހި ޕްރިމިއަރ ލީގުގައި މިދެޓީމުވެސް ކުޅުނު ފުރަތަމަ މެޗެވެ.